އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި އަޅުގަނޑުގެ އަތެއް ނުވާނެ : ނަޝީދު

ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުގައި އެ މަނިކުފާނުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅ...

19 Nov 2018 | 09:26

ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުގައި އެ މަނިކުފާނުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗައް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކޮށްދިނުމަށް ސްޕްރީމް ކޯޓަށް، ޕްރޮސެކިއުޓާ ޖެނަރަލް ހުށަހެޅި މައްސަލައިގެ އަޑު އެހުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ސްޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައީސް ނަޝީދު ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރު ކުރީ އެމްއެންޑީއެފުން ކަމަށާއި، އެކަމުގައި އެ މަނިކުފާނު މަޝްވަރާ އެއްވެސް އަރުވާފައި ނުވާނެ ކަމަށެވެ.

"[އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި] އަޅުގަނޑުގެ ބައިވެރިވުމެއް އަދި މަޝްވަރާއެއް އަރުވާފައެއް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މި މައްސަލާގެ ހުކުމް ރިވިއު ކުރުމުގެ ފުރަތަމަ އަޑުއެހުން މިއަދު ބޭއްވި އިރު، މި މައްސަލާގައި އިތުރު އަޑުއެހުމެއް ނުބާއްވާނެ އެވެ. ދެން އޮންނާނީ މި މައްސަލާގައި ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެވެ.

މިއަދު 10:00 ގައި ބޭއްވި އަޑު އެހުމުގައި، އެ މައްސަލަ ބެލީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މި މައްސަލަ އަކީ މައުލުއީގޮތުން ބަލާ، ސްޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް ކޮށްފައިވާ މައްސަލައެއް ނޫން ކަމަށެވެ.

ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ، ކޯޓުތަކުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލަ އަލުން ރިވިއު ކުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ރައީސް ނަޝީދުގެ މައްސަލަ މީގެ ކުރިން ކުރިއަށް ގެންގޮސްފައިވަނީ ގާނޫނު އަސާސީގެ 223 ވަނަ މައްދާ އާއި ޕީޖީ ގާނޫނުގެ 15 ވަނަ މާއްދާ އާ ޚިލާފަށް ކަމަށެވެ.

ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު ވިދާޅުވީ، ރައީސް ނަޝީދުގެ މައްސަލަ އަލުން ރިވިއު ކޮށްދިނުމަށް އެދުނީ، އެމަނިކުފާން ތަކުރާރުކޮށް މި މައްސަލަ ރިވިއު ކޮށްދިނުމަށް އެދެމުން ދިއުމުން ކަމަށެވެ. އެގޮތުން ހުރިހާ ފަރާތްތަކެއްގެ ހައްގު ނެގެހެއްޓުމަކީ ޕީޖީގެ މައްސްއޫލިއްޔަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް