ސިނަމާލެ ބްރިޖު ހައިވޭގައި ފުލުހުން ޖަހާފައިވާ ޗެކްޕޮއިންޓެއްގައި ސައިކަލެއް ޖެހި ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހަކު ފަސް ދުވަހަށް ބަންދުކުރުމަށް ހޮނިހިރުދުވަހު ކޯޓުން އަމުރުކޮށްފައިވާއިރު އެއިން ދެމީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ބަންދުގެ މުއްދަތު ޖެހި މީހުންގެ ތެރޭގައި ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ، އަބްދުﷲ ސައްމާހް ހަސަން ސާދިގް (20އ) އާއި ކ. ގާފަރު، މަލަ، އަހްމަދު ސިނާޒް (30އ) ހިމެނެއެވެ. ތުހުމަތުކުރެވޭ ގޮތުގައި އޮފިސަރުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަމުން ދިޔައީ ސައްމާހް ކަމަށާއި، ސިނާޒް އިނީ އޭގެ ފަހަތުގައި ކަމަށެވެ. މި ދެ މީހުންނާއެކު ބަންދުކުރި އަނެއް ދެ މީހުންނަކީ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވިގެން ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 21 އަހަރުގެ ދެ ދިވެހި ފިރިހެނަކަށެވެ.
ހަތަރު މީހުން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރީ ހޮނިހިރުދުވަހުގެ ހަވީރުއެވެ. ޔޫރިން ޓެސްޓުގެ ވަގުތީ ނަތީޖާއިން ހަތަރު މީހުންގެ ވެސް ހަށިގަނޑުގައި މަސްތުވާތަކެތި ހުރިކަން ދައްކާކަމަށް ބުނެފައިވެއެވެ.
ހާދިސާ ހިނގީ ހޮނިހިރުދުވަހު ފަތިހު 04:29 ގައި، މާލެއިން ހުޅުމާލެއަށް ދާ ލޭނުގައި ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވުމަށް ފުލުހުން ޖަހާފައިވާ ޗެކްޕޮއިންޓުގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށް ވުރެ ބާރުން ދުއްވަމުން އައި ސައިކަލު ބެރިކޭޑުގައި ޖެހުމަށްފަހު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އޮޕަރޭޝަނުގައި ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހުނީއެވެ.
ހާދިސާގައި އެ އޮފިސަރުގެ މޫނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ފުލުހުން މި މައްސަލަ ބަލަމުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް