ގެވެށި ފަރުވާ: އަނގައިން ދުވާ ނުބައިވަސް ކަނޑުވާލެވިދާނެ

ތިބާގެ އަނގައިން ނުބައިވަސް ދުވާކަމަށް އެއްވެސް މީހަކު އެއްވެސް އިރެއްގައި ބުނި ހެއްޔެވެ.؟ އެހެންކަމުގައިވާނަމަ އެދުވަހެއް ނުވަތަ އެ ވަގުތެއް ވެގެން ގޮސްފައިވާނީ ތިބާ ލަދު ގަންނަން ޖެހުނު ވަގުތަކަށް ކ...

31 Dec 2017 | 01:20

ތިބާގެ އަނގައިން ނުބައިވަސް ދުވާކަމަށް އެއްވެސް މީހަކު އެއްވެސް އިރެއްގައި ބުނި ހެއްޔެވެ.؟ އެހެންކަމުގައިވާނަމަ އެދުވަހެއް ނުވަތަ އެ ވަގުތެއް ވެގެން ގޮސްފައިވާނީ ތިބާ ލަދު ގަންނަން ޖެހުނު ވަގުތަކަށް ކަން ޔަގީނެވެ. އެހެން ނަމަވެސް އެހެން ބުނި ފަރާތަކަށް ޝުކުރު ހައްގެވެ. އެއީ ގިނަ ފަހަރަށް އަނގައިން ކިތަންމެ ނުބައިވަސް ދުވިޔަސް، އަނެކާ ހިތުގައި ޖެހިދާނެތީ، ދެރަވެދާނެތީ ގިނައީ އެވާހަކަ ނުބުނަން ތިބޭ މީހުންނެވެ.

އަނގައިން ނުބައިވަސް ދުވަނީ ކީއްވެ !؟  

ބޭސްވެރިކަމުގެ ގޮތުން މި ކަމަށް ކިޔައި އުޅެނީ "ހަލިޓޯސިސް" އެވެ. އަނގައިން ނުބައިވަސް ދުވަނީ އަނގައިގެ ތެރޭގައި އުފެދޭ ބެކްޓީރިއާ ތަކެއްގެ ސަބަބުންނެވެ. އަނގައިން ނުބައިވަސް ދުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކެވޭ އެއްޗެއްގެ ސަބަބުން އަނގައިން ނުބައިވަސް ދުވުމާއި ކެއުމުގައި ގެންގުޅޭ އާދަތަކެއްގެ ސަބަބުން އަނގައިން ނުބައިވަސް ދުވުމާއި އަދި ދަތް އުނގުޅުމާއި ދަތްތައް ސާފު ކުރުމުގައި ގެންގުޅެވޭ އާދަތަކެއްގެ ސަބަބުންވެސް އަނގައިން ނުބައިވަސް ދުވަ އެވެ.

އަނގައިން ނުބައިވަސް ދުވުން ކަނޑުވާލުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންކަން

ދަވިއްގަނދު:

ދަވިއްގަނދު ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ "ފެނެލް ސީޑްސް" އަކީ އަނގައިން ނުބައިވަސް ކަނޑުވާލުމަށް ރަނގަޅު ހައްލެކެވެ. އަނގައިން ނުބައިވަސް ދުވާހެން ހީވާނަމަ ދަވިއްގަނދުކޮޅެއް ހަފާލެވިދާނެ އެވެ. ވަގުތީ ހައްލެއް ގެނުވާނެ ކަމަށް މިކަމުގެ އަޖުމަ ބަލާފައިވާ މީހުން ބުނެ އެވެ.

ކެއުމުގައި ފެހިކަން ގަދަ ފަތް ހިޔާރު ކުރުން:

ކެއުމުގައި ފެހިކަން ގަދަ ފަތް ހިޔާރު ކުރާނަމަ އަނގައިން ނުބައި ވަސް ދުވުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

އޮރެންޖް ނުވަތަ ލުނބޯ ތޮށި:

އޮރެންޖް އަދި ލުނބޯ ތޮށި ރަނގަޅަށް ދޮވެލުމަށްފަހު ހެފުމުން އަނގައިން ދުވާ ނުބައި ވަސް ކަނޑުވާލަދެ އެވެ. މިކަން މިގޮތަށްވަނީ އެ ތޮށީގައި ހިމެނޭ ސިޓްރިކް އެސިޑްގެ ސަބަބުންނެވެ.

ކަރަންފޫ:

ކަރަންފުލަކީ އޭގައި ހިމެނޭ އެންޓިސެޕްޓިކް ކޮލިޓީގެ ސަބަބުން އަނގައިގާ އުފެދޭ ބެކްޓީރިއާ ނައްތާލަދީ އަނގައިން ދުވާ ނުބައި ވަސް ކަނޑުވާލަދޭ އެއްޗެކެވެ.

ދަތް އުނގުޅުމާއި ފްލޮސް ކުރުން:

ދަތް އުނގުޅުމާއި ފްލޮސް ކުރުމަކީ ކޮންމެ ދުވަހަކު ކުރަން ޖެހޭ ކަމެކެވެ. އަދި ޑެންޓިސްޓުން ލަފާދެއްވާ ގޮތުގައި ދުވާލަކު މަދުވެގެން ދެ ފަހަރު ދަތް އުނގުޅަން ޖެހެ އެވެ.

ގިނައިން ފެން ބުއިން:

ފެން ބޮވޭ އަދަދު މަދު ނަމަ އަނގައިގާ ބެކްޓީރިއާ އުފެދޭ މިންވަރު އަވަސްވެ އެވެ. އޭގެ ސަބަބުން ނުބައި ވަސް ދުވާގޮތް ވެ އެވެ. އެހެންކަމުން ގިނައިން ފެން ބުއިމަކީވެސް އަނގައިން ދުވާ ނުބައިވަސް ކަނޑުވާލުމަށް ކުރެވިދާނެ، އަދި ކުރުން މުހިންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް