އެއް އުރައިގައި ދެ ކަނޑި އަކަށް ހަމަ ނޯވެވޭނެ ހެއްޔެވެ؟

"އެވެނި ގެއެއްގެ މިވެނި މީހަކު ދެ އަންބަށް މީހަކާ އިނދެފިއެވެ." "އާދަނު ދެ އަންބަށް މީހަކާ އިންނަން އުޅޭތީ ހަސީނާ ކޯޓަށް ފޯމުލައިގެން ވަރި ވެއްޖެއެވެ." މިހަރަކަށް އައިސް ހާދަ ގިނައިން ކަންފަތަށް އަޑުއ...

31 Dec 2018 | 06:35

"އެވެނި ގެއެއްގެ މިވެނި މީހަކު ދެ އަންބަށް މީހަކާ އިނދެފިއެވެ." "އާދަނު ދެ އަންބަށް މީހަކާ އިންނަން އުޅޭތީ ހަސީނާ ކޯޓަށް ފޯމުލައިގެން ވަރި ވެއްޖެއެވެ." މިހަރަކަށް އައިސް ހާދަ ގިނައިން ކަންފަތަށް އަޑުއިވޭ ވާހަކައެކެވެ. އަޅުގަނޑަކާ ކޮން ބެހޭ ކަމެއްހޭ ހިތައި ބީރު ކަންފަތެއް ދީގެން އަޅައިނުލައި ހިމޭނުން ހުންނާނަމޭ ގަސްތުކޮށްގެން އުޅުނަސް ހުރެވޭ ވަރަށްވުރެ މާ ފޯރިގަދަ ކަމަކަށް މިކަން ވެއްޖެއެވެ. ވިސްނާލަން މަޖުބޫރު ވެއްޖެއެވެ. ލޮލުގެ ހިމަކޮޅުން ނަމަވެސް މި ވާހަކައަށް ނަޒަރެއް ދޭން ޖެހިއްޖެއެވެ.

މިހާރަކަށް އައިސް "ދެ އަންބަށް މީހަކާ އިނުން" ގިނަ ފިރިހެނުންގެ ބަކެޓް ލިސްޓުގެ އެންމެ ކުރީ ސަފުން ޖާގަ ހޯދާފައިވާކަމީ ދެބަސްވެވެން ނެތް ޙަގީގަތެކެވެ. އެހެނަސް މިކަން ވެފައިވަނީ އެ ފިރިހެންވެރިންގެ އަނބިންނަށް ގަބޫލު ކުރަންދަތި، ބަރުދާސްތު ކުރަންދަތި ކަމަކަށެވެ. ތެދެކެވެ. ކޮންމެ ދެމަފިރިއަކުވެސް ކައިވެނީގެ މަތިވެރި ގޮށް ޖަހާލަނީ އިންތިހާ ލޯބީގެ ބާރުގަދަ ގޮށަކުންނެވެ. ވީއިރު ބަތްތަށީގެ އެއްފަޅި އެހެން މީހަކާއި ހިއްސާކުރަން ހަމަހިލާ ނޭދެވެނީއެވެ. އެހެނަސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ދެއަންބަށް މީހަކާ އިނުމަކީ ފިރިހެނުންނަށް ހުއްދަ ވެގެންވާ ކަމެއްކަމެވެ. މާތްﷲ ފިރިހެނުންނަށް 4 އަނބިން ހުއްދަ ކުރަށްވާފައި ވަނީ އިލާހީ ޙިކުމަތަކަށް ޓަކައެވެ.  ވީއިރު މާތްﷲ ޙަރާމް ކުރެއްވި އެންމެހާ ކަންތައްތަކުން ރައްކާތެރިވުމަށް ފިރިންނަށް ހިތްވަރުދީ، އެއްބާރުލުންދޭ އަނބިންނަށްވުރެ ލޮބުވެތި އަނބިންނަކީ ފަހެ ކޮބައި ހެއްޔެވެ. ދެވަނަ އަންބަކަށް ފިރިމީހާ އެދޭހިނދު އަނބިމީހާ އެކަމާ އިންކާރުކޮށް ވަރިއަށް އެދުމަކީ ނުހަނު ހިތާމަހުރި ކަމެކެވެ. އެހެނީ ޝަރުއީ އުޛުރަކާއި ނުލާ ވަރިއަށް އެދުމަކީ ޙަރާމް ކަމަކަށް ވާތީއެވެ. ލޮބުވެތި އުޚްތާއެވެ. "އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނޭ" ބުނުމަކީ އަޅުގަނޑުމެންނަށް ލިބިގެންވާ ޙައްގެއް ނޫނެވެ. ވީއިރު އަންހެން ކަނބަލުންނަކީ ފިރިންގެ ލޯތަކުގެ ފިނިކަން ކަމުގައި ވަމާތޯއެވެ. ތިމާ ފަދަ އަނެއް އުޚްތާގެ ބޮލުގެ ތާޖު ވެއްޓުނަ ނުދީ، އެ އުޚްތާގެ ގަދަރު އުފުލައިދޭ އުޚްތަކަށް ވަމާތޯއެވެ.

ތެދެކެވެ. 4 އަނބިންނާ ކައިވެނި ކުރުން ފިރިހެނުންނަށް މާތްﷲ ވަނީ ހުއްދަ ކުރައްވާފައެވެ. މި އުންމަތުގެ އެންމެ ފުރިހަމަ ނަމޫނާ ކަމުގައިވި ކީރިތި ރަސޫލާ އަދި އެކަލޭގެފާނުގެ ސަޙާބީން އެއް އަނބިންނަށްވުރެ ގިނަ އަނބިންނާ ކައިވެނީ ބައްލަވައި ގަތެވެ. ކައިވެނި ބައްލަވައި ގަތުމުގައި ދަރިންލިބި އެކަނިވެރިވެފައިވާ ޙާލުގައިތިބި މައިންނާ ކައިވެނި ބައްލަވައިގަތުމަށް އިސްކަން ދެއްވިއެވެ. އެބޭފުޅުން ދަހިވެތިވީ ދުނިޔޭގެ އަރާމާއި ލައްޒަތަކަށް ނޫނެވެ. އެބޭފުޅުން ދަހިވެތިވީ އުޚްރަވީ ޙަޔާތުގައިލިބޭނެ މަތިވެރި ސަވާބާއި ދަރުމައަށެވެ. ލޮބުވެތި އަޚުންނޭވެ. ހަތަރު އަނބިންނާ ކައިވެނިކުރުން މާތްﷲ ހުއްދަ ކުރަށްވާފައި ވީނަމަވެސް ﷲގެ ޙުކުމްތަކާއި ރަސޫލާގެ ސުންނަތުގައި ހިފައިގެން އެކަން ކުރާށެވެ. ﷲ ތަޢާލާގެ ރުއްސެވުމާއި ފުއްސެވުން އެދިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް