ކޮންޓްރޯލް ޑެލިވަރީއަކުން ފެނުނު 8.3 ކިލޯގެ މަސްތުވާތަކެތި: ތިން ދިވެއްސަކު 30 ދުވަހަށް ބަންދަށް
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައި ތިން މީހަކު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ތިން މީހުން ވެސް ބަންދުކޮށްފައި ވަނީ ކަސްޓޯޑިއަލް ޖަލުގައި ކަމަށާއި، ބަންދުގެ މުއްދަތު ފެށެނީ 25 ޖުލައި 2026 ގައި ކަމަށް ބަންދު އަމުރުތަކުން އެނގެއެވެ. މުއްދަތު ހަމަވާނީ 24 އޮގަސްޓް 2026 ގައެވެ.
ބަންދުކުރި ތިން މީހުންނަކީ ގ. ހޭޅި، ކ. މާލެ، ޙަސަން ޝަމްޢޫން (36 އ.) އާއި ހ. ކަހަފތި، ކ. މާލެ، އިލްޔާސް އަޙްމަދު (42 އ.) އާއި ލ. މާބައިދޫ، ލީލީމާގެ، އަޙްމަދު އަފްރާޙް (33 އ.) އެވެ. ތިން އަމުރު ވެސް ނެރުއްވީ ޤާޟީ އަޙްމަދު ނިޔާޒެވެ.
ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، މި މައްސަލަ ފެށިގެން އައީ މި އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާގެ ދެ ރައްޔިތެއްގެ ލަގެޖުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނުމުންނެވެ. އެ ތަކެތި ތަޙުލީލުކުރުމުން ޓެޓްރަހައިޑްރޯކެނެބިނޯލް އަދި ކެނެބިނޯލްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، ޖުމުލަ ބަރުދަނުގައި 8.3 ކިލޯ ގްރާމް ހުރި ކަމަށް ބަޔާންކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. ލަގެޖުތައް ޙަވާލުވި މީހަކީ މުޙައްމަދު މުސްތާޤު ޖަމާލް ކަމަށާއި، ލަގެޖުތައް ހިފައިގެން އޭނާ ފޭބުމުން، ބަންދުކުރި މީހުން ޖީއެން ސައިކަލެއްގައި ފަހަތުން ފޮލޯކުރި މަންޒަރު ފެންނަ ކަމަށް އަމުރުތަކުގައި ބުނެފައިވެއެވެ. ހުޅުމާލޭގައި ހުންނަ ދުބާއީ ޝޮޕާއި މާލޭގައި ހުންނަ އަސްޑާ ކެފޭ ސަރަޙައްދުގައި މި ފަރާތްތައް ހަރަކާތްތެރިވި މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ފުލުހުން މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދާން މަސައްކަތްކުރި ކަމަށް އަމުރުތަކުގައި ފާހަގަކޮށްފައިވެއެވެ. ކުޑަކަމުދާ ތަކެތި ތަޙުލީލުކުރުމުން، ޝަމްޢޫން އެމްފިޓަމިން އަދި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާއިރު، އަނެއް ދެ މީހުން ކެނަބިސްއަށް ޕޮޒިޓިވްވެފައިވެއެވެ. ޝަމްޢޫންގެ އަތުން ނެގުނު ފޯނު، ކޯޓު އަމުރެއްގެ ދަށުން ހުޅުވައިދިނުމަށް އެންގުމުން ވެސް ހުޅުވައިދީފައި ނުވާ ކަމަށް ބަޔާންކޮށްފައިވެއެވެ. އިލްޔާސް އާއި އަފްރާޙްއަކީ ކުރީން ވެސް ހައްޔަރުކޮށް ބަންދުކުރި ރެކޯޑް އޮންނަ ދެ މީހުންނެވެ.
ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ބަންދުގައި ބެހެއްޓުމަށް ނިންމެވި ކަމަށް އަމުރުތަކުގައި ބަޔާންކޮށްފައިވެއެވެ. މިއީ ގިނަ ބައެއްގެ ބައިވެރިވުން ހިމެނޭ ބޮޑު މަސްތުވާތަކެތީގެ މައްސަލައެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް އަމުރުތަކުގައި ފާހަގަކޮށްފައިވެއެވެ. ޝަރުޠުތަކާ އެކު ދޫކޮށްލުމަށް ދިފާޢީ ވަކީލުން އެދިފައިވެއެވެ.