މާދަމާ ފެށޭ މީލާދީ އާ އަހަރު ފާހަގަ ކުރުމަށް މިރޭ މާލޭގައި މާބޮޑު ހަރަކާތްތަކެއް ކުރިޔަށް ނުގެންދެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮންމެ އަހަރަކު އާ އަހަރު ފާހަގަ ކުރުމަށް މާލޭގައި ބާއްވާ މިއުޒިކް ޝޯ ނުބާއްވަން މި ސަރުކާރުން ވަނީ ނިންމާފައި އެވެ. އަދި މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހަވާ އެރުވުމުގެ ހަރަކާތެއްވެސް ކުރިޔަކަށް ނުގެންދާނެ އެވެ.
އެމްއެންޑީއެފުން ބުނީ މާލޭގައި އާ އަހަރު ފާހަގަ ކުރުމަށް ހަވާ އެރުވުމުގެ އެއްވެސް ހަރަކާތެއް މިރޭ ކުރިޔަށް ގެންދަން ހަމަޖެހިފައި ނުވި ނަމަވެސް ގިނަ ރިސޯޓުތަކެއްގައި ހަވާ އެރުވުން ކުރިޔަށް ގެންދާނެކަން އަންގާފައިވާ ކަމަށެވެ. އެގޮތުން 40 އަށްވުރެ ގިނަ ރިސޯޓުގައި މިރޭ ހަވާ އަރުވާނެ އެވެ.
އާ އަހަރު ފާހަގަ ކުރުމަށް މާލެއާއި މާލެ ކައިރި ބައެއް ރިސޯޓުތަކުގެ ރެސްޓޯރަންޓުތަކުގައި ވަނީ ހާއްސަ ޑިސްކައުންޓުތަކާއި އެކު ބުފޭތަކާއި ވަކި ވަކި ލަވަކިޔުންތެރިންނާއި މިއުޒިކް ކުރިޔަން ގެންދަން ނިންމާފައި އެވެ.
އާ އަހަރު ފާހަގަ ކުރުމަށް ދުނިޔޭގެ މަޝްހޫރު ގިނަ ތަރިން ކޮންމެ އަހަރަކުވެސް ރާއްޖެ އާދެ އެވެ. އެގޮތުން އާ އަހަރާ ދިމާކޮށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން އައިސް އުޅޭކަން އެނގިފައިވަނީ ތިން ތަރިންނެވެ.
އެއީ ބޮލީވުޑްގެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފް، ދިޝާ ޕަޓާނީ އަދި ކިއަރާ އަދްވާނީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް