Advertisement

ފީފާއަކީ މިނިވަން ކުޅިވަރު ޖަމާޢަތެއް ނޫން، އެއީ ސިޔާސީ ހަތިޔާރެއް

11 Jul 2026 | 22:56
-

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުފޫޒުން އެމެރިކާ ކުޅުންތެރިއެއްގެ ސަސްޕެންޝަން ބާތިލުކުރި މައްސަލައާއި، އާޖެންޓީނާއަށް ރެފެރީން ފައިދާ ކޮށްދޭ ކަމުގެ ތުހުމަތުތަކާ އެކު، ފީފާއާ މެދު ދުނިޔޭގެ ފުޓުބޯޅަ ސަޕޯޓަރުންގެ ނުރުހުން ބޮޑުވެއްޖެއެވެ.

ފީފާގެ ޤަވާއިދުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުން ލާޒިމު ކޮށްފައި ވީ ނަމަވެސް، ފަލަސްޠީނުގެ ފުޓުބޯޅައާ ގުޅޭ ގޮތުން އެ ޖަމާޢަތް އެ އުސޫލާ ޚިލާފުވެފައިވާ ކަމަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އިސްތިއުމާރީ އިސްރާއީލުގެ ފުޓުބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރުމަށް ފަލަސްޠީނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ތަކުރާރުކޮށް ގޮވައިލި ނަމަވެސް ފީފާ އިން ވަނީ އެ ކަމަށް ދެކޮޅު ހަދައިފައެވެ. ފަލަސްޠީނުގެ ފުޓުބޯޅަ ކުޅުންތެރިން ޤަތުލުކުރުމާއި ބަންދުކުރުން ކުށްވެރިކޮށްފައި ނުވާއިރު، ފަލަސްޠީނުގެ އަންހެން ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ރަންދު ޙަލަވާނީ އާއި ނަތާލީ އަބޫ ދައްޔެހް ދޫކޮށްލުމަށް ވެސް ގޮވައިލައިފައެއް ނުވެއެވެ. ހަމައެހެންމެ ފަލަސްޠީނުގެ ފުޓުބޯޅަ ދަނޑުތައް ހަލާކުކޮށްލުމާއި ކުޅުންތެރިންނަށް ދަތުރުކުރުން ހުއްޓުވުން ފަދަ ކަންކަމާ ދެކޮޅަށް ވެސް ފީފާ އިން ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

Advertisement

ބައިނަލްއަޤުވާމީ ކޯޓު އޮފް ޖަސްޓިސް އާއި އދ ގެ ޤަރާރުތައް ހުރި ނަމަވެސް، ހުޅަނގު އައްސޭރީގެ ޤާނޫނީ ޙާލަތު "ހައްލު ނުވެ އޮތް" ކަމެއް ކަމަށް ބުނެ ފީފާ އިން ދަނީ އިސްތިއުމާރީ އިސްރާއީލުގެ ވާހަކަތައް ތަކުރާރު ކުރަމުންނެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ޢަމަލުތައް ބައިނަލްއަޤުވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން ވަނީ ގޮވައިލައިފައެވެ.

ފީފާގެ ވެރިން ހަމައެކަނި ހިމޭނުން ތިބީ ނޫން ކަމަށާއި، ޖަރީމާތައް ދޮވެ ސާފުކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. ފީފާ އިން މިދިޔަ މަހު ހުށަހެޅީ 15 އަހަރުން ދަށުގެ ޓުނަމެންޓެއްގެ ފެށުމުގެ މެޗުގައި ފަލަސްޠީނާއި އިސްރާއީލު ކުޅެންވީ ކަމަށެވެ. އޭގެ ކުރިން އިންފަންޓީނޯ ވަނީ ފަލަސްޠީނުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ވެރިޔާ ލައްވައި އިސްރާއީލުގެ ވެރިޔާއާ ސަލާމް ކުރުވަން މަސައްކަތް ކޮށްފައެވެ.

Advertisement

ކޮމެންޓް