ހެންވޭރު ސޯސަން މަގު ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ މީހަކު ދޭ އުނދަގޫ ހުއްޓުވުމަށް ގޮވާލަމުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު މިއަދު ފުލުހުންގެ އިދާރާގައި ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު، 14 ގަޑިއިރު ފަހުން އާއިލާއާއެކު މަޖީދީ މަގުގައި ކުރިއަށް ގެންދަން ފަށައިފިއެވެ.
ހަޅުތާލު ކުރަނީ ބީއެމްއެލްގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާކުރަމުން އަންނަ މުހައްމަދު ސައީދެވެ. ސައީދު ހަޅުތާލު ފެށީ ހެންވޭރުގައި ހުންނަ އާދަމް ހަލީމް ބިލްޑިންގައި މިއަދު ހެނދުނުއެވެ. އެ ބިލްޑިންއިން ނުކުމެ ދިއުމަށް ފުލުހުން އެދުނު ކަމަށް ސައީދު ބުނެއެވެ.
ސައީދު ހަޅުތާލު ކުރާ ވާހަކަ މީޑިއާތަކުން ރިޕޯޓުކުރަމުން ދިޔައިރު، ފާރިސް ކިޔާ މީހާ ފުލުހުން ހައްޔަރުކޮށްފައިވެއެވެ. ފާރިސް ހައްޔަރުކުރުމަށްފަހު ހަޅުތާލު ނިންމާލުމަށް ފުލުހުން އެދުނު ނަމަވެސް، ސިސްޓަމަށް އިތުބާރެއް ނެތުމުން ހަޅުތާލު ނުހުއްޓާނެ ކަމަށް ސައީދު ބުނެފައިވެއެވެ.
ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ފާރިސް ފުރައްސާރަކޮށް، ޖެއްސުންކޮށް ހަދައެވެ. ބައެއް މީހުންނާ ދިމާއަށް ހަޅޭއްލަވައި އެއްޗެހި އުކާ ވީޑިއޯތައް ވެސް މީގެކުރިން ފެތުރިފައިވާއިރު، އިޖުތިމާއީ މިންގަނޑާ ހިލާފަށް ހެދުން ލައިގެން ވެސް އޭނާ ނުކުމެ ހުރެއެވެ.
ސައީދު ބުނި ގޮތުގައި ފާރިސްގެ އުނދަގޫ ޖެހޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ފުލުހުންނަށް ރިޕޯޓުކޮށް އެތައް ދުވަހަކު ކެތްކުރި ނަމަވެސް އެ އުނދަގުލުން ސަލާމަތެއް ނުވެއެވެ. ހެކި ހޯދައި ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް ސައީދު ބުނެއެވެ.
ސައީދުގެ ބަސްތަކުގައިވާ ގޮތުން، މިކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، އިތުރަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. ދެން އަންނަ ހަފްތާގައި ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަންތަކެއް ވެސް ތާވަލުކޮށްފައިވެއެވެ. މަސްތުވާތަކެތީގެ ބޭނުން ހުއްޓުވުމާ ބެހޭ އޮތޯރިޓީ (އެންޑީއޭ) އިން ބުނީ ފާރިސް ބަލައިގަތުމަށް ބޭނުންވާ މިންގަނޑުތަކާ އޭނާ ނުބައްދަލުވާ ކަމަށެވެ. ނަފްސާނީ ބަލިތައް ފަރުވާކުރާ މަރުކަޒު (އެޗްޕީއެސްއެން) އިން ބުނީ އޭނާއަކީ ނަފްސާނީ ބައްޔެއް ޖެހިފައިވާ މީހަކު ނޫން ކަމަށެވެ. ހެކި ފުދިފައިނުވާތީ ކޯޓަށް މައްސަލަ ނުފޮނުވޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށް ސައީދު ބުނެއެވެ.
މީގެކުރިން ވެސް ގާތްގަނޑަކަށް 30 ފަހަރު ފާރިސް ހައްޔަރުކޮށް، އެކި ފިޔަވަޅުތައް އަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭނާއާ ގުޅޭ ގިނަ ރިޕޯޓުތަކެއް ވެސް ފުލުހުންނަށް ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް