ފޮޓޯ: އައިޖީއެމްއެޗް
އެމަޖެންސީ ހާލަތެއް ދިމާވި ބަލި މީހަކަށް ފަރުވާ ދިނުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ދިވެހި ޑޮކްޓަރުންގެ ޓީމަކުން އެންޑޮސްކޮޕިކް ރެޓްރޯގްރޭޑް ކޮލެންޖިއޯޕެންކްރިއެޓޮގްރަފީ (އީއާރުސީޕީ) ޕްރޮސީޖާއެއް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާ އެކު ހަދައިފިއެވެ.
އީއާރުސީޕީ އަކީ ހަޖަމުކުރާ ނިޒާމުގެ ޚާއްޞަ ހޮޅިތަކާ ގުޅުން ހުރި ބަލިތައް ދެނެގަނެ ފަރުވާ ކުރުމަށް ބޭނުންކުރާ ޕްރޮސީޖާއެކެވެ. މި ޕްރޮސީޖާ ހެދީ ފުރަމޭ އިންފެކްޓުވެ، ފުރަމޭއިން ކުޑަ ގޮހޮރަށް ބައިލް ގެންދާ ހޮޅި ދުޅަވެގެން އެމަޖެންސީ ހާލަތެއް ކުރިމަތިވި ބަލި މީހަކަށެވެ. އެ ފަރުވާގައި އެންޑޯސްކޯޕިކް ސްފިންކްޓްރޮޓޮމީ ހެދުމަށް ފަހު ބައިލް ޑަކްޓުގައި ސްޓެންޓެއް ވެސް ލައްވާފައިވެއެވެ.
އެ ހޮސްޕިޓަލުން ބުނީ މި ޕްރޮސީޖާ ކުރިއަށް ގެންދިޔައީ މެޑިކަލް ގެސްޓްރޯއެންޓެރޮލޮޖީ ޔުނިޓާއި އެންޑޮސްކޮޕީ ޔުނިޓާއި ސާޖަރީ ޓީމު އަދި އެނެސްތީޝިއާ ޓީމު ގުޅިގެން ކަމަށެވެ.
އައިޖީއެމްއެޗުން ސިފަކުރާ ގޮތުގައި މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. އެ ހޮސްޕިޓަލުން ބުނީ މިކަމުން ހާމަވަނީ ދިވެހި ޑޮކްޓަރުންގެ ޤާބިލުކަން ކުރިއަރަމުންދާ މިންވަރާއި، ބޭރު ޤައުމުތަކަށް ބަރޯސާ ނުވެ ރާއްޖެއިން މިފަދަ ފަރުވާތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
މީގެ ކުރިން މި ބާވަތުގެ ޕްރޮސީޖާތައް ރާއްޖޭގައި ހަދާފައި ވަނީ ބޭރުގެ ޑޮކްޓަރުންގެ އެހީތެރިކަމާ އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް