Advertisement

ފީފާ ވޯލްޑް ކަޕުން އުނިކުރި ރެފްރީ ޑީޕަރިންކް، 38 އަހަރުގައި މަރުވެއްޖެ

14 Jul 2026 | 12:56
-

ފީފާ ވޯލްޑް ކަޕް 2026 ގެ އޮފިޝަލުންގެ ލިސްޓުން ބާކީކުރި ފަހުން ދުވަސްކޮޅެއް ފަހުން، ނެދަލޭންޑްސްގެ ފުޓްބޯޅަ ރެފްރީ ރޮބް ޑީޕަރިންކް، 38 އަހަރުގައި މަރުވެއްޖެއެވެ.

ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ގެ ގޮތުގައި މުބާރާތުގައި މަސައްކަތްކުރުމަށް ހޮވިފައިވި ޑީޕަރިންކް، ލިސްޓުން އުނިކުރީ، މޭ މަހު ބްރިޓަނުގައި ހިންގި ފުލުހުންގެ ތަޙުޤީޤަކާ ގުޅިގެންނެވެ. ނަމަވެސް ހެއްކާއި ޤަރީނާ ނެތުމުން، ފަހުން މި މައްސަލަ ބަންދުކޮށްފައިވެއެވެ. އޭނާ މަރުވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ލަންޑަންގެ މެޓްރޮޕޮލިޓަން ފުލުހުން އޭޕްރީލް މަހު ޑީޕަރިންކް ހައްޔަރުކުރީ، ޓީނޭޖު ފިރިހެންކުއްޖަކާ ގުޅޭ ޖިންސީ ގޯނާގެ ތުހުމަތެއް ރިޕޯޓުކުރުމުންނެވެ. އެ ތަޙުޤީޤު ފަހުން ހުއްޓާލީ ހެއްކާއި ޤަރީނާ ނެތުމުންނެވެ. ފީފާގެ ލިސްޓުން އުނިކުރުމަށްފަހު ޑަޗް ނޫހެއް ކަމަށްވާ ޑި ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި ޑީޕަރިންކް ބުނެފައިވަނީ، އޭނާގެ މައްޗަށް ކުރެވުނީ ދޮގު ތުހުމަތެއް ކަމަށެވެ.

ނެދަލޭންޑްސްގެ ފުޓްބޯޅަ އެސޯސިއޭޝަން (ކޭއެންވީބީ) އިން ބުނީ، ޑީޕަރިންކްގެ މަރުގެ ސަބަބުން ފުޓްބޯޅަ ދުނިޔެއަށް ބައިނަލްއަޤުވާމީ ތަޖުރިބާ ހުރި ރެފްރީއެއް ގެއްލިފައިވާ ކަމަށާއި، އެއަށްވުރެ ބޮޑަށް ރަނގަޅު ބައިވެރިއަކު ގެއްލިފައިވާ ކަމަށެވެ. ފީފާއިން ވެސް ވަނީ ޑީޕަރިންކްގެ އާއިލާ އަށާއި ކޭއެންވީބީ އަށް ތައުޒިޔާ ފޮނުވާފައެވެ.

ޑީޕަރިންކް ފުޓްބޯޅަ ރެފްރީކަން ފެށީ 2011-12 ސީޒަނުގައި ކަމަށާއި، 2017 ވަނަ އަހަރުގެ ފަހުކޮޅު ފުރަތަމަ އެރެޑިވިޒީ މެޗެއް ބެލެހެއްޓި ކަމަށްވެއެވެ. ޖުމްލަ 284 ޕްރޮފެޝަނަލް މެޗެއްގައި އޭނާ ރެފްރީކަން ކޮށްފައިވާއިރު، 2024 ޔޫރޯ އަދި ޕެރިސް އޮލިމްޕިކްސްގައި ވެސް ބައިވެރިވެފައިވެއެވެ. 2024 ޔޫރޮޕާ ލީގު ފައިނަލްގައި އެސިސްޓަންޓް ވީއޭއާރުގެ ގޮތުގައި ހަރަކާތްތެރިވިއިރު، ޑިސެންބަރު 2024 ގައި ފީފާ އިންޓަކޮންޓިނެންޓަލް ކަޕަށް ވެސް ވީއޭއާރެއްގެ ގޮތުގައި ހަމަޖެހިފައިވެއެވެ.

Advertisement

ކޮމެންޓް