ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް މާލެ ސަރަހައްދުގައި ގާއިމުކުރެވޭތޯ ބެލުމަށް، ނޯވޭގެ ފްލޯޝަން ކުންފުންޏާ ގުޅިގެން އަމަލީ ދިރާސާ ކުރުމުގެ މަސައްކަތް މާލެ ވޯޓާ އެންޑް ސުވަރޭޖް ކުންފުނި (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ.
އެ ކުންފުނިން ބުނީ މިހާރު ސައިޓުގައި ކުރިއަށްދާ ދިރާސާތަކާއި ފެން ތަހުލީލުކުރުމުގެ މަސައްކަތުގެ ބޭނުމަކީ، މި ޓެކްނޮލޮޖީ ރާއްޖޭގައި ކާމިޔާބުކަމާއެކު ބޭނުންކުރެވޭތޯ ބެލުން ކަމަށެވެ. ރާއްޖޭގައި މި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރީ ފްލޯޝަނުންނެވެ. ހިނގަމުންދާ ފީސިބިލިޓީ ސްޓަޑީގެ ތެރެއިން، އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކަނޑުގެ 500 މީޓަރުގެ އަޑިން ފެނުގެ ސާމްޕަލް ނަގާފައިވެއެވެ.
އެމްޑަބްލިއުއެސްސީއިން ބުނެފައިވާ ގޮތުގައި، ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ހާމަވީ ރާއްޖޭގެ ކަނޑު އަޑިން ނެގި ފެނަކީ އާދަޔާ ހިލާފަށް ސާފު ފެނެއް ކަމެވެ. ލެބޯޓްރީ ނަތީޖާތަކުން އެކަން ކަށަވަރުވެއްޖެނަމަ، ފެން އުފެއްދުމަށް ބޭނުންކުރެވޭ އެންމެ މަތީ ފެންވަރުގެ ގުދުރަތީ މަސްދަރުތަކުގެ ތެރޭގައި މި ފެން ހިމެނޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީ ފަރުމާކޮށްފައިވަނީ، ކަނޑުގެ ތަބީއީ ފިއްޖެހުމުގެ ބާރު ނުވަތަ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ނިޒާމު ހިންގޭ ގޮތަށެވެ. ރިވާސް އޮސްމޯސިސް އަކީ ލޮނުފެން ސާފުކޮށް ބޯފެން އުފައްދާ ނިޒާމެކެވެ. މި ގޮތުން ކަރަންޓު ބޭނުންކުރާ މިންވަރު %40 އާއި %50 އާ ދެމެދަށް ދަށްކުރެވި، ކެމިކަލްގެ ބޭނުން ކުޑަވެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ފްލޯޝަނުން ބުނެފައިވެއެވެ.
މި ދިރާސާގެ ނަތީޖާތަކަށް ބަލައި، ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން މި ޓެކްނޮލޮޖީ އެކަށީގެންވޭތޯ އެމްޑަބްލިއުއެސްސީއިން ވަޒަންކުރާނެއެވެ. މަޝްރޫއު ކާމިޔާބުވެއްޖެނަމަ، އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ އުމްރާނީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ތަސައްވުރަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެެ، 2040 ވަނަ އަހަރަށް ތަރައްގީވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެސް މިއީ މުހިންމު މަސައްކަތެއް ކަމަށް އެމްޑަބްލިއުއެސްސީއިން ފާހަގަކުރިއެވެ.
މިހާތަނަށް ކުރި ދިރާސާތަކުން ފާހަގަކުރެވިފައިވާ ގޮތުގައި، މި ޕްލާންޓު ގާއިމުކުރުމަށް އެންމެ އެކަށީގެންވާ ސަރަހައްދަކީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް