މީހަކު ސަލްމާން މިސްކިތުގައި ދުޢާ ކުރުމުގައި - ފޮޓޯ: ދުވަސް
މިއަދު ހުކުރު ޚުޠުބާގެ މައުލޫއަކީ " رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުން" މި މައުލޫއެވެ.
މި މައުލޫގައި ޚުޠުބާ ފައްޓަމުން ބުނެފައިވަނީ ޖިންނީންނާއި
އިންސީންނަށް ތެދުމަގުދެއްކެވުމަށް ޓަކައި މާތް اللَّه ފޮނުއްވެވި ރަސޫލާ
ﷺ ދެކެ ލޯބިވުމަކީ، ޤުރްއާނާއި
ސުންނަތުން ސާބިތުވާ ކަމެއް ކަމަށާއި އެއީ
މާތް اللَّه
އަމުރުކުރައްވައިފައިވާ ކަމެއް ކަމަށެވެ. އެއީ
އެންމެހައި މުސްލިމުންގެ މައްޗަށް ވާޖިބުކަމެއް ކަމަށާއި ސަބަބުތަކެއް ނެތިއެއް ނޫން ކަމަށެވެ.
"ކީރިތި ރަސޫލާ ﷺ ރަސޫލުކަމާއިގެން ފޮނުއްވެވުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ ކަނުއަނދިރީގައި، އަނިޔާއާއި ބޭއިންސާފުން ފުރިފައި، ބާރު އޮތީ ތަނަވަސްކަމާއި ނުފޫޒުގަދަ މީހުންގެ އަތުގައި، މީސްތަކުން ތިބީ، އެކި ފަންތިތަކަކަށް ބަހައިފައި، ޤަދަރުވެރީންނާއި ނިކަމެތީންނާއި ސާހިބުންނާއި އަޅުން، ރިބާކެއުމާއި، ބުދަށް އަޅުކަންކުރުމާއި، ޣައިބު ދަންނަކަމަށް ދަޢުވާކުރުން އޮތީ އިންތިހާއަށް"
އޭރުގެ ހާލަތު ބުނެދެއްވަމުން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
އެ
ޒަމާނުގައި ޖިންނި ޝައިޠާނުންގެ އެހީގައި ކަހީނުކަންކޮށް، ފާލުބަލައި ރަމަލުޖަހާ މީހުން
އުޅުނު ކަމާއި އެ ބައިމީހުން މީސްތަކުންގެ
ނަޞީބު ހުރި ނެތް ގޮތް ކިޔައިދީ، މީސްތަކުންގެ ތަނަވަސްކަމަށް އަރައިގަތްކަމާއި އޭރުގެ މުޖުތަމަޢުގައި އަންހެނުންނަށް
އެއްވެސް މަޤާމެއް، އަގެއް ނެތްކަމާއި ވާރުތައިން ލިބޭ ހިއްސާއެއް ނޯންނަކަމާއި އެކަމަކު އަންހެނަކު މަރުވެއްޖެ ނަމަ،
އޭނާގެ މުދާ އެހެން މީހުންނަށް ވާރުތައިން ލިބޭކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
"އިސްލާމް ދީން އައުމުގެ ކުރީން، އަންހެންދަރީން ދިރިތިއްބައި ވަޅުލުމަކީ ވެސް ޢަރަބީންގެ ތެރޭގައި ހިނގި ކަމެއް، މި ފަދަ އެތައް ސަބަބަކާ ހުރެ، މީސްތަކުން ތިބީ ހިދާޔަތުގެ އަލިކަމަކަށް އެދިއެދި، ތެދުމަގު ހޯދުމަށް ކެތްމަދުވެފައި"
ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި މީސްތަކުން
މިފަދަ ޙާލެއްގައި ވަނިކޮށް، މާތް اللَّه މީސްތަކުންގެ މައްޗަށް
ދަރުމަވެރިވެވޮޑިގެން ތެދުމަގާއިގެން ފޮނުއްވި ބޭކަލަކީ، ކީރިތި ރަސޫލާ
ﷺ އެވެ. އެކަލޭގެފާނު ގެނެސްދެއްވި ދީނުގައި އިންސާފު
އޮތެވެ. ހަމަހަމަކަން އޮތެވެ. އެއީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރެވޭނެ
މަގެވެ. އެ ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމަޢު އެކުވެރިވިއެވެ. ހަތުރުން
މިތުރުންނަށް ވިއެވެ. ނަރަކައިން މިންޖުވެ، ސުވަރުގެ ވަދެވޭނެ މަގު ފަހިވިއެވެ. ކީރިތި
ރަސޫލާ ﷺ
ދެކެ ލޯބިވާން ޖެހެނީ މި ސަބަބުތަކަށް ޓަކައެވެ.
ކީރިތިރަސޫލާ
ﷺ ދެކެ ލޯބިވުމަކީ ކޮބައިކަން
ދަންނާން ޖެހޭކަން ފާހަގަކުރަމުން ހުކުރު
ޚުޠުބާގައި ބުނެފައިވަނީ އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި،
އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތަށް ތަބަޢަވުން ހިމެނޭކަމަށާއި އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނުގެ
އަރިހުގައި އަޑުމަޑުކުރުމާއި، އެކަލޭގެފާނަށް އިޙުތިރާމުކުރުން ހިމެނޭކަމަށެވެ. އަދި މި އަދު އެކަލޭގެފާނު
ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނުގެ ޝަޚުޞިއްޔަތާއި، ސުންނަތް ދިފާޢުކުރުމާއި،
ސުންނަތުގެ މައްޗަށް ބަސްނުކިޔުމާއި، އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއި،
އަނބިއަނބިކަނބަލުން ދިފާޢުކުރުން ހިމެނޭކަމަށެވެ.
ކީރިތި
ރަސޫލާ ﷺ އިސްލާމީ
އުންމަތަށް، މާތް اللَّهގެ ދީން ގެނެސްދެއްވިކަން
ފާހަގަކޮށް ހުކުރު ޚުޠުބާގައި ބުނެފައިވަނީ އެ ދީން
ފުރިހަމަވަނީ އެ މާތް ނަބިއްޔާގެ ސުންނަތާ ލައިގެން ކަމަށާއި އެހެންވެ، ކީރިތި ޤުރްއާނުގައި މާތް اللَّهގެ
ފޮތާއި، ކީރިތި ރަސޫލާ ﷺގެ
ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބުމަށް އަމުރުކުރައްވައިފައިވާކަމަށެވެ. އަދި މުސްލިމުން
އެކަތިގަނޑަކަށް ވުމަށްވެސް އަންގަވައިފައިވާކަމަށެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ކީރިތި
ރަސޫލާ ﷺ އަކީ، އުންމަތަށް ނުހަނު އޯގާވެރި ބޭކަލެކެވެ. އެތައް
ހަނގުރާމަތަކެއްގައި އާދައިގެ މުސްލިމުންނެކޭ އެއް ފަދައިން އެކަލޭގެފާނު ބައިވެރިވެވަޑައިގަތެވެ.
އެކަލޭގެފާނަކީ ދީލަތިފުޅުކަމުގައި ވެސް އިންތިހާއެވެ. މުސްލިމުންގެ މައްޗަށް
އޯގާވެރިވެވަޑައިގަތުމުގައި ވެސް އިންތިހާއެވެ. މީސްތަކުންގެ ކުށްތަކަށް
މަޢާފުކޮށްދެއްވުމުގައި ވެސް ނަމޫނާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް