ވޯލްޑް ކަޕް ފައިނަލް މެޗު: މެޗު ސްޓެޓިސްޓިކުން ވެސް ފެންނަނީ އާޖެންޓީނާ އަށް ލަދުވެތި މަންޒަރެއް!
ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި ސްޕެއިނުން 1-0 އިން އާޖެންޓީނާ ބަލިކުރި މެޗުގެ ތަފާސްހިސާބުތަކުން ފެންނަނީ ދެ ޓީމުގެ ދެމެދުގައި ވަރަށް ބޮޑު ފަރަގެކެވެ. ޑިފެންޑިން ޗެމްޕިއަނުން ފައިނަލެއްގައި މިހާ ބަލިކަށި ކުޅުމެއް ދެއްކި ފަހަރެއް ތާރީޚުގައި ވެސް މަދުވާނެއެވެ.
މެޗުގެ ޕޮޒެޝަން ސްޕެއިނުން ކޮންޓްރޯލް ކުރީ 68 އިންސައްތައިގައެވެ. އާޖެންޓީނާ އަށް ލިބުނީ އެންމެ 32 އިންސައްތައެވެ. ސްޕެއިނުން 20 ހަމަލާ ފޮނުވައިލިއިރު އާޖެންޓީނާ އަށް ޖެހުނީ އެންމެ ތިން ހަމަލައެވެ. އެ ތިން ހަމަލައިގެ ތެރެއިން ގޯލާ އަމާޒުވީ ސުމެކެވެ. ސްޕެއިނުން ގޯލާ އަމާޒުކޮށް 11 ހަމަލާ ފޮނުވައިލިއެވެ. ވޯލްޑް ކަޕް ފައިނަލެއްގައި 90 މިނެޓުގެ ތެރޭގައި ޓީމަކަށް އެންމެ ޝޮޓެއް ވެސް ނުޖެހުނު ފުރަތަމަ ފަހަރަށް މި މެޗު ވެގެން ގޮސްފައިވެއެވެ.
އާޖެންޓީނާގެ ގޯލްކީޕަރު އެމީލިއާނޯ މާޓިނޭޒް ވަނީ 10 ސޭވް ކޮށް ޓީމު މެޗުގައި ދެމެހެއްޓުމަށް އާދަޔާ ޚިލާފު މަސައްކަތެއް ކޮށްފައެވެ. ނަމަވެސް ސްޕެއިނުގެ ބާރުގަދަ ހަމަލާތައް ހިފެހެއްޓުމުގައި މާޓިނޭޒް އެކަނި އެކަށީގެންވާ ވަރެއް ނުވިއެވެ.
ކާޑުތަކުގެ ތަފާސްހިސާބަށް ބެލީމާ ވެސް ފެންނަނީ އެއް މަންޒަރެކެވެ. ސްޕެއިނަށް އެންމެ ކާޑެއް ވެސް ނުދައްކާއިރު، އާޖެންޓީނާ އަށް ފަސް ރީނދޫ ކާޑު ދެއްކިއެވެ. އޭގެ ތެރެއިން އެންޒޯ ފެނާންޑޭޒް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑް ދެއްކީ 90 ވަނަ މިނެޓުގެ އިތުރު ވަގުތުގައެވެ. ސްޕެއިނުގެ ޕައު ކުބާސީ އަށް ކުރި ފައުލާ ގުޅިގެން ފެނާންޑޭޒް ދަނޑުން ފޮނުވައިލުމުން، އާޖެންޓީނާ އެކްސްޓެންޝަނަށް ނުކުންނަން ޖެހުނީ 10 ކުޅުންތެރީންނާ އެކުގައެވެ.
އެކްސްޓެންޝަން ޓައިމުގެ 106 ވަނަ މިނެޓުގައި ސްޕެއިނުގެ ނީކޯ ވިލިއަމްސް ހެޑަރަކުން ބޯޅަ ދެމެހެއްޓުމާ އެކު ފެރާން ޓޮރެސް ވަނީ ގޯލް ޖަހައި މެޗުގެ ނަތީޖާ ނެރެދީފައެވެ. މިއާ އެކު ސްޕެއިނުން ވަނީ 2010 ވަނަ އަހަރަށް ފަހު ދެ ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ޖެހިޖެހިގެން ދެ ފަހަރަށް ތަށި އުފުލައިލުމުގެ ހުވަފެނުގައި ނުކުތް އާޖެންޓީނާ އަށް ފައިނަލުގައި ކުރެވުނީ ލަދުވެތި ތަޖުރިބާއެކެވެ.