ބ. އޭދަފުށީގައި ސަރުކާރުން ގާއިމުކުރާ ދެ ފަންގިފިލާގެ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމާއި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ. ސަލީމަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސެވެ.
މި މަރުކަޒުގެ މިސްކިތް ބައިގައި 700 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގަ ހުންނާނެއެވެ. ނަމާދުކުރެވޭ ބައިގެ އިތުރުން ތަފާތު ހަރަކާތްތައް ބޭއްވޭ ގޮތަށް ފަރުމާކޮށްފައިވާ މަލްޓިޕަރޕަސް ހޯލަކާއި ތިން ކްލާސްރޫމާއި ހިފްޒު ކްލާސްތަކަށް ހާއްސަ ބަޔަކާއި ލައިބްރަރީއަކާއި އޮފީސް ބައެއް އިމާރާތުގައި ހިމެނޭނެއެވެ. ހިނަވާ ގެއެއް ވެސް މި މަޝްރޫއުގެ ތެރޭގައި ހެދުމަށް ވަނީ ރާވާފައެވެ.
ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ޑރ. ޝުޖާއާއި މެންބަރު ސަލީމް ދެއްކެވި ވާހަކަފުޅުގައި ދީނީ ބިނާތައް ވަރުގަދަކުރުމުގެ މުހިންމުކަމާއި، އިސްލާމީ ތައުލީމާއި އިޖުތިމާއީ ހިދުމަތް ފުޅާކުރެއްވުމުގެ ޒރޫރަތުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.
ސަރުކާރުގެ ހަރަދުގައި ކުރިއަށް ގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ބ. އަތޮޅުގެ ވެރިކަންކުރާ ރަށް ކަމުގައިވާ އޭދަފުށީގެ އާބާދީ 2،500 އިން މައްޗަށް އަރައެވެ.
ސަރުކާރުން މިހާރު ވެސް 12 ރަށެއްގައި އިސްލާމީ މަރުކަޒުތައް ތަރައްގީކުރަމުން ގެންދާއިރު، 16 ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒު އަދި 45 އަށް ވުރެ ގިނަ މިސްކިތް އެކި ރަށްރަށުގައި ދަނީ ބިނާކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް