ކޮޕީކުރަންޖެހޭ ހަމައެކަނި ޝަޚްސިއްޔަތަކީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް: ޝައިޚް ސަމީރު

ވަކި މީހަކު އުޅޭގޮތް ނުވަތަ ވަކި މީހަކު ހެދުން އަޅާގޮތް ނުވަތަ ވަކި މީހަކު އަޅާ ވަކިވައްތަރެއްގެ ތާކިހަލެއް އަޅައިގެން އެމީހަކު ކޮޕީ ކުރަން ނުޖެހޭނެކަމަށާއި ޝަޚްސިއްޔަތެއްގޮތަށް ކޮޕީކުރަންޖެހޭ ހަމައެކ...

17 Aug 2017 | 14:34

ވަކި މީހަކު އުޅޭގޮތް ނުވަތަ ވަކި މީހަކު ހެދުން އަޅާގޮތް ނުވަތަ ވަކި މީހަކު އަޅާ ވަކިވައްތަރެއްގެ ތާކިހަލެއް އަޅައިގެން އެމީހަކު ކޮޕީ ކުރަން ނުޖެހޭނެކަމަށާއި ޝަޚްސިއްޔަތެއްގޮތަށް ކޮޕީކުރަންޖެހޭ ހަމައެކަނި ޝަޚްސިއްޔަތަކީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުންގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ރޭ ލައިވްކޮށް ގެނެސްދިން 'އޮނަތިރީސް މިނެޓް' ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް ސަމީރު ވިދާޅުވީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް ފިޔަވައި، އެހެންމީހަކު އެއީ މާ މުޤައްދަސް މީހެއްގެ ގޮތުގައި ބަލައި، އެމީހަކު ހުންނަ ގޮތަށް ހެދުން އަޅައިގެން، އެމީހަކު އަޅާ ވަކި ވައްތަރެއްގެ ތާކިހަލެއް އަޅައިގެން އެމީހަކު ކޮޕީ ކުރުމަކީ ހުއްދަކަމެއް ނޫންކަމަށާއި އެގޮތަށް އެކަންކުރާ މީހުން އެތިބީ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް ގެނެސްދެއްވި މަންހަޖުން އެއްކިބާވެފައިކަމަށެވެ.

"އިބްނުތައިމިއްޔާ -ރަޙިމަހުﷲ- ވިދާޅުވެފައިވޭ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށްފަހުގައި އެއްވެސް މީހަކު ބުނާ ބުނުމެއްގެ މައްޗަށް މީހުންނާއި ގުޅުންކަނޑައި، މީހުންނާއި ޢަދާވަތްތެރިވެ، އެމީހާ ބުނާ ބުނުމެއްގެ މައްޗަށް މީހުންނާއި ގުޅުން ދަމަހައްޓައި، އެމީހަކީ މާބޮޑު ޝަޚްސިއްޔަތަކަށް ހަދައިގެން އޭނާގެ ވަށައިގެން އެނބުރުމަކީ އެއީ ހުއްދަ ކަމެއް ނޫނޭ" ޝައިޚް ވިދާޅުވިއެވެ.

'ސަލަފުއްޞާލިޙުންގެ މަންހަޖު' މި މައުޟޫއަށް ވަހަކަފުޅުދައްކަވަމުން ޝައިޚް ސަމީރު އިތުރަށް ވިދާޅުވިގޮތުގައި ސަލަފިއްޔަތަކީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ މަންހަޖާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގޮތަށް ތަބާވުންކަމަށް ޝައިޚް އުޘެއިމީން -ރަޙިމަހުﷲ- ވިދާޅުވެފައިވާކަމަށެވެ. އަދި މިހާރަކަށްއައިސް ސަލަފިއްޔަތުގެ ނަމުގައި މީސްމީހުންގެ އަމިއްލަ ވިސްނުންތައް އީޖާދުކޮށް، އެވިސްނުމުގައި އެމީހުންނާ ޚިލާފުވާ ކޮންމެ މީހަކު ބިދުޢަވެރިކޮށް، މަގުފުރައްދާ ހަދާމީހުންނަކީ އެއީ ހަގީގީ ސަލަފިއްޔަތުގެ އަހުލުވެރިން ނޫންކަމަށާއި އަދި އެގޮތަށް އެކަން ކުރާ މީހުން އެއީ މިހާރު އުފެދިފައި ހުރި ތަފާތު ޙިޒްބީ ޖަމާޢަތްތައްފަދަ އަދި ޕާޓީތައް ފަދައިން ޢަމަލު ކުރާ މީހުންކަމަށް ޝައިޚް އުޘެއިމީން -ރަޙިމަހުﷲ- ވިދާޅުވެފައިވާކަމަށެވެ.

'ސަލަފުއްޞާލިޙުންގެ މަންހަޖް' ގެ މަޢުޟޫއަށް ރޭ ފެށި ސިލްސިލާ ޕްރޮގްރާމުތަކުގެ އިތުރުން ޖަމްއިއްޔަތުއްސަލަފުގެ ފަރާތުން 'ސަލަފުއްޞާލިޙުންގެ މަންހަޖް' ގެ ނަމުގައި ޢާއްމުބޮޑު ދަރުސަކަށް ތައްޔާރުވަމުންދާ ވާހަކަ ރޭގެ ޕްރޮގްރާމުގައި އިޢުލާނުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް