މި އަހަރު ފެބްރުއަރީ މަހު އެމެރިކާގައި ރިލީޒް ކޮށްފައިވާ އިނގިރޭސި ފިލްމު "ސަން އޮފް ގޯޑް" ރާއްޖެ އެތެރެ ކުރުމާއި ގެންގުޅުން މަނާކޮށްފި އެވެ.
މިކަން ހާމަކޮށް ނެޝަނަލް ބިއުރޯ އޮފް ކްލެފިކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފިލްމުގައި އީސާގެ ފާނާއި އެކަލޭގެ ފާނުގެ މައިކަނބަލުން މަރްޔަމްގެ ފާނާއި އެބޭކަލުންގެ ނަބަވީ ހާންދާނަށް ނިސްބަތްކޮށް ފުރައްސާރަކޮށްފައިވާކަމަށެވެ. އަދި އިސްލާމީ އަގީދާއާއި ހިލާފުވާގޮތަށް ނަސޯރާއިން ގެންގުޅޭ އިންޖީލާއި އެދީނުގެ އަގީދާގެ މައްޗަށް ބިނާކޮށް ފިލްމުގައި އީސާގެ ފާނަކީ މާތް ﷲގެ ދަރިކަލެއް ކަމާއި ރައްކައުވެވަޑައިގަތުމާއި އެކަލޭގެފާނު ދީނަށް ގޮވާލެއްވުމާއި ސޮލީބު ކުރެވި ޣަރީޒިއްޔަ މަރަކުން އަވަހާރަވުމަށްފަހު އަލުން ދުނިޔެއަށް ފޮނުއްވިކަމަށް ދައްކުވައިދޭ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ފިލްމު ވިއްކުމާއި، ބްރޯޑްކާސްޓް ކުރުމާއި، ރީބްރޯޑްކާސްޓް ކުރުމާއި، ބެލުމާއި އަދި އެހެން މީހަކަށް ދެއްކުމަކީވެސް މަނާކަމެއް ކަމުގައި އަންގާ ކަމަށެވެ. އަދި ރާއްޖޭގެ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން އުފެއްދުންތައް ކްލެސިފައި ކުރާއިރު އެ ތަކެއްޗަކީ ދިވެހި މުޖުތަމައު ބަލައިގަންނަ، އިސްލާމްދީނުގެ ހަމަތަކާއި ހިލާފުނުވާ އުފެއްދުންތަކެއްކަން އެ ބިއުރޯއިން ބަލަމުން އަންނަ ކަމުގައި ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް