Advertisement

މިދިޔަ ދެއަހަރާއި ބައި ވަރަށް ކާމިޔާބު، ރައީސަށް ސެލިއުޓް ހައްގު: އަބްދުއްރަހީމް

06 Aug 2026 | 11:19
ރޭގެ ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ -- ފޮޓޯ: ޕީއެންސީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމުގެ މިދިޔަ ދެއަހަރާއި ބައިގައި ހާސިލުކުރެއްވި ކާމިޔާބީތަކަށް ސެލިއުޓް ޙައްޤު ކަމަށާއި 2028 ގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރެއް އެ މަނިކުފާނަށް ދެއްވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީން އއ. އުކުޅަހުގައި ރޭ ބޭއްވި ޖަލްސާގައި ޕާޓީގެ މެންބަރުންނާ މުޚާޠަބުކުރައްވަމުންނެވެ. މި ބައްދަލުވުމުގަިއ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement

ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ބޮޑެތި ދަރަނިތަކެއްގެ ތެރޭގައި ކަމަށެވެ. އިދިކޮޅު ފަރާތްތައް ތިބީ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ހިސާބު ޖަހައިގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެން ނަމަވެސް ކުރީގެ ސަރުކާރުތަކުން ނެގި ދަރަނިތައް ދައްކަވަމުން ތަރައްޤީގެ މަޝްރޫޢުތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވީ ރައީސް މުއިއްޒުގެ ވަރުގަދަ ލީޑާޝިޕްގެ ސަބަބުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"ތިން އަހަރަށް ދާން ދިޔައިރު ބަނގުރޫޓެއް ނުވޭ މުސާރަ ބަރާބަރަށް ދެވޭ. ކާޑުގެ ބާވަތްތައް ބަރާބަރަށް ލިބޭ. ތެޔޮ ބަރާބަރަށް ލިބޭ. އަސާސީ ހުރިހާ ހިދުމަތްތައް ބަރާބަރަށް ލިބޭ. ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ހިނގަމުން އެބަދޭ. ދަރަނި އެބަ ދައްކާ. ލޯނެއް ނުނަގާ ފައިސާ ޗާޕެއް ނުކުރޭ. އެހެންވީމަ ސެލިއުޓްކުރަން ޖެހެނީ ރައީސް މުއިއްޒަށް" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން އަނިޔާވެރިކަން އިސް ނުކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވައި މަގުތަކަކީ ރައްކާތެރިކަމާ އެކު ހިނގާބިނގާވެ އުޅެވޭ ތަންތަނަށް ހައްދަވައިދެއްވައިފައިވާ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި އެމްޑީޕީން "އަނެއް ދިވެހިރާއްޖެ" ނަމުގައި ކުރި ދަތުރު "ދިވެހީންގެ ރާއްޖެ" އަށް ބަދަލުކުރައްވައި ޤައުމު ހަމަ މަގަށް އެޅުއްވީ ރައީސް މުއިއްޒު ކަމަށާއި އެ ކާމިޔާބީ ހަޖަމު ނުވެގެން އިދިކޮޅުން ތަފާތު ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.


Advertisement

ކޮމެންޓް