އެމްއެންޔޫގެ ހޮސްޕިޓެލިޓީ ފެކަލްޓީން "ފަތުރު ވާހަކަ" ގެ ނަމުގައި މަޝްވަރާ ސިލްސިލާއެއް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އިން "ފަތުރު ވާހަކަ" ގެ ނަމުގައި ފަތުރުވެރިކަމާ ބެހޭ މަޝްވަރާ ސިލްސިލާއެއް ފަށައިފިއެވެ.
މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ހޮނިހިރު ދުވަހު ޤައުމީ ޔުނިވަރސިޓީގައި ބާއްވާފައިވާ އިރު، ބައްދަލުވުމުގެ ޝިޢާރަކީ "ޓޫރިޒަމް އިން ޓާބިއުލެންސް: ގްލޯބަލް ޝޮކްސް އެންޑް ދަ ފިއުޗާ އޮފް ޓްރެވެލް ޓްރޭޑް އިން ދަ މޯލްޑިވްސް" އެވެ. މި ހަރަކާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް ޑރ. ޢަބްދުﷲ ނިޔާޒެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އެކެޑެމިކް ތަޖުރިބާކާރުން ބައިވެރިވި މި ބައްދަލުވުމުގައި ޕެނެލް ޑިސްކަޝަން ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. މަޝްވަރާތައް އެނބުރުނީ މައިގަނޑު ތިން ދާއިރާއެއްގެ މައްޗަށެވެ. އެއީ ދަތުރުފަތުރާއި ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ އާއި ކާބޯތަކެތީގެ ދާއިރާއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ނުތަނަވަސްކަމާއި ތިމާވެށީގެ ގޮންޖެހުންތަކާއި ދަތުރުފަތުރުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން މި ސެޝަންތަކުގައި މަޝްވަރާ ކޮށްފައިވެއެވެ.
"ފަތުރު ވާހަކަ" ސިލްސިލާ ބިނާކޮށްފައި ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަޝްވަރާ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށް އެ ފެކަލްޓީން ބުނެއެވެ. ތައުލީމީ ދާއިރާ އާއި ފަތުރުވެރިކަމުގެ ސިނާޢަތާ ދެމެދު ގުޅުން ބަދަހިކޮށް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބިނާކުރަނިވި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެ ފެކަލްޓީން އަހައްމިއްޔަތުކަން ދޭ ކަމަށް ވެސް އެމްއެންޔޫއިން ބުނެއެވެ.