އޮކްޓޫބަރު ނިމުނުއިރު ރަސްމީ ރިޒާވް 599.2 މިލިޔަން ޑޮލަރަށް އަރައިފި

29 Nov 2026 | 11:34
އެމްއެމްއޭ --

އެމްއެމްއޭ --

އޮކްޓޫބަރު މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 51.4 މިލިޔަން ޑޮލަރުގެ އިތުރުވުމަކާ އެކު 599.2 މިލިޔަން ޑޮލަރަށް މައްޗަށް ޖެހިއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުގައި މިއީ ސެޕްޓެމްބަރު މަހު ރިޒާވްގައި ހުރި 547.7 މިލިޔަން ޑޮލަރާ އަޅާ ބަލާއިރު %9.4 ގެ ކުރިއެރުމެކެވެ. ހަމައެއާ އެކު ބޭނުންކުރެވޭ ރިޒާވް ވެސް ވަނީ ސެޕްޓެމްބަރުގައި ހުރި 169.7 މިލިޔަން ޑޮލަރުން 183.6 މިލިޔަން ޑޮލަރަށް، އެއީ %8.1 ގެ ނިސްބަތުން، އިތުރުވެފައެވެ.

Advertisement

ނަމަވެސް ފާއިތުވި ހަތަރު މަހުގެ ތެރޭގައި ބޭނުންކުރެވޭ ރިޒާވް ދިޔައީ ދަށަށެވެ. ޖޫން މަހު 248.9 މިލިޔަން ޑޮލަރުގައި ހުރި މި ޢަދަދު ޖުލައިގައި 221.9 މިލިޔަން ޑޮލަރަށް، އޮގަސްޓުގައި 200.6 މިލިޔަން ޑޮލަރަށް، އަދި ސެޕްޓެމްބަރުގައި 169.8 މިލިޔަން ޑޮލަރަށް ތިރިވެފައިވެއެވެ. އޮކްޓޫބަރު މަހުގެ ޢަދަދާ އެކު މި ވެއްޓުން މަޑުޖެހި ރިޒާވް އެނބުރި މައްޗަށް ދާން ފެށީއެވެ.

މި އަހަރުގެ ކުރީކޮޅު ރިޒާވް ހަރުދަނާ ކުރުމުގެ މަސައްކަތްތަކާ އެކު މާރިޗު މަހު ރަސްމީ ރިޒާވް 1.3 ބިލިޔަން ޑޮލަރަށް އެރި ނަމަވެސް، އެޕްރީލް މަހު ގާތްގަނޑަކަށް ބިލިޔަނެއްހާ ޑޮލަރުގެ ދަރަނި ދެއްކުމާ ގުޅިގެން ރިޒާވް ބޮޑުތަނުން ދަށްވިއެވެ. މި ދަރަނިތަކަކީ ކުރީގެ އެކި ދުވަސްވަރު ނަގައި މި އަހަރު މުއްދަތު ހަމަވާ ގޮތަށް ހުރި ދަރަނިތަކެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އަންދާޒާ ކޮށްފައިވާ ގޮތުން މި އަހަރު ނިމޭ އިރު ރަސްމީ ރިޒާވް ހުންނާނީ 817.17 މިލިޔަން ޑޮލަރުގައެވެ. މިދިޔަ އަހަރު ނިމުނުއިރު ރިޒާވްގައި 984.6 މިލިޔަން ޑޮލަރު ހުރުމާ އެކު، އެ އަންދާޒާ އެއީ %16.9 ގެ ދަށްވުމެކެވެ. ބަޖެޓު ފޮތުގައިވާ ގޮތުން، މި ލަފާކުރުން ބިނާ ކޮށްފައި ވަނީ ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލާއި، ބޭރު ފައިސާގެ އާމްދަނީ އިތުރު ކުރުމަށް އެޅި ފިޔަވަޅުތަކާއި، މަނިޓަރީ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއި، ލިބޭނެ ކަމަށް ބެލެވޭ ބޭރު ފައިސާގެ ފައިނޭންސިންގުގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް