ހަޔާތުން އަނެއްކާވެސް މިއަދު އަހަރެއް ނިމި ދާނެއެވެ. މިރޭ 00:00ގައި 2018 ނިމި 2019 ފެށޭނެއެވެ.
ނިމިދިޔަ 2018 ވަނަ އަހަރު ހަޔާތުގައި ހާސިލުވީ ކޮން ކަމެއް ހެއްޔެވެ؟ ހިކެން ބޭނުންވެ ހިކުނު ހެއްޔެވެ؟ ވަޒީފާގެ ކުރިއެރުން ހޯދަން އުޅެ އެ ކުރިއެރުން ލިބުނު ހެއްޔެވެ؟ ބަރާބަރަށް ފަސް ވަގުތު ނަމާދުކުރަން ކަނޑައެޅި އަޒުމް ފުރިހަމަ ވި ހެއްޔެވެ؟ މީގެ އިތުރުންވެސް ހަޔާތުގެ އެކި ލަނޑުދަނޑިތަކެއް ހާސިލު ކުރަން ބޭނުންވެ އެ މަސައްކަތްތަކުގެ ކޮންމެވެސް މިންވަރެއް ފާއިތުވި އަހަރުގައި ކޮންމެ މީހަކުވެސް ކޮށްފައިވާނެކަމީ ޔަގީން ކަމެކެވެ.
އޭގެ ތެރެއިން 10 އިންސައްތަ ކާމިޔާބުވިޔަސް އެއީ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ކުރިއަށް މިއޮތީ އައު އަހަރެކެވެ. އައު އަޒުމަކާއެކު އައު ކަންތައްތަކެއްގެ އަޒުމް ކަނޑައެޅިދާނެއެވެ. ހަޔާތް އައު ލެވެލަކަށް ގެންދެވިދާނެއެވެ. އެހެނަސް އެކަންކަން ހާސިލު ވާނީ ވަރަށް ހިތްވަރު ހުރެގެންނެވެ.
ލަނޑުދަނޑިތައް ކަނޑައެޅުން
އައު އަހަރަށް ލަނޑުދަނޑިތައް ކަނޑައަޅާއިރު މި ގޮތަށް އަމަލު ކުރެވިދާނެއެވެ. ފޮތަކާއި ގަލަމެއް ހިފައިގެން އެކަނިވެރި މާހައުލެއްގައި އިށީނދެ ލިޔަން ފަށާށެވެ. ހާސިލު ކުރަން ބޭނުންވާ ކަންކަން، ފަހަރަކު ކަމެއް ލައިނެއްގައި ލިޔަމުން ގެންދާށެވެ. ގަނޑު ފުރެންދެންވެސް ލިޔެވިދާނެއެވެ. ވީހާވެސް ގިނަ ކަމެއް ލިޔާށެވެ.
ލިޔުނު ހުރިހާ ކަމެއް ތިން ހަތަރު ފަހަރު މަތިން ތިރިއަށް ކިޔާލާށެވެ. އަދި މި ސުވާލު ނަފްސާ ކޮށްލާށެވެ.
"މީގެ ތެރެއިން ހަމަ އެންމެ ކަމެއް ހާސިލު ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އަހަރެން ހާސިލު ކުރާނީ ކޮންކަމެއް؟" މި ސުވާލު އަމިއްލަ ނަފްސާ ކޮށްލުމަށްފަހު ހަމަ އެންމެ ކަމެއްގައި ބޮޅު އަޅާށެވެ. އަދި އެ ކަމާއި ދިމާލުގައި އެކެއް ޖަހާށެވެ. ދެން ހުރި ހުރިހާ ކަމެއް ލައިން އައުޓް ކޮށްލާށެވެ.
ދިރާސާތަކުން ދައްކާގޮތުގައި އެއްފަހަރާ މާގިނަ ކަންކަން ހާސިލުކުރަން އުޅެފިނަމަ ކާމިޔާބު ވުމަށްވުރެ ކާމިޔާބު ނުވެ ފެއިލްވުން ގާތެވެ.
ކަނޑައެޅި ލަނޑުދަނޑިއަށް ވާސިލުވުމަށް ކަންކުރަންވީ ގޮތް
އެ ހުރިހާކަމެއްގެ ތެތެއިން، މިސާލަކަށް ތިބޭ ބޭނުންވަނީ ހިކެން ކަމުގައިވަނީނަމަ ޖެހިގެން އަންނަ ދުވަހު ފަތިހު ހަމަ ތެދުވެ ދުއްވައި ނުގަންނާށެވެ. އަދި އެއްކިލޯ މީޓަރު ދެ ކިލޯމީޓަރު ނުދުވާށެވެ. ލުއި ފަސޭހަ ފެށުމަކުން ފެށުމަށް ވިސްނާށެވެ. މިސާލަކަށް އެންމެ ފުރަތަމަ ދުވަހު ފަތިހު ތެދުވެ ހިނގާލާށެވެ. ފުރަތަމަ ހަފްތާގައި ހަމަ އެކަނި ހިނގަން އާދަކުރެވިދާނެއެވެ. އަދި ޖެހިގެން އަންނަ ހަފްތާގައި މަޑުމަޑުން ދުވަން ފެށިދާނެއެވެ.
