ހައްޖުވެރިން އަރަފާތު ބިމަށް ގެންދިއުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށް އެކޮޅުގައި ތިބި ބައެއް ހައްޖުވެރިން މި ނޫހަށް މައުލޫމާތު ދީފައިވީނަމަވެސް ހުރިހާ ހައްޖުވެރިންވެސް އިންޝާ ﷲ އަރަފާތު ބިމަށް ގެންދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ހުރިހާ ހައްޖުވެރިންވެސް (ކުރިން ދިޔަ 1000 ހައްޖުވެރިންނާއި ފަހުން ދިޔަ 300) ހައްޖުވެރިންވެސް އަދި ތިބީ މިނާގައި ކަމަށެވެ. މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ އަވަހަކަށް ހުރިހާ ހައްޖުވެރިންވެސް އަރަފާތު ބިމަށް ގެންދެވޭތޯ ކަމަށެވެ.
"ބަހުގެ އިންތިޒާމް ހަމަޖައްސަނީ ސައުދީ ސަރުކާރުން، އަދި ގަޑިން ހަތެއް ޖެހީ، އިންޝާ ﷲ ހުރިހާ ހައްޖުވެރިންވެސް އަރަފާތު ބިމަށް ގެންދާނެ، ސައުދީ ސަރުކާރުންވެސް މިނާގައި ތިބި ހުރިހާ ހައްޖުވެރިން ގެންދާނެ" ޔާމީން ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަންގެ އިލްތިމާސާއެކު ބައެއް ހައްޖުވެރިން ފައިމަގުގައި އަރަފާތު ބިމަށް ދިއުމަށް ހިނގަން ފަށާފައިވާއިރު ޔާމީން ވިދާޅުވީ އެއީ ހައްޖު ކޯޕަރޭޝަނުން އަބަދުވެސް ދޭ ފުރުސަތެއް ކަމަށާއި އެއީ އައު ކަމެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް