Advertisement

ކުޑަ ހުސައިން ޤުރުއާނާއި އަރަބި ދަސް ކުރާތާ މަހެއް، ލޯމަރައިގެން ދީނުގައި ނުތިބޭ!

15 Sep 2020 | 11:53
ރާއްޖޭގެ ކުޅިވަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް މޫނު އަދި ރާއްޖެއާއި ބައިނަލް އަގުވާމީ ކުޅިވަރު މުބާރާތްތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ހަޔާތުގެ މުހިންމު ވާހަކަތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނާއި އާންމުންނާއި ހިއްސާކޮށްފި އެވެ. ހުސައިން އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ ކޮންމެ ސަބަބަކާއި ހެދި ނަމަވެސް އޭނާ ބޮޑުވެގެން އައީ ޤުރުއާން ކިޔަވަން ނޭނގި ކަމަށެވެ. އޭނާ އެންމެ ފުރަތަމަ ޤުރުއާން ހަތިމް ކުރީ ރެކޯޑުކޮޑްފައިވާ ޤުރުއާން އޯޑިއޯ ޓޭޕެއްގެ އެހީގައި އުމުރުން 26 އަހަރުގައި އޮސްޓްރޭލިއާގައި ކިޔަވަން އުޅުނު އިރު ކަމަށް ބުނެފައިވެ އެވެ. އެއީ 1995 ވަނަ އަހަރެވެ. މިހާރު މި ވާހަކަ ދައްކަން ވަރަށް ލަގު ގަންނަ ކަމަށް ކުޑަ ހުސައިން ފޭސްބުކްގައި ބުނެފައިވެ އެވެ. އެކަމަކު ލޯ މަރައިގެން އިސްލާމް ދީނުގައި ހުރުމުގެ ބަދަލުގައި މިއީ ދަސްކުރަންވީ ވަގުތުކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ. 26 އަހަރުގައި ޤުރުއާން ކިޔެވުމަށް ފަހު ޤުރުއާނާއި ދުރުގައި އުޅުމަށް ފަހު ބައެއް ކަންކަމާއި މެދު ވިސްނައި ފިކުރު ކުރުމަށް ފަހު އަލުން ޤުރުއާން ކިޔަވައި ދަސްކުރަން ފެށީ މިދިޔަ މަހު އުމުރުން 51 އަހަރުވުމުން ކަމަށް ބުނެފައިވެ އެވެ. ކުޑަ ހުސައިން މިހާރު އެންމެ ޝައުގުވެރިކަމާއި އެކު ކުރާ ކަމަކީ އަރަބި ބަސް ދަސްކުރުމާއި ޤުރުއާން ކިޔަވަން ދަސްކުރުމެވެ، ފިގުހު އެކަޑަމީގެ މެމްބަރު އަދި އެވިޑް ކޮލެޖުގެ ލެކްޗަރާ އިޔާޒް ނަސީމްގެ އެހީތެރިކަމާއި އެކު ކުޑަ ހުސައިން ވަނީ މަހެއްގެ ތެރޭގައި ޤުރުއާން ކިޔަވަން ދަސްކޮށްފައި އެވެ. އޭނާ ބުނީ އިޔާޒްގެ އެހީތެރިކަމާއި އެކު މަސައްކަތް ފެށި އިރު ޤުރުއާނާއި އަރަބީގެ ގިނަ އަކުރުތައް ނޭނގޭ ކަމަށެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަހީކުރައްވާފައިވާ ފަދައިން ދަސްކުރަން އެންމެ ފަސޭހަ ބަހަކީ އަރަބި ބަސްކަން އޭނާއަށް މިހާޜު ގަބޫލު ކުރެވިފައިވާ ކަމަށް ބުނެ އެވެ. އިނގިރޭސިއާއި ދިވެހި ބަހުގެ އިތުރުން ކުޑަ ހުސައިން ޖަޕާނު ބަހާއި ހިންދީ ބަސް ދަނެއެވެ. ކުޑަ ހުސައިން ބުނީ އުނގެނުމަށް ވަކި އުމުރެއް ނެތް ކަމަށާއި އޭނާގެ ތަޖުރިބާ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ މަގު ގިނަ ބަޔަކު އިހްތިޔާރު ކުރުމަށް ހިތްވަރު ދިނުން ކަމަށެވެ. ކުޑަ ހުސައިން އަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއިން ފުރަތަމަ ޕީއެޗްޑީ ހާސިލް ކުރި މީހާ އެވެ. އޭނާ ވަނީ ދުވުމާއި ފެތުމުގައި ރާއްޖޭގައި ގިނަ ރެކޯޑުތަކެއް ހަދާފައި އެވެ.
އެޑިޓަރުގެ ނޯޓް

Advertisement

ކޮމެންޓް