Advertisement

ފޯރީގައި ވިޔަސް މިރޭ އާންމުންގެ ހައްގުތަކަށް އިހުތިރާމު ކުރުމަށާއި އަމާންކަން ނަގައިނުލުމަށް ދިވެހި ފުލުހުން އިލްތިމާސް ކޮށްފި

19 Jul 2026 | 18:30
-

2026 ވޯލްޑް ކަޕް ފައިނަލުގައި މިރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ މެޗު ބެލުމަށް ފަހު އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމު ކުރުމަށާއި އާންމު އަމާންކަން ނަގައިލެވިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަށް ވާތީ، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި ބާރަށް ލަވަޖެހުމާއި އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެން މީހުންނަށް އުނދަގޫވާނެ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދީފައިވާ ކަމަށެވެ.

Advertisement

މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށް ފަހު ބައިބަޔަށް އެއްވުމާއި ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ވެސް ފުލުހުން އެދިފައިވެއެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެން މީހުންނަށް ދަތިތައް ކުރިމަތިވެދާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މެޗުގެ ފޯރީގައި ބައިވެރިވާ އިރު، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަވަށްޓެރިންގެ ހައްގުތަކަށް އިސްކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. މިރޭގެ ފައިނަލް މެޗު ފެށޭނީ ރާއްޖެ ގަޑިން ދަންވަރު 12:00 ގައެވެ.

Advertisement

ކޮމެންޓް