މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ސިނަމާލެ ބްރިޖުގެ ހައިވޭގައި ގާއިމުކޮށްފައިވާ ޗެކްޕޮއިންޓެއްގައި ޑިއުޓީގައި ހުރި ފުލުހަކަށް ސައިކަލަކުން ޖެހި ބޮޑެތި އަނިޔާތަކެއް ލިބުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން، ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަހަށް ބަންދުކޮށްފިއެވެ.
ބަންދުކުރީ ކ. ގާފަރު، މަލަ، 30 އަހަރުގެ އަހްމަދު ސިނާޒް، ހދ. ކުޅުދުއްފުށި، އުއްދަނޑިމާގެ، 20 އަހަރުގެ އަބްދުﷲ ސައްމާހް ހަސަން ސާދިގް، ހ. ފިލްމީސައިޓް، 21 އަހަރުގެ އަނޫފް ބިން މުހައްމަދު އަދި ސ. ހިތަދޫ، ފެނީވާ، 21 އަހަރުގެ އަހްމަދު މާއިޝް މުހައްމަދު މާހިރެވެ. ހަތަރު މީހުންގެ ވެސް ޔޫރިންގެ ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ފައްސިވެފައިވާ ކަމަށް ބަންދު އަމުރުތަކުން އެނގެއެވެ. އެ މީހުންނާ މެދު ތުހުމަތުކުރަނީ މަސްތުގެ ހާލަތުގައި ތިބެ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ކުށެވެ.
ބަންދު އަމުރުތަކުގައިވާ ގޮތުން، ސިނާޒާއި ސައްމާހް ދުއްވަން އިން ސައިކަލަކީ، ބާރު ސްޕީޑުގައި ހައިވޭގައި ދުއްވަމުން ގޮސް، ފުލުހުންގެ ބެރިކޭޑުގައި ޖެހި، އެތަނުގައި ހުރި ފުލުހެއްގެ ގައިގައި ޖެހުނު ސައިކަލެވެ. ހާދިސާ ހިނގި ވަގުތު ސައްމާހްގެ ލައިސަންސް، ޓްރެފިކް ކުށަކާ ގުޅިގެން ހިފަހައްޓާފައި އޮތް ކަމަށް ވެސް ތަހުގީގު އޮފިސަރު ކޯޓަށް ބުނެފައިވެއެވެ. އަނޫފާއި މާއިޝް، އަނިޔާވި ފަރާތެއް އޭޑީކޭ ހޮސްޕިޓަލުގައި އޮތް ކަމަށް ބުނެ، އެ ހޮސްޕިޓަލަށް ގޮސް އަޑުގަދަކޮށް، މުވައްޒަފުންނާއި ފުލުހުންނާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ވެސް ބަންދު އަމުރުތަކުން އެނގެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިއަދު ނެރުއްވި ބަޔާނުގައިވާ ގޮތުން، ހާދިސާ ހިނގީ މިއަދު ފަތިހު 04:29 ހާއިރު، ހައިވޭގައި މާލެއިން ހުޅުމާލެއަށް ދާ ފަޅީގައެވެ. 100 ކިލޯމީޓަރަށްވުރެ ބާރުގައި ދުއްވާފައި ދިޔަ ސައިކަލު ފުލުހުން ތިބި ދިމާއަށް ގޮސް ބެރިކޭޑުގައި ޖެހި، ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހުނު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް، ދަތް ބިނދިފައިވާއިރު، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި އިތުރު ތިން ސައިކަލެއް ބައިވެރިވި ކަމަށާއި، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާ ދެކޮޅަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމުގެ މަގްސަދުގައި ގަސްދުގައި ހިންގި އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ. ފުލުސް މީހާގެ ގައިގާ ޖެހުނު ސައިކަލުގައި ތިބި ދެ މީހުންނާއި، އިތުރު ދެ މީހަކާއި ސައިކަލެއް ލޮކޭޓްކޮށް ހައްޔަރުކުރި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުންނަށް ކުރިމަތިކުރާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، އެ އޮޕަރޭޝަން މެދުނުކަނޑާ ކުރިއަށް ގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސްގެ ބަޔާނުގައި ބުނެފައިވެއެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު އަޅާ ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށިކުރާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް