ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރި ކުރުމަށް ސަލަފުން ތާއީދުކުރާކަމަށް ބުނާ ވާހަކަ ސަލަފްގެ ރައީސް ދޮގުކުރައްވައިފި

ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުމަށް ތާއީދުކުރާކަމަށް ފެތުރި ޚަބަރު ސަލަފުގެ ރައީސް ޝައިހް ޢަބްދުﷲ ދޮގުކުރައްވައި، ރާއްޖޭގެ އިސްލާމީވަންތަކަން ކަށަވަރުކުރަންޖެހޭ ކަމަށް ވިދާޅުވެއްޖެއެވެ.

31 Oct 2026 | 09:27
ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރި ކުރުމަށް ސަލަފުން ތާއީދުކުރާކަމަށް ބުނާ ވާހަކަ ސަލަފްގެ ރައީސް ދޮގުކުރައްވައިފި

ޖަމްއިއްޔަތުއްސަލަފުން އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުމަށް ތާއީދުކުރާ ކަމަށް ބައެއް ނޫސްތަކުން ފެތުރި ވާހަކަތައް އެ ޖަމްއިއްޔާގެ ރައީސް ޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް އިއްޔެ ދޮގުކުރައްވައިފިއެވެ.

ޝައިހް އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ "ކަނޑައެޅިގެން ދޮގު ހަބަރެއް" ކަމަށެވެ. ޖަމްއިއްޔަތުއްސަލަފުން އިލްތިމާސްކުރީ ތަރައްގީގެ ކޮންމެ މަޝްރޫއެއްގައި ވެސް ރާއްޖޭގެ ސައްތައިންސައްތަ އިސްލާމީވަންތަކަން ކަށަވަރުކުރަންޖެހޭ ކަމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ދަމަހައްޓައި، އެ ކަމަށް ބުރޫއަރާ އެއްވެސް އަމަލެއް ކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ޕޯސްޓް އައީ ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ސަމާލުވާންޖެހޭ އަށް ނުކުތާއެއް ޖަމްއިއްޔަތުއްސަލަފުން ސަރުކާރަށް ހުށަހެޅި ދަނޑިވަޅެއްގައެވެ. އެ ޖަމްއިއްޔާއިން ބުނެފައިވާ ގޮތުގައި، ކަމާ ބެހޭ މުއައްސަސާތަކާ ބައްދަލުކޮށް ހޯދި މައުލޫމާތުން އެނގުނީ 500 ހެކްޓަރުގެ ބިން، ދައުލަތުގެ މިލްކުވެރިކަން ދެމިއޮންނަ ގޮތަށް، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ރިއަލް އެސްޓޭޓް އުސޫލުން ތަރައްގީކުރަން ދޫކުރާ ގޮތަށް ރޭވިފައިވާ ކަމަށެވެ.

ސަލަފުގެ އިލްތިމާސްގައި ހިމެނޭ ނުކުތާތަކުގެ ތެރޭގައި ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތާއި ގައުމީ ސިޔާދަތު ރައްކާތެރިކުރުމާއި، އާބާދީގެ ބައްޓަމަށް އަތުވެދާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާ ދިރާސާކުރުމާއި، ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު މަންފާ ލިބޭ ގޮތަށް އިގުތިސާދީ ތަރައްގީ ބައްޓަންކުރުމާއި، ދެފުށް ފެންނަ ސިޔާސަތެއް ގާއިމުކުރުން ހިމެނެއެވެ. ހަމައެހެންމެ ހުޅުވާލެވިފައިވާ އިގުތިސާދާއި ގައުމީ އަސާސްތަކާ ދެމެދު ހަމަހަމަކަން ގެނައުމާއި، ދާއިމީ މޮނިޓަރިން ނިޒާމެއް ގާއިމުކުރުމާއި، އިޖުތިމާއީ އަސަރުތައް ވަޒަންކުރުން ވެސް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ފަލަސްތީނުގެ މުގައްދަސް ބިންތައް ފޭރިގެންފައިވާ އިސްތިއުމާރީ އިޒްރޭލުގެ ރައްޔިތަކަށް މި މަޝްރޫއުން ޖާގަ ނުދިނުމަށާއި، އެއްބަސްވުންތައް ހާމަކޮށް ރައްޔިތުންގެ މަޝްވަރާއާ އެކު ކުރިއަށް ގެންދިއުމަށް ވެސް ގޮވާލާފައިވެއެވެ.

ޖަމްއިއްޔަތުއްސަލަފުން ރަސްމާލެ މަޝްރޫއު ދިރާސާކުރަން ފެށިކަން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހުއެވެ. އެ ޖަމްއިއްޔާއިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ހަގީގީ ތަސައްވުރު ޔަގީންވާނީ އެއްބަސްވުން އެކުލަވާލައި ކަމާ ގުޅޭ ގާނޫނު ވުޖޫދަށް އައުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް