ޖެމްސީ ނުވަތަ ޖެމްކިޔު އިން ލާރި ލިބުން ހުއްޓިގެން އެ ޕިރަމިޑް ސްކީމް ގައި ޖެހިފައިވާ ގިނަ ބަޔަކު ޝަކުވާ ކުރަން ފަށައިފިއެވެ.
ޖެމްސީ އިން އާންމު ގޮތެއްގައި ދިޔައީ 72 ގަޑި އިރުތެރޭގައި ވިތްޑްރޯވަލްސް ޕްރޮސެސް ކޮށްދެމުންނެވެ. އެހެންނަމަވެސް އެވަގުތު ފާއިތުވިއިރުވެސް ވިތްޑްރޯވަލްތައް ނުލިބިގެން އެ ސްކީމްގައި ޖެހިފައިވާ ގިނަބަޔަކު ދަނީ ޝަކުވާކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޖެމްސީ ހިންގުމުގައި އިސްކޮށް އުޅޭ ޔޫސަރ އައިޑީ އަކުން ބުނެފައިވަނީ ޖެމްސީގެ މައްސަލަ އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ކުރަމުން ދާތީ ފައިސާ ދޫކުރުމުގައި މައްސަލަތަކެއް ޖެހިފައިވާ ކަމަށެވެ.
42000 އަށްވުރެ ގިނަ ދިވެހިން ތިބޭ ޖެމްސީގެ އެ ގުރޫޕުގައި އެ ޔޫސަރ އައިޑީއިން ކޮށްފައިވާ މެސެޖުގައި ބުނެފައިވަނީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޓްރެޝަރީއިން ބަލަމުންދާ މަނީ ލޯންޑަރިން މައްސަލައަކާއި ގުޅިގެން ފައިސާ ދޫކުރުމަށް ދަތިތަކަކާ ކުރިމަތިވެފައިކަމަށެވެ.
މި މައްސަލަ ޖެހުމުގެ ކުރިން ޖެމްސީއިން ވަނީ އެކައުންޓަށް އަޅާ ފައިސާގެ 100% އަށްވުރެ ވެސް ގިނައިން ބޯނަސް ލިބޭ ބޮޑު ޕްރޮމޯޝަންއެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮމޯޝަންގައި ޖެހި ގިނައަދަދެއްގެ ބަޔަކު ވަނީ ބޮޑަތި އަދަދުތަކުން ޖެމްސީ އެކައުންޓުތަކަށް ފައިސާ އަޅާފައެވެ. ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި މި ޕްރޮމޯޝަން ހިންގާފައިވަނީ ޕިރަމިޑް ސްކީމް ހުއްޓާލުމުގެ ކުރިން ބޮޑު އަދަދަކުން ފައިސާ ހޯދުމުގެ ނިޔަތުގައިކަމަށެވެ.
މީގެ ތިން ދުވަސް ކުރިން ފުލުހުންނާއި ސީއެމްޑީއޭ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖެމްކިއު އަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރު ކުރެވިފައިވާކަމަށާއި އެކަން ޕްރޮމޯޓްކުރާ ފަރާތްތަކާއިމެދު ފިޔަވަޅުވެސް އަޅާނެ ކަމަށެވެ. އެއަށްފަހުވެސް ޖެމްކިއު ޕްރޮމޯޓް ކުރުމުގައި މަޖިލިސް ބައެއް މެންބަރުން އުޅުނު މަންޒަރުވެސް ފެނިގެންދިޔައެވެ.
One Response
ފައިސާއާހެދި ހޭބަލިވީމަ ވާނީ ތިހެން. ހަރާމެއް ހަލާލެއް ބެލުމެއްނެތި މީހަކު ދޭނަސޭހަތަކަށް ބެލުމެއްނެތި ދުނިޔެ ރަންވަނީ،