އިންޑިއާގައި ހެލިކޮޕްޓަރެއް ވެއްޓި ހަ މީހަކު މަރުވެއްޖެ

އިންޑިއާގެ އުއްތަރާހަންޑުގައި ބަދުރީނާތުން ޑެހެރާޑޫނަށް ދަތުރުކުރި ހެލިކޮޕްޓަރެއް ޖޯޝީމަތު ވާދީ މައްޗަށް ވެއްޓި، ފަސް ފަސިންޖަރުންނާއި ޕައިލެޓް މަރުވެއްޖެއެވެ.

31 Oct 2026 | 09:02
އިންޑިއާގައި ހެލިކޮޕްޓަރެއް ވެއްޓި ހަ މީހަކު މަރުވެއްޖެ

އިންޑިއާގެ ހިމާލަޔަން ސަރަހައްދުގައި އޮންނަ އުއްތަރާކަންޑު ސްޓޭޓުގައި ހެލިކޮޕްޓަރެއް ވެއްޓި، އެ އުޅަނދުގައި ތިބި ހަ މީހުން މިއަދު މަރުވެއްޖެއެވެ.

ހިންދޫންގެ މުހިންމު އަޅުކަމުގެ މަންޒިލެއް ކަމަށްވާ ބަދުރީނާތުން ދެހެރާދޫން ސިޓީއަށް ދަތުރުކުރަމުން ދިޔަ މި ހެލިކޮޕްޓަރުގައި ތިބީ ފަސް ފަސިންޖަރުންނާއި ޕައިލެޓެކެވެ. ޓްރާންސް ބާރަތު އެވިއޭޝަން ކިޔާ ކުންފުންޏަކުން ދުއްވި މި ހެލިކޮޕްޓަރު ވެއްޓުނީ ޖޯޝީމަތު ވާދީ މަތިން ދަތުރުކުރަމުން ދަނިކޮށް ކަމަށް، އުއްތަރާކަންޑު ސިވިލް އެވިއޭޝަން ޑެވެލޮޕްމެންޓް އޮތޯރިޓީ (ޔޫސީއޭޑީއޭ) އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"ޖޯޝީމަތު ވާދީ މަތިން ދަތުރުކުރަނިކޮށް ހެލިކޮޕްޓަރާ މުވާސަލާތު ކެނޑުނު، ހަމަ އެ ވަގުތު ޓްރެކިން ސިސްޓަމުން ވެސް ހެލިކޮޕްޓަރު ގެއްލުނު" ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޓްރާންސް ބާރަތް އެވިއޭޝަނުގެ ހުރިހާ ހެލިކޮޕްޓަރެއް ގްރައުންޑްކުރުމަށް ނިންމާފައިވާ ކަމަށް ޔޫސީއޭޑީއޭ އިން ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން ރޮއިޓާޒުން ޓްރާންސް ބާރަތު އެވިއޭޝަނަށް ގުޅުމުން އެ ކުންފުނިން ޖަވާބެއް ދީފައެއް ނުވެއެވެ.

ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުގައި ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނާއި ކާރިސާ ބެލެހެއްޓުމުގެ ޓީމުތަކާއި ސިފައިން ގުޅިގެން ހޯދައި ސަލާމަތްކުރުމުގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. ހެލިކޮޕްޓަރު ވެއްޓުނު ތަނުން ދުމާއި އަލިފާނުގެ އަސަރު ފެންނަން ހުރި ކަމަށް އިންޑިއާގެ ޓީވީ ޗެނެލްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް