ރައީސް ޔާމީންގެ ދުވަސްވަރު ނުހައްގުން ބަހާފައިވާކަމަށް ތުހުމަތުކުރާ ފްލެޓްތަކާމެދު ގޮތެއް ނިންމޭނީ، އެ ފްލެޓްތަކުގެ މައްސަލަ ބަލަން ހަވާލުކުރި ކޮމެޓީގެ މަސައްކަތަށްފަހު ލިބޭ ލަފައަކުން ކަމަށް ހައުސިންގް މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓުތަކަށް ހޮވުނު ފަރާތްތަކަށް ފްލެޓް ދިން އިރުގައި ހައްގު ނޫން ފަރާތްތަކަށް ދިން މައްސަލަ، ރައީސް މުހައްމަދު ސޯލިހް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ދަނީ ބަލަމުންނެވެ.
މިނިސްޓަރ ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި އާތިފާ ވިދާޅުވީ ރައީސް ސޯލިހް އުފައްދަވާފައިވާ ކޮމެޓީން 3 މަޝްރޫއެއްގެ ފްލެޓް ބަހާފައިވާ ގޮތް ބަލާނެ ކަމަށެވެ. އެއީ ހިޔާ މަޝްރޫއާއި، ގެދޮރުވެރިކުރުމުގެ މަޝްރޫއާއި އަދި ގުޅީ ފަޅުގެ މަޝްރޫއުގެ ފްލެޓުތަކެވެ.
ކުރީގެ ސަރުކާރުން ފްލެޓުތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން އޭރު ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނާއި، ނުފޫޒުގަދަ ބޭފުޅުންނާއި، އަދި އެބޭފުޅުންގެ އާއިލީ މެމްބަރުންނަށް ފްލެޓް ދީފައިވާ ކަމުގެ ތުހުމަތުތައް ކުރެވުނެެވެ. އަދި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތައް ބޯހިޔާވަހިކަމުން މަހްރޫމުކޮށް، މާމަދުން ޕޮއިންޓްސް ލިބުން ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށްވެސް ތުހުމަތު ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް