Advertisement

ވޯލްޑް ކަޕް ފައިނަލަށް ފަހު އާޖެންޓީނާ ކުޅުންތެރީން ސްޕެއިނާ ކުރިމަތިލި މައްސަލަ ފީފާ އިން ތަޙުޤީޤު ކުރަނީ

21 Jul 2026 | 07:07
-

ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި ސްޕެއިން އާޖެންޓީނާ ބަލިކުރުމަށް ފަހު ދަނޑު މަތީގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާ އިން ތަޙުޤީޤު ފަށައިފިއެވެ.

ފީފާ ގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ މި މައްސަލަ ބެލުމަށް ޑިސިޕްލިނަރީ އެންޑް އެތިކްސް ޕްރޮސެކިއުޓަރެއް ހަމަޖައްސައިފައެވެ.

Advertisement

ވީޑިއޯ ރީޕްލޭތަކުން ފެންނަ ގޮތުގައި އާޖެންޓީނާގެ މިޑްފީލްޑަރު ލެއާންޑްރޯ ޕަރެދެސް ވަނީ ސްޕެއިނުގެ އެރިކް ގާސިއާ ގެ ކަރުގައި ހިފައި ކޮށްޕައިލައިފައެވެ. ސްޕެއިނުގެ ބަދަލު ކުޅުންތެރިޔާ ގަވީ މެދަށް ވަނުމުން ޕަރެދެސް ވަނީ ގަވީ ބިންމައްޗަށް ވައްޓައިލައިފައެވެ. ސްޕެއިނުގެ ކެޕްޓަން ރޮޑްރީ ގެ ބަނޑުގައި އާޖެންޓީނާގެ ޑިފެންޑަރު ނައުއެލް މޮލީނާ ޖެހި ކަމަށް ވެސް ފެނެއެވެ. މޮލީނާ ވަނީ ރޮޑްރީ ވަށައިލައި، ކުރީގެ މެންޗެސްޓާ ސިޓީ ޓީމުމޭޓު ނިކޮލަސް އޮޓަމެންޑީ ރޮޑްރީ އާ ދިމާލަށް ހޫނު ބަސްތައް ރައްދުކޮށްފައެވެ. އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނީ އާއި އެހެން ކުޅުންތެރީން ވަނީ ހާލަތު ހަމައަކަށް އެޅުވުމަށް މައިދާނަށް ނުކުމެފައެވެ.

ފީފާ ގެ ބަޔާނުގައި ތަޙުޤީޤު ނިމޭނެ ވަގުތެއް ބުނެފައެއް ނުވެއެވެ. ޕަރެދެސް ގެ ނަން ބަޔާނުގައި ފާހަގަކޮށްފައި ނުވި ނަމަވެސް، މެޗަށް ފަހު ރަތް ކާޑެއް ދައްކައިފައި ނުވާ ޕަރެދެސް އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ.

އާދީއްތަ ދުވަހު ކުޅުނު ފައިނަލް ސްޕެއިނުން ކާމިޔާބުކުރީ އިތުރު ވަގުތު ކުޅެގެން 1-0 އިންނެވެ. 90 މިނެޓު ހަމަވީ އިރު އެއްވަރުވެފައި ވަނިކޮށް، އާޖެންޓީނާގެ އެންޒޯ ފެނާންޑެޒް އަށް ދެވަނަ ރީނދޫ ކާޑު ދައްކައި ދަނޑުން ފޮނުވައިލުމާ އެކު އާޖެންޓީނާ 10 ކުޅުންތެރީންނަށް މަދުވިއެވެ.

ޓްރޮފީ އުފުލި ވަގުތު އާޖެންޓީނާ ކުޅުންތެރީން ތިބީ ޕޯޑިއަމް އަށް ފުރަގަސްދީ، އެ ޓީމުގެ ސަޕޯޓަރުންނާ ދިމާލަށް ކުރިމަތިލައިގެންނެވެ. ސްޕެއިނުން އާޖެންޓީނާ ކުޅުންތެރީން ގާޑް އޮފް އޮނާ އެއް ދީ، މެޑަލް އެޅުމަށް ދައުވަތު ދީފައި ވަނިކޮށް، ފުރަގަސް ދީ ތިބުމަކީ ޗެމްޕިއަނުންނަށް ކުރެވުނު ބޭއިޙްތިރާމެއް ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް