ތަޖުރިބާގެ އަލީގައި އާ އަހަރަކާ ކުރިމަތިލަނީ ގައުމަށް އެތައް ގުނަ ކާމިޔަބީ ހޯދައިދިނުމަށް: ރައީސް ޔާމީން

މީލާދީ އާ އަހަރެއް ފެށޭއިރު، ތަޖުރިބާގެ އަލީގައި އާ އަހަރަކާ ކުރިމަތިލަނީ އެތައް ގުނައަކުން ކާމިޔާބީއާއި ކުރިއެރުން ޤައުމަށް ހޯދައިދިނުމުގެ ވަރުގަދަ ޢަޒުމުގައި ކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އ...

31 Dec 2017 | 15:33

މީލާދީ އާ އަހަރެއް ފެށޭއިރު، ތަޖުރިބާގެ އަލީގައި އާ އަހަރަކާ ކުރިމަތިލަނީ އެތައް ގުނައަކުން ކާމިޔާބީއާއި ކުރިއެރުން ޤައުމަށް ހޯދައިދިނުމުގެ ވަރުގަދަ ޢަޒުމުގައި ކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކޮށް ރައީސް ފޮނުއްވި ތަހުނިޔާ ހިތާބުގައި އެވެ.

"ނިމިގެން މިދިޔަ 2017 ވަނަ އަހަރަކީ، މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި، މާތްﷲގެ ވާގިފުޅާއެކު، ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކުރެވުނު އަހަރެކެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށްޓަކައި އެތައް މަޝްރޫޢުތަކެއް ނިންމައި އަދި އެތައް މަޝްރޫޢުތަކެއް ފަށައިދިނުމުގެ އުފާ އަޅުގަނޑަށް ލިބިގެންދިޔަ އަހަރެކެވެ. ވަޒީފާގެ ފުރުޞަތު އިތުރުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން އެތައް ހާސް ވަޒީފާއެއް އިތުރުވެގެންދިޔަ އަހަރެކެވެ. ހަމައެހެންމެ، ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރުމަށް ޒުވާނުންނަށް އެތައް ފަހި ފުރުޞަތުތަކެއްވެސް ހޯދައިދެވުނު އަހަރެކެވެ." ރައީސްގެ ހިތާބުގައި ވިދާޅުވެފައި ވެ އެވެ.

އެ ހިތާބުގައި ވިދާޅުވެފައިވަނީ މި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހަކީ، ޤައުމު ހިންގުމުގައި، ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކާއި ދަތި އުނދަގޫތައް ތަޙައްމަލުކުރަންޖެހުނު ހަތަރު އަހަރު ކަމަށެވެ. މި ގޮންޖެހުންތަކާއި ދަތި އުނދަގޫތައް އައީ އަހަރަކަށްވުރެ އަހަރެއް އިތުރުވެ އެތައް ގުނައަކަށް ބޮޑުވަމުން ކަމަށެވެ. އެހެންނަމަވެސް، މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ސާބިތުވެތިބެ އެ ގޮންޖެހުންތަކާ ކުރިމަތިލައި، ކާމިޔާބީގެ އައްސޭރިއަށް ވާސިލުވުމަށް މަގުފަހިކޮށްދީ އެތައް ގޮތަކުން ޤައުމުގެ ކަންކަން ހަމަމަގަށް އެޅުވިފައިވާކަމުގެ ހިތްހަމަޖެހުމެއް ކަމަށާއި ހަމަޔަޤީނުންވެސް ޤައުމެއް ހިންގުމުގައި ސަރުކާރަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ، ޤައުމުގައި ދިމާވާ އެކިއެކި މައްސަލަތަކާ އީޖާބީ ގޮތެއްގައި ކުރިމަތިލައި، ދަތި އުނދަގޫތަކުގެ ތެރެއިންނަމަވެސް އެކަންކަމުގެ ޙައްލު ހޯދައިދެވުނުކަމުގެ ހިތްހަމަޖެހުމެއް ކަމުގައި ރައީސްގެ ހިތާބުގައި ވިދާޅުވެފައި ވެ އެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވެފައިވަނީ ޤައުމު ހިންގުމުގައި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ކުރެވިފައިވާ ތަޖުރިބާގެ އަލީގައި، އާ އަހަރަކާ ސަރުކާރުން މިކުރިމަތިލަނީ ހަތަރު އަހަރުން ކުރެ ފާއިތުވި ކޮންމެ އަހަރަކަށްވުރެ އެތައް ގުނައަކުން ކާމިޔާބީއާއި ކުރިއެރުން ޤައުމަށް ހޯދައިދިނުމުގެ ވަރުގަދަ ޢަޒުމުގައި ކަމަށެވެ. މި ސަރުކާރުން ދިވެހި ޤައުމީ ނަވާ ހަވާލުވުމަށްފަހު، ފެށި ދަތުރުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް އިރާދަކުރެއްވިޔާ މިފެށޭ އާ އަހަރު ނިމުމުގެ ކުރިން ނިންމައި، އެކަންކަމުގެ ލާބައާއި މަންފާ ދިވެހި ރައްޔިތުންނަށް ލިބިދިނުމުގެ މަތިވެރި ޢަޒުމުގައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން މިއަހަރަށް ފާސްކޮށްދެއްވި ބަޖެޓުގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ މި ސަރުކާރުގެ ފަސް އަހަރުގެ މެނިފެސްޓޯގެ ހުރިހާ ކަންތައްތަކެއް ފުރިހަމައަށް ނިންމުމުގެ މައްޗަށް ކަމަށެވެ. އަޅުގަނޑުގެ ޢަޒުމަކީ، މިފެށޭ އަހަރަކީ މާތްﷲގެ ވާގިފުޅާއެކު، މިހައިތަނަށް މި ސަރުކާރުގެ އެންމެ ކާމިޔާބު އަހަރު ކަމުގައި ހެދުމެވެ.

"މާތްﷲ، މިއަހަރަކީ ރާއްޖެއަށާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ހުރިހާގޮތަކުންވެސް ކާމިޔާބު އަދި ބާއްޖަވެރި އަހަރެއް ކަމުގައި ލައްވާށިއެވެ! އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރައްވާށިއެވެ! ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރަމުން މިގެންދާ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަސައްކަތްތަކުގައި ބަރަކާތް ލައްވާށިއެވެ! އާމީން." ރައީސްގެ ހިތާބު ނިންމާލާފައިވަނީ މި ދުއާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް