Advertisement

އެސްޓީއޯގެ ދެވަނަ ކުއާޓަރުގެ ސާފު ފައިދާ 280 މިލިއަން ރުފިޔާއަށް އަރައިފި

29 Jul 2026 | 21:55
އެސްޓީއޯގެ ފިހާރައެއް -- ފޮޓޯ: އެސްޓީއޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ހޯދައި ފުރަތަމަ ކުއާޓަރަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެފިއެވެ.

އެ ކުންފުނީގެ ދެވަނަ ކުއާޓަރުގެ މާލީ ބަޔާނުން ދައްކާ ގޮތުގައި ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 276 މިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީ 6.9 ބިލިއަން ރުފިޔާއަށް އެރިއިރު ކުރީ ކުއާޓަރާ އަޅައިބެލީމާ މިއީ 27 އިންސައްތައިގެ ކުރިއެރުމެކެވެ.

Advertisement

މުދާ ވިއްކުމުގެ ޚަރަދުގެ ގޮތުގައި 6.2 ބިލިއަން ރުފިޔާ ރެކޯޑުކޮށްފައިވާއިރު ޖުމްލަ ފައިދާގެ ގޮތުގައި 757 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެސްޓީއޯއިން ބުނީ އާމްދަނީ މައްޗަށް ދިޔައީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގު ނިސްބަތުން މައްޗަށް ނުގެންގޮސް ހިފެހެއްޓުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރި ނަތީޖާއެއްގެ ގޮތުން ތެލުގެ ވިޔަފާރީން ލިބުނު މާޖިން ކުޑަވެ އެ ދާއިރާގެ ޖުމްލަ ފައިދާ ދަށްވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް އެ ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ނަފާ ރަނގަޅުވެ ޖުމްލަ ފައިދާއަށް ކުރި ނޭދެވޭ އަސަރު ކުޑަކުރެވުނު ކަމަށް ވެސް ބުނެފައިވެއެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން ދެވަނަ ކުއާޓަރުގެ ފައިދާ 335 މިލިއަން ރުފިޔާއަށް އެރިއިރު ކުރީ ކުއާޓަރުތަކާ ޚިލާފަށް އިދާރީ ހިންގުމުގެ ޚަރަދު ކުޑަކުރެވިފައިވާކަން މާލީ ބަޔާނުން ފެނެއެވެ. އެހެންނަމަވެސް މުދާ ވިއްކުމަށް ކުރި ހޭދަ ވަނީ ކުރީ ކުއާޓަރުތަކާ އަޅައިބަލާއިރު އިތުރުވެފައެވެ.

Advertisement

ކޮމެންޓް