Advertisement

މުހައްމަދު މޫސާއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތް އަރުވައިފި

26 Jul 2026 | 11:16
-

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ މުހައްމަދު މޫސާއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.އ.އ.ވ.) އަރުވައިފިއެވެ.

މުހައްމަދު މޫސާއަކީ ވިޔަފާރިއާއި އިގުތިސާދީ ތަރައްގީގެ ތަފާތު ދާއިރާތަކުގައި ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މަޖީދިއްޔާ ސްކޫލުގެ ތައުލީމަށް ފަހު އިންޑިއާގެ ޓެމިލްނާޑޫގެ ޖާމިއާ ދާރުއްސަލާމުން ކިޔަވައިވިދާޅުވެ ކޮއިންބަތޫރުގެ ކާރުހާނާތަކުގައި އަމަލީ ތަޖުރިބާ ހާސިލުކުރެއްވިއެވެ. ރާއްޖެ ވަޑައިގެން އެ މަނިކުފާނު އެންމެ ފުރަތަމަ ފެށްޓެވީ ދަނޑުވެރިކަމުގެ މަސައްކަތެވެ. ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރައްވައި ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެއްވައި އެ ދާއިރާގެ އުފެއްދުންތައް ބާޒާރަށް ނެރުއްވުމުގެ ނިޒާމު ހަމަޖެއްސެވިއެވެ. ގަސްގަހާގެއްސާ ގުޅޭ މަސައްކަތުގެ އަގު ވަޒަންކުރައްވައި 1996 ވަނަ އަހަރު ސަރުކާރުން އެ މަނިކުފާނަށް "ތިމާވެށީގެ ފެހިފަތް" އެރުވިއެވެ. ސަރުކާރުގެ އެގްރިކަލްޗަރ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް އެ މަނިކުފާނު ކުރައްވައިފައިވެއެވެ.

Advertisement

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި މުހައްމަދު މޫސާ އަދާކުރައްވައިފައިވާ ދައުރު ފާހަގަކޮށްލެވެއެވެ. އެ މަނިކުފާނުގެ ވިޔަފާރީގެ ދަށުން މިހާރުވެސް ކާބޯތަކެއްޗާއި ބެވަރެޖްގެ ބާވަތްތައް ފަތުރުވެރިކަމުގެ ވިޔަފާރިތަކަށާއި އާންމުންނަށް ފޯރުކޮށްދެއްވަނީ "ޗަމްޕާ ހޯލްސޭލް" ވިޔަފާރީގެ ޒަރީއާއިންނެވެ. މާލެއަތޮޅު ތުނބަށްފުށީގައި ތަރުކާރީއާއި މޭވާ ހައްދަވައި ގަސްކާނާ އުފައްދަވައި ބާޒާރަށް ނެރުއްވުމުގެ އިތުރުން އެ ރަށުގައި ބޯޓުޔާޑަކާއި އިންޑަސްޓްރިއަލް މަސައްކަތްތައް ހިންގަވައެވެ.

މީގެ އިތުރުން ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ޕްރައިވެޓް ބްރޯޑްކާސްޓިންގ ސްޓޭޝަން "ދި އެފް.އެމް." އާއި "ދި އެފް.އެމް. ޕްލަސް" އަދި "ދި ޓީ.ވީ." ގެ ބާނީއަކީވެސް އެ މަނިކުފާނެވެ. އާއިލީ ފައުންޑޭޝަނެއް ކަމަށްވާ "އަލިފުޅު ތުއްތު ފައުންޑޭޝަން" މެދުވެރިކޮށް ކޮންމެ އަހަރަކު ސްކޮލަރޝިޕް ދެއްވުމާ އެކު މުޖުތަމައަށް ފައިދާ ކުރާ އެކި މަޝްރޫއުތައް ހިންގަވައިފައިވެއެވެ. ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކުގެ ގޮތުގައި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރެއްވުމާއި ޅ. މަޑިވަރު ޑޮމެސްޓިކް އެއަރޕޯޓް ގާއިމުކުރެއްވުން ހިމެނެއެވެ. ހަމައެހެންމެ "މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ" އާއި "ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް" އުފެއްދެވުމުގައްޔާއި ޓާޝަރީ ފެންވަރުގެ "ޓްރީ ޓޮޕް ހޮސްޕިޓަލް" ގާއިމުކުރެއްވުމުގައި އެ މަނިކުފާނުގެ ހިއްސާ ބޮޑެވެ.

މުހައްމަދު މޫސާއަށް ކުރިން 26 ޖުލައި 2013 ގައި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް (ނ.މ.ޝ.އ) އެރުވިފައިވެއެވެ. އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ޝަރަފުތަކުގެ ތެރޭގައި 2022 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި "ޓޫރިޒަމް ގޯލްޑް އެވޯޑް" އާއި 2024 ވަނަ އަހަރުގެ ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑްސްގެ "ފޭސް އޮފް ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑް" ހިމެނެއެވެ.

Advertisement

ކޮމެންޓް