ދުވަން ފަށަން އަޒުމް ކަނޑައަޅާނަމަ ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. މިސާލަކަށް ބުނާނަމަ ރޭގަނޑު ނިދުމުގެ ކުރިން ދުވަން ދާން ލާ ބޫޓު ހޯދައި، އިސްޓާކީނު ހޯދައި، ފަސޭހައިން ލޮލުގައި އަޅައިގަންނަ ހިސާބެއްގައި ބެހެއްޓިދާނެއެވެ. އެފަދައިން ކަން ކޮށްލުމުން ފަތިހު ތެދުވަން ހިތްވަރަކަށް ވާނެއެވެ.
ސެލެބްރޭޓް ކުރުން
ދިރާސާތަކުން ދައްކާގޮތުގައި ކަމެއް ހާސިލު ކުރުމުގައި އެންމެ އެހީތެރިވެދޭ އެއް ކަމަކީ ސެލެބްރޭޓް ކުރުމެވެ. ސެލްބްރޭޓް ކުރުމުގެ މާނައަކީ ކޮންމެ ދުވަހަކު ޕާޓީއެއް ބޭއްވުމެއް ނޫނެވެ.
މިސާލަކަށް ބުނާނަމަ ދުވަން ދާން އަޒުމް ކަނޑައަޅާ ރޭގަނޑު ބޫޓާއި އިސްޓާކީނު އަދި ދުވަން ދާން ލާނެ ތަކެތި ރެޑީ ކުރުމަށްފަހު، "ޔޭ" އޭ ބުނެ މަތިން ތިރިއަށް ބާރަށް އަތް ދަމާލިޔަސް އެއޮތީ ސެލެބްރޭޓް ކުރެވިފައެވެ. އެގޮތަށް ސެލެބްރޭޓް ކޮށްލާނަމަ ކަމެއް ހާސިލުވިކަމުގެ އުފާ އިހުސާސް ކުރެވޭނެއެވެ. އަދި ދެން އޮތް ކަމެއް ހާސިލުކުރުމަށް ބާރަކަށް ވާނެއެވެ. ހަމަ އެބީދައިން ފަތިހު ހޭލެވުމުންވެސް ސެލެބްރޭޓް ކޮށްލެވިދާނެއެވެ. ހިނގާ ނިންމާލުމަށްފަހުވެސް ސެލެބްރޭޓް ކޮށްލެވިދާނެއެވެ.
މިކަމަށް ބާރުދެވިދާނެ އިތުރު ގޮތެއްވެސް އެބަ އޮތެވެ. ކަލަންޑަރެއް ހޯދާށެވެ. ފުރަތަމަ ދުވަހު އެކަން ހާސިލުވުމުން ތާރީހާ ދިމާގައި ކްރޮސް ފާހަގައެއް ޖަހާށެވެ. ޖެހިގެން އަންނަ ދުވަހުވެސް ޖަހާށެވެ. އެގޮތަށް ފާހަގަ ޖަހަމުން ދާ ވަރަކަށް އެ ޗެއިން ދާނީ ދިގުވަމުންނެވެ. 10 ވަރަކަށް ދުވަހު ހިފަހައްޓާލެވުނަސް އެއްކަލަ ކަލަންޑުރުގެ ޗެއިން ފެންނަ ކޮންމެ ފަހަރަކު އިތުރު ހިތްވަރެއް ލިބޭނެއެވެ. އަދި މާދަމާވެސް އެކަމެއް ކުރުމަށް ހިތްވަރަކަށް ވާނެއެވެ.
ފެއިލްވެއްޖެނަމަ ދެން ކުރާނީ ކީއް !
ކަމެއް ހާސިލުކުރުމުގެ މަސައްކަތުގައި ނަމަ މޯޓިވޭޝަން އަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެކެވެ. ފެއިލް ވެދާނެ އެވެ. އެއްބުރުން، ދެބުރުން އަދި ތިން ހަތަރު ބުރުން ކާމިޔާބު ވުމަށްވުރެވެސް ގާތީ ކާމިޔާބު ނުވެ ފެއިލްވާމީހާއެވެ. ނަމަވެސް ފެއިލްވެ އެ ފެއިލް ގަބޫލުކޮށް އަބަދު ފެއިލްވަނީއޭ ބުނެ އެކަމާ ދެން ނޫޅޭނަމަ ހަމަ ގައިމުވެސް އެކަމެއް ހާސިލުވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ.
އަލުން ފަށަންވީއެވެ. ސިކުނޑި ނޫނެކޭ ބުނާނަމަ ހިތުން އާނއެކެ ބުނެ އަލުން ފަށަން ވީއެވެ. ހިތާއި ސިކުނޑި އެއްބައި ކިޔާ ނޫނެކޭ ބުނެފިނަމަ ޒަމީރާއި ދެކޮޅަށްވެސް ފަށަންވީއެވެ. އިންޝާ ﷲ މަޑުމަޑުން ފެއިލް ވުމުގެ އާދަ ކާމިޔާބީގެ އާދައަށް ބަދަލުވެ ތިބާ ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލު ކުރެވޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް