ސުއޫދުގެ ވާހަކަތަކަށް ކްރިމިނަލް ކޯޓުން ވަރުގަދަ ރައްދެއް ދީފި

މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އުފައްދަވާފައިވާ ކޮމިޝަންގެ ރައީސް އަލްއުސްތާޒު ހުސްނުއް ސުއޫދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތައް ...

31 Dec 2018 | 17:05

މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އުފައްދަވާފައިވާ ކޮމިޝަންގެ ރައީސް އަލްއުސްތާޒު ހުސްނުއް ސުއޫދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތައް އެ ކޯޓުން ދޮގުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުއޫދު ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި ސުއޫދު ވާހަކަ ދެއްކެވީ ކޮމިޝަންގެ އިހްތިސާސުން ބޭރުން ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓާއި އެތަނުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭނެހެން ކުރާ ކަންކަން ބަލާނެ ކަމަށެވެ.

ސުއޫދުގެ އެ ވާހަކަތައް ކޯޓުން ސިފަކޮށްފައި ވަނީ ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، މިނިވަން ޖުޑީޝަރީ އަޅުވެތިކޮށް، ގައުމު ހަލަބޮލިކުރަން ދެއްކި ވާހަކަތަކެއްގެ ގޮތުގައި އެވެ. އަދި ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅޭނެ ނިޒާމު ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަނޑައަޅާފައި ވަނިކޮށް އޭގެ ބޭރުން ކަންތައް ކުރުމަކީ އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"މި ކޯޓުގެ ހުރުމަތްކެނޑޭހެން މީޑިއާގައި ވާހަކަ ދައްކައި މި ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް ދެއްކުމުގެ ގޮތުން ހުސްނުއްސުއޫދު ދައްކާފައިވާ ވާހަކަތައް މި ކޯޓުން ކުށްވެރިކުރަމެވެ." ބަޔާނުގައިވެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތައް ކިތަންމެ ވަރަކަށް ބެލިޔަސް ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"ހަމަ އެގޮތަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ބައެއް ގޭންގުތައް ބޭނުންކޮށްފައި އެބަހުރި. ބައެއް ގޭންގުތަކަށް އެބަ އޮވޭ ކޯޓާއެއް ލިބިފައި ފަނޑިޔާރުން އައްޔަން ކުރަން ބައެއް ކޯޓްތަކަށް. ކްރިމިނަލް ކޯޓަށް މިވެނި ގޭންގަކުން ކޯޓާއެއް. ގޭންގުން ނޯމިޓޭޓްކުރާ ފަނޑިޔާރުން ކޯޓުތަކުގައި ތިބުން. ހިނގާފައި ހުރި ކަންތައްތައް މިއީ،" ސުއޫދު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓާއި ގުޅޭގޮތުން ސުއޫދު މިފަދަ ވާހަކަތަކެއް ދެއްކެވި އިރު މީގެ ކުރިންވެސް އެ ކޯޓުން ވަނީ ސުއޫދު އެތައް ފަހަރަކު ކޯޓުގައި ވަކާލާތު ނުކުރެވޭގޮތަށް ސަސްޕެންޑުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް