އީރާނާއި އެމެރިކާ ހަމަލަ ބަދަލުކުރުން ހުއްޓުމެއްނެތް ދިހަވަނަ ދުވަހަކަށް
ޖޫން 17 ގައި ސޮއިކުރި ހަމަލަ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ރޫޅި، އެމެރިކާ އާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރާތާ މިއަދަށް 10 ދުވަސް ވީ އެވެ.
ހޯމަ ދުވަހު ވެސް (ޖީއެމްޓީ ގަޑީން ބަލާ ނަމަ ޖުލައި 20) އެމެރިކާ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ ހޮރުމޫޒް ކަނޑުއޮޅީގައި ވިޔަފާރި ބޯޓުފަހަރަށް ނުރައްކާކުރާ އީރާނުގެ އަސްކަރީ ޤާބިލުކަން ނައްތައިލުމަށް ކަމަށް ބުނެ ހަމަލާ ދީފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ ރިޕޯޓުކުރި ގޮތުގައި ހަމަލާ އެރި ތަންތަނުގެ ތެރޭގައި އުތުރު ހުޅަނގުގެ ޓެބްރީޒާއި، ގަލްފް އޮފް އޮމާން ގެ ޗާބަހާރާއި ކޮނާރަކާއި، ޕާޝިއަން ގަލްފްގެ ބަންދަރު މަހްޝަހުރާއި ބަންދަރު އިމާމް ޚުމައިނީ އާއި، ހޮރުމޫޒް ކަނޑުއޮޅީގެ ޖާސްކާއި ސީރިކް އަދި ބޫޝެހުރު ހިމެނެއެވެ. އީރާނުން ވެސް "ދުޝްމިނުންގެ އަމާޒުތަކަށް" މިސައިލްގެ އައު ބުރެއް ފޮނުވި ކަމަށް ބުނެފައިވެއެވެ. ނަމަވެސް އަމާޒުތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން ވަނީ ހޮރުމޫޒް ކަނޑުއޮޅީގެ ދެކުނު މަގުން ދަތުރުކުރަން އުޅުނު ދެ ޓޭންކަރަކަށް ހަމަލާ ދީފައެވެ. ހަފުތާ ބަންދުގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރުވެފައިވެއެވެ. ސެންޓްކޮމް އިން ބުނީ އެކަކު މަރުވީ ޢިރާޤުގައި ކަމަށާއި ޢުރުދުންގައި އީރާނުގެ މިސައިލް ހަމަލާ އެރި ތަނުން ތިންވަނަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. މިއާ އެކު މި ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ ރަސްމީ ޢަދަދު 17 އަށް އެރީއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި ތިބި އެމެރިކާ ރައްޔިތުންނަށް ރައްކާތެރިވުމުގެ އިންޒާރެއް ނެރެފައެވެ. ޚާއްޞަކޮށް މެދުއިރުމަތީގައި ތިބި ފަރާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ. ބަޙްރައިނުގައި ހުންނަ އެމެރިކާ އެމްބަސީން ވެސް ވަނީ މެނާމާގެ ތެރޭގައި އީރާނުން ހަމަލާ ދީފާނެ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ބުނެ ސަމާލުވުމަށް ގޮވައިލައިފައެވެ.
ޖޫން 17 ގައި ދެ ޤައުމުން ސޮއިކުރި އެމް.އޯ.ޔޫ. ގެ ދަށުން ހޮރުމޫޒް ކަނޑުއޮޅި ހުޅުވައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް 60 ދުވަހުގެ މަޝްވަރާގެ މުއްދަތެއް ދީފައި އޮތެވެ. ނަމަވެސް ޖުލައި 6-7 ގައި އީރާނުން ވިޔަފާރި ބޯޓުތަކަށް ހަމަލާ ދިނުމާ ގުޅިގެން ޓްރަމްޕް ބުނީ އެ އެއްބަސްވުން ނިމުމަކަށް އައީ ކަމަށެވެ. އޭގެ ފަހުން ދެ ފަރާތުން ދަނީ ހަމަލާ ބަދަލުކުރަމުންނެވެ. ތެލުގެ ބައިނަލްއަޤުވާމީ ބެންޗްމާކް ބްރެންޓް ކްރޫޑް 90 ޑޮލަރަށް ވުރެ މައްޗަށް ޖެހިލުމަށް ފަހު 88.87 ޑޮލަރަށް ދަށްވެފައިވާއިރު، އެމެރިކާގައި ޕެޓްރޯލް ގެލަނެއް ހަތަރު ޑޮލަރަށް އެރި ކަމަށް ރިޕޯޓުތައް ބުނެއެވެ.