އިސްތިއުމާރީ އިޒްރޭލުގެ ވަޒަންވެރިންނާއި ސިފައިން ނާބުލުސަށް އަރައި 11 ފަލަސްޠީނު މީހަކު ޒަޚަމްކޮށްލައިފި
އިސްތިއުމާރީ އިޒްރޭލުގެ ވަޒަންވެރިންނާއި ސިފައިން ހުކުރު ދުވަހު ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބުލުސްގެ ޖުނައިދު އަވަށަށް ވަދެ ކުޑަކުދިން ހިމެނޭ ގޮތަށް 11 ފަލަސްޠީނު މީހަކު ޒަޚަމްކޮށްލައިފިއެވެ.
ޞިއްޙީ މަސްދަރުތަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒަޚަމްވި 11 މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެއެވެ. އިޒްރޭލު ސިފައިން ވަނީ ވަޒަނާއި ސްޓަން ގްރެނޭޑާއި ކަރުނަ ގޭސް ޖަހައިފައެވެ. ފަލަސްޠީނު ރެޑް ކްރެސެންޓް ސޮސައިޓީން ބުނީ ޒަޚަމްވި އެކަކުގެ ބަނޑަށް ވަޒަން އެރި ކަމަށެވެ.
އިޒްރޭލު ސިފައިން ހުކުރު ދުވަހު ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުން މަދުވެގެން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްޠީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ނާބުލުސް، ޠާލް، ސާލިމް އަދި ބައިތުލަޙަމް ހިމެނެއެވެ. އަލް ޖަޒީރާގެ ނޫސްވެރިން ރިޕޯޓުކުރި ގޮތުގައި ވަޒަންވެރިންނާއި ސިފައިން ޠާލްގެ ޢައިން އަލް މަޒްރަބް ސަރަޙައްދާއި ނާބުލުސްގެ ހުޅަނގުން އޮންނަ އަލް ޢާމިރިއްޔާ ސަރަޙައްދަށް ވަދެ ފަހުން ނުކުމެފައިވެއެވެ.
އިޒްރޭލު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ "އިޒްރޭލުގެ ޢާންމު ރައްޔިތުން" ހިފާފައިވާ ހުޅަނގު އައްސޭރީގެ އޭރިއާ އޭ އަށް ވަދެފައިވާ ކަމަށާއި، އިޒްރޭލުގެ ޤާނޫނުގެ ދަށުން އެއީ މަނާ ކަމެއް ކަމަށެވެ. އެ ބަޔާނުގައި ބުނީ އެ އެންމެން ނާބުލުސް ސަރަޙައްދުން ނުކުމެފައިވާ ކަމަށާއި، ފަލަސްޠީނުގެ ޤަބުރުސްތާނަކަށް ގެއްލުން ދީފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
ބުރާސްފަތި ދުވަހު ހެނދުނު އިޒްރޭލު ސިފައިން ޠާލަށް ވަދެ ފަލަސްޠީނުގެ ހަތަރު ގެއެއް ހިފައި އެ ތަންތަން އަސްކަރީ ބެރެކްސްތަކަށް ބަދަލުކޮށްފައިވެއެވެ. އެއީ މިދިޔަ ހަފުތާގައި ޠާލަށް ހަމަލާ ދިން ވަޒަންވެރިންގެ ގްރޫޕަކުން ދެ އިޒްރޭލު މީހަކު މަރުވުމާ ގުޅިގެން، ވަޒަންވެރިން ހުކުރު ދުވަހު ބޮޑު އެއްވުމަކަށް ގޮވައިލައިފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ހަފުތާގެ އެ ހަމަލާގައި ހަތަރު ފަލަސްޠީނު މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ. އެއީ ފަހަކަށް އައިސް ހިނގި އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ. ވަޒަންވެރިން ވަނީ ފަލަސްޠީނު ރައްޔިތުންގެ ގެތަކާއި އުޅަނދުތަކުގައި ހުޅުޖަހައިފައެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރިންގެ ހަމަލާތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މި ހަފުތާ ތެރޭގައި އިޒްރޭލު ސިފައިން ޠާލާއި ނާބުލުސް ސަރަޙައްދުގައި ރެއިޑްތައް ހިންގައި މީހުން ހައްޔަރުކޮށް، އެ ސަރަޙައްދު ވަނީ ޢަމަލީ ގޮތުން ޙިޞާރެއްގެ ތެރެއަށް ވައްޓައިލައިފައެވެ.