ހިލޭ އެހީގެ ގޮތުގައި މިއަހަރު ދައުލަތަށް 439 މިލިއަން ރުފިޔާ ލިބިއްޖެ
މި އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 439 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މާލީ ވުޒާރާގެ ތަފާސް ހިސާބު ދައްކާގޮތުން މިއަހަރު ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކުރި 374 މިލިއަން ރުފިޔާ މިހާރު ވަނީ ފަހަނައަޅައި ގޮސްފައެވެ. އަދި މި އަހަރު ލިބުނު ޖުމްލަ ހިލޭ އެހީ ވަނީ ބަޖެޓުގައި ކަނޑައެޅި މިންވަރަށް ވުރެ 17 އިންސައްތަ މައްޗަށް ޖެހިލައިފައެވެ.
ބަޖެޓު ފޮތުގައި ހިލޭ އެހީގެ ތެރެއިން ޕްރޮޖެކްޓްތަކަށް 324 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް ކޭޝް ގްރާންޓުގެ ގޮތުގައި އެއްވެސް ޢަދަދެއް ހިމަނައިފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ މި ޢަދަދަކީ 2024 ވަނަ އަހަރު މުޅި ޖުމްލަ ލިބުނު ހިލޭ އެހީއަށް ވުރެ ވެސް ބޮޑު ޢަދަދެއް ކަމެވެ. މިދިޔަ އަހަރު 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް ލިބުނީ 400 މިލިއަން ރުފިޔާއެވެ.
އޭގެ ތެރޭގައި ހިމެނެނީ ކޭޝް ގްރާންޓުގެ ގޮތުގައި ލިބުނު 34 މިލިއަން ރުފިޔާ އާއި ޕްރޮޖެކްޓް ގްރާންޓުގެ ގޮތުގައި ލިބުނު 339 މިލިއަން ރުފިޔާއެވެ.
އެހެންނަމަވެސް ބަޖެޓު ފޮތުން ފެންނަ ގޮތުގައި މެދުރާސްތާގައި ރާއްޖެއަށް ލިބޭ ހިލޭ އެހީ ދަށަށް ދާނެ ކަމަށް ލަފާކުރެވެއެވެ. ކުރިއަށް އޮތް ދެ އަހަރުގައި ވެސް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ.
2021 އިން 2023 އަށް ކޮންމެ އަހަރެއްގައި ވެސް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް އެއް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ލިބިފައިވެއެވެ.