Advertisement

ޗުއްޓީގައި އުޅޭއިރު ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ލިސްޓެއް އެޗްޕީއޭއިން ނެރެފި

17 Jul 2026 | 21:40
މާލޭ މަގުމަތި --

އިއްޔެ ފެށުނު ސްކޫލް ބަންދުގައި އާއިލާ އާއި އެކުވެރިންނާއި ގާތް މީހުން އެކުގައި ވަގުތު ހޭދަ ކުރާއިރު ސިއްހީ ގޮތުން ސަމާލުވާންވީ ކަންކަމުގެ ލިސްޓެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފި އެވެ.

އެޗްޕީއޭއިން ބުނީ އެކުގައި ވަގުތު ހޭދަ ކުރާއިރު ސިއްހީ ގޮތުން ހިޔާރު ކުރާ ކުދިކުދި ކަންކަމުގެ ސަބަބުން ދުޅަހެޔޮ މުސްތަގުބަލެއް ބިނާ ކުރެވޭނެ ކަަމަށެވެ.

Advertisement

ކެއިން ބުއިމުގައި އެންމެ އިސްކަން ދޭންވީ ކަމުގެ ގޮތުގައި އެޗްޕީއޭއިން ފާހަގަ ކުރީ ތެލުލި ކާއެއްޗިއްސާއި ހަކުރު އަދި ޓްރާންސް ފެޓް ގިނައިން އެކުލެވޭ ކާނާއާއި ބުއިންތަކާ ދުރުހެލިވުމެވެ. ޓްރާންސް ފެޓަކީ ހަށިގަނޑުގައި ލޭ ހިނގުމުގެ ނިޒާމަށް ގެއްލުންދީ، ހިތުގެ ބަލިތަކަށް މަގުފަހިކުރާ މާއްދާއެއްކަން ހަނދާން ކޮށްދިނެވެ.

ކުދިންނާއި އެކު ވަގުތު ހޭދަ ކުރާއިރު އާއި ގޭއާ ގޯތި ތެރޭގައިވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުވުން މުހިންމުކަން ފާހަގަ ކުރެ އެވެ.

މިންހެޔޮ ކާނާ އިތުރު ކުރުމުގެ ގޮތުން ކޮންމެ ދުވަހެއްގެ ކެއުމުގައި ތަރުކާރީ އާއި މޭވާ ހިމަނަށް ޖެހެ އެވެ. އަދި ބަރުދަން ލުއިކޮށް ހަށިގަނޑު ހުންނަން ޖެހޭ މިންވަރުގައި ބެހެއްޓުމަށްވެސް މިންހެޔޮ ކާނާ މުހިންމުކަން އެޗްޕީއޭސިން ފާހަގަ ކުރި އެވެ.

މުހިންމު ކަމެއްގެ ގޮތުގައި ޗުއްޓީގައި އުޅޭއިރު ހެލިފެލިވުން ފާހަގަކޮށްފައިވެ އެވެ. އެޗްޕީއޭއިން ބުނީ އާއިލާ އެކުގައި ކޮންމެ ދުވަހަކު ހިނގާލާ ހެލިފެލިވެ އުޅުމަކީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެ އިދާރާއިން ވަނީ މި ދުވަސްވަރު އާންމު ބަލިތައް ފެތުރުން އިތުރުވެފައިވާތީ ބަލި ޖެހުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައި އެވެ.

Advertisement

ކޮމެންޓް
ބޭބެ
ވަރަށް ރަނގަޅު ވާހަކައެއް
17 Jul 2026