Advertisement

ތިލަފުށީގައި ބިދޭސީއަކު މަރުވި މައްސަލައިގައި ދައުވާ ނުކުރަން ޕީޖީން ނިންމައިފި

22 Jul 2026 | 11:49
ތިލަފުށީ ކުނި ގޮނޑޫގައި މީހަކު -- ފޮޓޯ: ހާނީ އާމިރު

ކ. ތިލަފުށީ ވޯކް ސައިޓެއްގައި ބަންގްލަދޭޝް ރައްޔިތެއް މަރުވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ސްރީ ލަންކާ މީހާގެ މައްޗަށް ދައުވާ ނުއުފުލަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފިއެވެ.

މި ހާދިސާގައި މަރުވެފައިވަނީ 24 އަހަރުގެ އަމީން މިއާ ނަމަކަށް ކިޔާ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ތިލަފުށީގައި ހުރި ކުނި ފުންޏެއްގެ ތެރެއިންނެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ ސްރީ ލަންކާގެ 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ ދުއްވި އެކްސްކަވޭޓަރުގެ ދަތްގަނޑު ޖެހި އަމީން މިއާ ވެއްޓުމަށް ފަހު ކުނިތަކާ އެކު އޭނާގެ ހަށިގަނޑު އެހެން ސަރަހައްދަކަށް ގެންދެވިގެންނެވެ. އެ ހާދިސާއާ ގުޅިގެން ހެޝަން މަދުރަންގަ ހައްޔަރުކޮށް ބަންދުގައި ދުވަސްތަކެއް ބެހެއްޓުމަށް ފަހު ގަސްދަކާ ނުލައި މީހަކު މެރުމުގެ ދައުވާ އުފުލައިދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ހުށަހެޅިއެވެ.

ނަމަވެސް ޕީޖީ އޮފީހުން މިދިޔަ އެޕްރީލް މަހު ނިންމީ ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ. ޕީޖީ އޮފީހުން ފާހަގަކުރި ގޮތުގައި އަމީން މިއާގެ މަރުވުމުގައި ޑްރައިވަރުގެ ފަރާތުން އިހުމާލެއް ހިނގާފައި ނުވެއެވެ.

ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރެގެން ނުވާނެ މީހެއްގެ ގޮތުގައި އަމީން މިއާ ސިފަކުރައްވައި ކުނިގޮނޑަށް މީހުން އެރުން ވެމްކޯއިން މަނާކޮށްފައި އޮތް ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ހާދިސާ ހިނގި ވަގުތު އަމީން މިއާ ހުރީ އެކްސްކަވޭޓަރާ ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ދުރުގައި ކަމަށާއި ފުލުހުން ހާދިސާ ހިނގި ގޮތް އަލުން ކުޅުނުއިރު އެ ސަރަހައްދުގެ އަލިކަން ހުރި ގޮތުން ޑްރައިވަރަށް މީހަކު ހުރިކަން ނޭނގޭނެ ކަން ހާމަވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އޭގެ އިތުރުން އެ ދެ މީހުންގެ ދެމެދުގައި އެއްވެސް ބާވަތެއްގެ ޒާތީ ހަސަދަވެރިކަމެއް އޮތް ކަމެއް ވެސް ތަހުގީގަށް ފާހަގަނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް