މަލަޔާލަމް ތަރި މޯހަންލާލަށް ކުޑަވިލިނގިލިން ހޫނު މަރްޙަބާއެއް

31 Oct 2026 | 15:53
މަލަޔާލަމް ތަރި މޯހަންލާލަށް ކުޑަވިލިނގިލިން ހޫނު މަރްޙަބާއެއް

މަލަޔާލަމް ސިނަމާގެ މަޝްހޫރު ތަރި މޯހަންލާލް، އޭނާގެ އާއިލާއާއެކު ކ. އަތޮޅުގައި ހުންނަ ކުޑަވިލިނގިލި ރިސޯޓަށް ޒިޔާރަތްކޮށްފިއެވެ.

އޭނާއަށް މަރްޙަބާ ކިޔާ ވީޑިއޯއެއް، ކުޑަވިލިނގިލި ރިސޯޓުގެ ފޭސްބުކް ޕޭޖުގައި މިއަދު ޝާއިޢުކޮށްފައިވެއެވެ. ލެފްޓިނެންޓް ކާނަލް ޑރ. މޯހަންލާލް ވިސްވަނާތަންއަށް މަރްޙަބާ ކިޔުމަކީ ޝަރަފެއް ކަމަށާއި، އޭނާއާއި އޭނާގެ އާއިލާ މެހެމާންދާރީ ކުރެވުނީތީ އިޙްތިރާމެއް ލިބުނު ކަމަށް ރިސޯޓުން ބުނެއެވެ. ރިސޯޓުގައި ހޭދަކުރި ވަގުތު، "ވަގުތާއި ޖާގައަށް އައު މާނައެއް" ދިން ހިނދުކޮޅުތަކުން ފުރިފައި ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ރިސޯޓުން ބުނެއެވެ.

ރިސޯޓުން ޝާއިޢުކުރި 86 ސިކުންތުގެ ވީޑިއޯގައި ދައްކާ ގޮތުން، މޯހަންލާލް ރިސޯޓަށް ދިޔައީ ބޯޓަކުންނެވެ. ޖެޓީގައި މުވައްޒަފުން އޭނާއަށް މަރްޙަބާ ކިޔައި، ރިސޯޓާ ހަމައަށް އޭނާއާއެކު ހިނގައިގެން ދިޔައެވެ. ރިސޯޓުގެ މަގުގެ ދެފަރާތުގައި މުވައްޒަފުން ތިބި މަންޒަރާއި، ލައުންޖެއްގައި އިށީނދެގެން މުވައްޒަފުންނާ ވާހަކަ ދައްކާ މަންޒަރު ވެސް ވީޑިއޯގައި ހިމެނެއެވެ.

ގޮނޑުދޮށުގައި ރިސޯޓުގެ ގިނަ މުވައްޒަފުންނާއެކު ކޭކެއް ފަޅާ މަންޒަރާއި، ފޮޓޯއެއްގައި ސޮއިކުރާ މަންޒަރު ވެސް ވީޑިއޯގައި ފެނެއެވެ. ވީޑިއޯ ނިމެނީ، ބޯޓަކުން ރިސޯޓުން ފުރާ މަންޒަރާއި، މެހެމާންދާރީ ކުރެވުނީތީ ޝަރަފެއް ކަމަށާއި އަނެއްކާވެސް އޭނާއަށް މަރްޙަބާ ކިޔުމަށް ކުޑަވިލިނގިލި އާއިލާ އިންތިޒާރުކުރާ ކަމަށް ލިޔެފައިވާ މެސެޖަކާއެކުއެވެ.

މޯހަންލާލަކީ ކެރަލާގެ މަލަޔާލަމް ސިނަމާގެ އެންމެ ނަންދެވިފައިވާ އެކްޓަރުންގެ ތެރެއިން އެއް އެކްޓަރެވެ. އިންޑިއާގެ ސިނަމާ ދާއިރާގެ އެންމެ މަތީ އެވޯޑު ކަމަށްވާ ދާދާސާހެބް ފާލްކޭ އެވޯޑު، ސެޕްޓެމްބަރު 23، 2025 ގައި އޭނާއަށް ހަވާލުކުރިއެވެ. 2009 ވަނަ އަހަރު، އިންޑިއާގެ ޓެރިޓޯރިއަލް އާމީގެ ޝަރަފުވެރި ލެފްޓިނެންޓް ކާނަލްގެ ޝަރަފު ލިބުނު ފުރަތަމަ އިންޑިއާ އެކްޓަރަކީ ވެސް އޭނާއެވެ.

ކ. ވިލިނގިލިމަތިދަހުރާގައި ހިންގަމުން އަންނަ ކުޑަވިލިނގިލި ރިސޯޓް ހުޅުވީ 2021 ވަނަ އަހަރުގެ ޖޫން މަހުއެވެ. އިންޑިއާގެ އެމްއެފްއޭއާރު ހޮޓެލްސްގެ ރިސޯޓެއް ކަމަށްވާ މިތަނަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑްބޯޓުން ދާއިރު 30 މިނެޓު ހޭދަވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް