Advertisement

އިންޑިއާގައި ޒުވާން ފިރިހެނަކު މަރާލީ ބޮލުގައި ވިގު އަޅާތީ ކަމަށް ކައިވެނި ކުރަން އުޅުނު އަންހެން މީހާ ބުނެފި

27 Jun 2026 | 06:29
ސިޔާ އާއި ކޭތަން (ވ) އަދި ސިޔާގެ ލޯބިވެރިޔާ ޗޭތަން (ކ) --

އިންޑިއާގެ ޕޫނޭގެ ލޯހާގަޑް ފޯޓު ސަރަހައްދުން ވައްޓާލައި މަރާލި ވިޔަފާރިވެރި އާއިލާއަކަށް ނިސްބަތްވާ ކޭތަން އަގަރްވާލް މަރާލި ސަބަބު އޭނާ ކައިވެނި ކުރަން ހަމަޖެހިފައި އޮތް ސިޔާ ގޮޔާލް ހާމަކޮށްފި އެވެ.

މި ހާދިސާ ހިނގީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ކުރިން ބެލެވިފައި އޮތް ގޮތުގައި ކޭތަން މަރުވީ ދެމީހުން ފޮޓޯ ނަގަން އެތަނަށް ގޮސް އުޅުމުގެ ތެރޭގައި އުސްތަނަކުން ވެއްޓި އެކްސިޑެންޓަކުންނެވެ.

Advertisement

އެކަމަކު ޕޫނޭ ފުލުހުން ހިންގި ތަހުގީގުން ސިޔާ އާއި ކޭތަން ދިޔަ ހުރިހާ ތަނަކުން ހުޑީ އަޅާފައި ހުރި މީހަކު އުޅޭތަން އެ ދުވަހުގެ ސީސީޓީވީ ފުޓޭޖުތަކުން ފެނުމުން ތަހުގީގު އިތުރަށް ފުޅާކުރި އެވެ. މި މައްސަލައިގަ ފަހުން ސިޔާ ހައްޔަރުކޮށް ސުވާލު ކުރުމުން ހުޑީ އަޅައިގެން އުޅުނީ އޭނާގެ ލޯބިވެރިޔާ ޗޭތަން ޗައުދަރީ ކަމަށް ބުނެ، ދެމީހުން ގުޅިގެން ކޭތަން މަރާލި ކަމަށް އެއްބަސްވި އެވެ.

މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ޕޫނޭ ފުލުހުން ބުނީ ސިޔާ ވަނީ ކޭތަން މަރާލަން ޖެހުނީ ބޮލުގައި ވިގު އަޅާ މީހަކާއި އިންނަން ބޭނުން ނުވާތީ ކަމަށް ބުނެފައި ކަމަށެވެ. އަދި ކޭތަންގެ ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަމެއް ހުރުމަކީވެސް ސަބަބެއް ކަމަށް ބުނެފައިވާ ކަމަށެވެ.

އެ ކައިވެނި ކުރަން އުޅުނީ އާއިލާއިން އެދިގެން ކަމަށާއި ކައިވެންޏާއި ނުރުހޭކަން ކޭތަން ކައިރީވެސް ކުރިން ބުނެފައިވާނެ ކަމަށް ސިޔާ ތަހުގީގުގައި ބުނެފައިވެ އެވެ. ނަމަވެސް ކޭތަން ވަނީ ދެން ކައިވެނި ކެންސަލް ކުރަން އޭނާގެ އާއިލާއިން ދެކޮޅު ހަދާނެ ކަމަށް ބުނެފައި ކަމަށް ސިޔާ ބުންޏެވެ

ސިޔާގެ ވާހަކަތަކާއި ގުޅިގެން ކޭތަންގެ ބައްޕަ މީޑިއާގައި ބުނެފައިވަނީ ސިއްހީ މައްސަލަތަކަކާއި ހެދި ދަރިފުޅުގެ ބޮލުން އިސްތަށި ފައިބަމުންދާކަން ކައިވެނި ހަމަޖެހުމުގެ ކުރިން ސިޔާގެ އާއިލާއަށް އަންގާފައިވާނެ ކަމަށެވެ. ކޭތަން މަރާލި އުޒުރުތައް ގަބޫލު ނުކުރާނެ ކަމަށް ބައްޕަ ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ކޭތަން މަރާލަން ކުރި މަސައްކަތް ސިޔާ ކާމިޔާބު ކުރީ ލޯހާގަޑަށް ކުރި ތިން ވަނަ ދަތުރުންނެވެ.

އެ ދެމީހުން ފޮޓޯ ނަގައި މަޖާކޮށްލަން އެތަނަށް އެންމެ ފުރަތަމަ ދިޔައީ މިދިޔަ މަހުގެ 31 ގައި އެވެ. އަދި ޖޫން ހަތަރެއްގައި އަނެއްކާ ދާން އުޅުނު ނަމަވެސް ކޭތަންގެ މަންމަ އެކަން ހުއްޓުވި ކަމަށެވެ. ޖޫން 14 ގައި އަނެއްކާވެސް އެތަނަށް ގެންގޮސް ކޭތަން ފަރުބަދައެއްގެ މަތިން ކޮއްޕާލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ކޭތަން ގަހެއްގައި ހިފެހެއްޓި ކަމަށެވެ. އޭނާ ސުވާލުކުރުމުން ހަރުފައެއް ފެނުނީ ކަމަށް ސިޔާ ބުނި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ސިޔާ ވަނީ ކޭތަން މަރުވީ އެކްސިޑެންޓަކުން ކަން ދެއްކުމަށް އޭނާގެ މަރަށް ފަހު ލިބިފައިވާ އެކަނިވެރިކަން ހާމަކޮށްދިނުމަށް ސޯޝަލް މީޑިއާގައި ތަފާތު ޕޯސްޓުތައްކޮށް ރޮއެ ހަދާފައި އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ހުޑީ އަޅައިގެން ހުރި މީހާއަށް އަމާޒު ކުރަން ޖެހުނީ އެ ދުވަހުގެ ފިނިހޫނު މިން 33 ޑިގްރީސެލްސިއަސްގައި ހުއްޓަ ހޫޑީ އާއި ތޮފި އަޅައި، މާބޮޑަށް ނިވާވެގެން މީހަކު އެމީހުން ފަހަތުން އުޅެމުންދާކަން ފާހަގަވެގެން ކަމަށެވެ.

ތަހުގީގަށް އެނގުނު ގޮތުގައި ސިޔާ ވަނީ އިންޑޮނީޝިއާގެ ބާލީގައި ބާއްވަން ރޭވި ޕްރީ ވެޑިން ފޮޓޯޝޫޓުގެ ކުރިންވެސް ކޭތަން މަރާލަން މަސައްކަތް ކޮށްފައި އެވެ. އަދި އެ ދަތުރު ނުކުރެވޭގޮތް ހެދުމަށް ކޭތަންގެ ޕާސްޕޯޓު ފޮރުވި ކަމަށްވެސް އެއްބަސްވެފައި އެވެ.

ފޯނު ރެކޯޑްތައް ދައްކާ ގޮތުން ސިޔާ އާއި ޗޭތަން އާ ދެމެދު އެތައް ހާސް ފޯނު ކޯލެއް ކޮށްފައިވެއެވެ. ދެ މީހުން ވެސް މަރުގެ ތުހުމަތާއި ޖިނާއީ ރޭވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވެއެވެ. ތަހުގީގުގައި ޗެތަން ފުލުހުންނަށް ބުނެފައިވަނީ ކައިވެނި ރޫޅާލައިގެން ފިލައިގެން ދިޔުމުން އާއިލާ ބޭޒާރުވެދާނެތީ ސިޔާ އެ ގޮތް ބޭނުން ނުވީ ކަމަށެވެ.

Advertisement

ކޮމެންޓް