ޣައްޒާގައި ޗިކަން ޕޮކްސްގެ 9,300 އަށް ވުރެ ގިނަ ކޭސް - ތޮއްޖެހިފައިވާ ފޭލިގެތަކުގައި ބަލި ކޮންޓްރޯލު ކުރެވޭނެ ގޮތެއްނެތް
އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ޣައްޒާގެ ޞިއްޙީ ނިޒާމާއި އިންފްރާސްޓްރަކްޗާ ހަލާކުވެ، ޗިކަން ޕޮކްސް ވެސް ފެތުރެން ފަށައިފިއެވެ.
ޖުލައި ކުރީކޮޅާ ހަމައަށް 9,300 އަށް ވުރެ ގިނަ ކޭސް ރެކޯޑުކުރެވިފައިވާ ކަމަށް ޔުނިސެފުން ބުނެފައިވެއެވެ. އެންމެ ގިނައިން ކޭސް ފެނިފައި ވަނީ ދެކުނުގެ ޚާން ޔޫނިސް އިންނެވެ.
ޔުނިސެފުގެ ތަރުޖަމާނު ލޫއީސް ވޯޓަރިޖް ބުނީ ޚާން ޔޫނިސް އަކީ ޣައްޒާގައި އެންމެ ތޮއްޖެހިފައިވާ ސަރަޙައްދު ކަމަށާއި ޢާއިލާތައް ދިރިއުޅެނީ ގާތްގަނޑަކަށް އެކަކު އަނެކެއްގެ މައްޗަށް ކަމަށެވެ. ފަލަސްޠީނު ރެޑް ކްރެސެންޓުގެ ހަމުގެ ޑޮކްޓަރު ރާއިދު ޢަބްދުލްކަރީމް އަބޫ ސަރިއްޔާ ބުނީ ޗިކަން ޕޮކްސް އަކީ ނޭވާލާ ނިޒާމުން ފެތުރޭ ބައްޔެއް ކަމުން ބަލި މީހުން އެކަހެރި ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ކުޑަ ފޭލިގެއެއްގައި 10، 15 ނުވަތަ 20 މީހުން ދިރިއުޅޭ ނަމަ ބަލި މީހާ ވަކިކުރާނީ ކޮންތާކުތޯ ޑޮކްޓަރު ސުވާލު އުފެއްދިއެވެ.
ޢުމުރުން އަށް އަހަރުގެ ރޫބާ ސަޢާދެހް ގެ ގައިގައި ރަތް ބިހިތައް ނަގާފައި ވާ އިރު، ޢާއިލާ އާ އެކު ފޭލިގެއެއްގައި ދިރިއުޅެނީއެވެ. ރޫބާ ގެ 19 އަހަރުގެ ދައްތަ ޢަލާ ބުނީ ޑޮކްޓަރު ބުނީ 20 ދުވަހު އެކަހެރިކޮށް ބައިންދައި ކޮންމެ ދުވަހަކު ސާފުކުރަން ކަމަށެވެ. "އެކަމަކު ކިހިނެއް އެކަހެރި ކުރާނީ؟ އަހަރެމެން އެންމެން ދިރިއުޅެނީ އެއް ފޭލިގެއެއްގައި" ކަމަށް ޢަލާ ބުންޏެވެ. ފެން ލިބެނީ ހަފުތާއަކު އެއް ފަހަރު ކަމަށާއި އެ ފެން ވެސް ލޮނު ކަމަށް ޢަލާ ބުންޏެވެ.
ރޫބާ ބުނީ ކުރީން ކޮންމެ ދުވަހަކު ފެންވެރި ކަމަށާއި މިހާރު ސައިބޯންޏެއް، ޝޭމްޕޫއެއް، ޑިޓާޖެންޓެއް ނެތް ކަމަށެވެ. "ފޭލިގެތަކުގައި ދިރިއުޅެނީ. މީދާ ގިނަ ކަމުން ނިދެނީ ވެސް ނޫން" ކަމަށް ރޫބާ ބުންޏެވެ.
ވޯޓަރިޖް ބުނީ ޗިކަން ޕޮކްސް އަކީ މައްސަލައިގެ އެއް ބައި ކަމަށާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ބޭރަށް ހިންގުމާއި ހަމުގެ ބަލިތައްވެސް ފެތުރެމުން ދާ ކަމަށެވެ. ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭން ޖެހޭ ކުޑަކުދީންގެ ޢަދަދު އިތުރުވެފައި ވާ އިރު ޣައްޒާގެ ޞިއްޙީ ނިޒާމު ވަނީ ފުނޑުފުނޑުވުމުގެ ތުންފަތް މަތީގައެވެ.
ވޯޓަރިޖް ގޮވައިލީ ޣައްޒާ އަށް އިތުރު ބޭސް ވައްދައި، މީހުން ދިރިއުޅެވޭ ފެންވަރުގެ ޖާގަ ހެދުމަށެވެ. މާތް ﷲ ޣައްޒާގެ ރައްޔިތުންނަށް ޝިފާ ދެއްވާ، ކެތްތެރިކަން ދެއްވާށިއެވެ.