އޭ ލޮބުވެތި އަޚާއެވެ. ލޮބުވެތި އުޚުތާއެވެ. ކޮންމެ މީހަކަށް ވެސް ފާފައެއް ކުރެވިދާނެ އެވެ. ގޯހެއް ހެދިދާނެއެވެ. ފަހަރެއްގައި ގިނަ ފާފަތައް ކުރެވި މާޔޫސް ވެސް ވެދާނެއެވެ. ތިމާގެ ފާފަތަކުގެ ލަދުވެތިކަމުންނާއި ގިނަކަމުން ހަދާނެ ގޮތެއް ނޭނގިފައި ހުންނަށްޖެހިދާނެއެވެ.
އެހެންނަމަވެސް އެ ވިސްނުން ދޫކޮށްލާށެވެ. ވިސްނާލާށެވެ. ތިމާގެ މަންމަ ނުވަތަ ބައްޕަ ތިމާއަށް ދެރަ ގޮތެއްވާން އެނދޭނޭ ހެއްޔެވެ. ނޭދޭނެއެވެ. އެ މައިންބަފައިންގެ ހިތުގައި ތިބާގެ މައްޗަށް އިހްތިރާމާއި ލޯބި ލެއްވި ﷲ ތިބާގެ ދެކެ ވާ ލޯބި އެތައް ގުނައެއް ބޮޑެވެ.
ކީރިތިގުރުއާނުގައި މާތް ﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނާގައި ވެއެވެ.
" ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސު ތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެރަހުމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަހީމްވަންތަ ރަސްކަލާނގެއެވެ. ( އައްޒުމަރު ސޫރަތުގެ 53 ވަނަ އާޔަތް )
ހަމައެކަނި މި އާޔާތުން ވެސް ފުދޭނެއެވެ. ވިސްނާލާށެވެ. އެކަލާގެ ތިބާ އާއި މުޚާތަބުކުރައްވަނީ ކިހާ ލޯބިން ހެއްޔެވެ. ' ތިމަން ރަސްކަލާގެ އަޅުތަކުންނޭވެ' ވިސްނާލާށެވެ. ޚިޔާލަށް ވިސްނުމަށް ގެންނާށެވެ. ތިބާގެ މަންމަ ތިބާއަށް ލޯބިން ގޮވާލައެވެ. ' އޭ އަހަރެންގެ ދަރިފުޅާއެވެ' އެ ގޮވާލުމުގައި ވަނީ ކުލުނާއި ލޯތްބެވެ. ހަމްދަރުދީއާއި ރައްކާތެރިކަމެވެ. ރަހުމާންވަންތަ ރަހީމްވަންތަ ރަސްކަލާގެ އެ އަންގަވަނީ ކޮން ބަޔަކަށް ހެއްޔެވެ. ފާފަތަކުން އިސްރާފުކޮށްފައިވާ މީހުންނަށެވެ. އެހެންކަމުން ތިބާގެ ފާފަތައް ގިނަޔަސް ކިތައްމެ ބޮޑަސް އަޑުއަހާށެވެ. " ﷲ ރަހުމަތުން އުންމީދު ކަނޑާނުލާށެވެ' އެއީ ކީއްވެގެތޯއެވެ. ސަބަބަކީ ތޯއެވެ. ' اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ.' އަދި ނިމުނީއެއް ނޫނެވެ. " ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަހީމްވަންތަ ރަސްކަލާނގެއެވެ."
އޭ އަޚާއެވެ. އޭ އުޚުތާއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަހީމްވަންތަ ރަސްކަލާގެ ހަޒުރަތަށް އަވަހަށް ރުޖޫއަ ވާށެވެ. މާދަމާ އަށް ލަސްނުކުރާށެވެ. ފަހަރެއްގައި މާދަމާ ތިބާ އަށް ނުލިބިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް