ޔޫކްރެއިނަށް 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ވިއްކުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުއްދަ ދީފި

ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރެއިނަށް 2.1 ބިލިއަން ޑޮލަރުގެ 500 ޕެޓްރިއޮޓް މިސައިލް ވިއްކުމުގެ ހުއްދަ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ދީފިއެވެ. ނަމަވެސް މިސައިލްތައް ޑެލިވަރީ ކުރެވޭނީ 2030 ގެ ކުރީކޮޅުގައި ކަމަށް ލަފާކުރެވެއެވެ.

31 Oct 2026 | 09:09
ޔޫކްރެއިނަށް 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ވިއްކުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުއްދަ ދީފި

ރަޝިޔާގެ ހަމަލާތައް ވައްޓައިލުމަށް ޔޫކްރެއިނުން ބޭނުންވާ 500 ޕެޓްރިއޮޓް ޕީއޭސީ 3 މިސައިލް ގާތްގަނޑަކަށް 2.1 ބިލިއަން އެމެރިކާ ޑޮލަރަށް ވިއްކުމުގެ ހުއްދަ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ހުކުރު ދުވަހު ދީފިއެވެ.

ޓްރަމްޕްގެ ދެވަނަ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ޔޫކްރެއިނަށް ދިފާއީ ހަތިޔާރު ފޯރުކޮށްދިނުމުގެ ގޮތުން ނެގި އެންމެ ބޮޑު ފިޔަވަޅެއް ކަމުގައި މި ނިންމުން ވެގެންދެއެވެ. މީގެ ކުރިން މިސައިލް ޑެލިވަރީތައް ލަސްވެފައި އޮތުމުން ޔޫކްރެއިނާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވެއެވެ. ޓްރަމްޕް ރަޝިޔާއާ ޑީސެލް ޑީލެއް ހެދި ކަމަށް އިއުލާނުކޮށް، ރަޝިޔާގެ ރިފައިނަރީތަކަށް ހަމަލާ ދިނުން ހުއްޓައިނުލާތީ ޔޫކްރެއިނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީއަށް ފާޑު ކިޔާފައިވެއެވެ.

ރަޝިޔާގެ ސިފައިން ފޮނުވާ ބެލިސްޓިކް މިސައިލް ދިފާއުކުރުމުގެ ގާބިލުކަން އެންމެ ބޮޑީ ޕެޓްރިއޮޓް ނިޒާމުގައި ކަމަށް ވާއިރު، އިތުރު މިސައިލް އިންޓަސެޕްޓަރު ވީހާ އަވަހަކަށް ބޭނުންވާ ކަމަށް ޔޫކްރެއިނުން ތަކުރާރުކޮށް ބުނެފައިވެއެވެ. ބުރާސްފަތި ދުވަހު ޔޫކްރެއިނުގެ ދްނީޕްރޯ ސިޓީގެ ރޭލު ޕްލެޓްފޯމަކަށް ރަޝިޔާގެ ޑްރޯން ހަމަލާއެއް އެރައި 14 މީހުން މަރުވިއެވެ. އެ ދުވަހު އެހެން ދެ ސިޓީއަކަށް ދިން ހަމަލާތަކުގައި ފަސް މީހަކު މަރުވެ، ރޭގަނޑު ވެރިރަށް ކީވަށް ފޮނުވައިލި މިސައިލެއްގައި އެކެއް މަރުވި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ނަމަވެސް މި ހުއްދައާ އެކުވެސް އެ މިސައިލްތައް އަވަހަށް ލިބޭނެ ކަމަކަށް ނުބެލެވެއެވެ. ހަތިޔާރު ވިއްކުމުގެ އެއްބަސްވުންތައް ފުރިހަމަވާން އާންމުގޮތެއްގައި އެތައް އަހަރެއް ނަގާއިރު، މި ނިންމުމާ ބެހޭ މައުލޫމާތު ލިބިފައިވާ ދެ ފަރާތަކާ ހަވާލާދީ ބުނެފައި ވަނީ، އަދި އުފައްދާފައި ނުވާ މި މިސައިލްތައް ޑެލިވަރީ ކުރެވޭނެ ކަމަށް ލަފާކުރެވެނީ 2030 ގެ ކުރީކޮޅުގައި ކަމަށެވެ. ޑެލިވަރީ ތާރީހު އަވަސްކުރުމަށް ޔޫކްރެއިނުގެ ދިފާއީ މިނިސްޓްރީން ޕެންޓަގަނަށް ބާރު އަޅަމުންދާ ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ. އެގޮތުން، މިހާރު އެމެރިކާގެ ހަތިޔާރު ރައްކާކުރާ ތަންތަނުގައި ހުރި މިސައިލް ޔޫކްރެއިނަށް ފޮނުވައި، ފަހުން އާ ޕެޓްރިއޮޓް އިންޓަސެޕްޓަރުން އެ ހުސްވި ބައި ފުރައިލެވިދާނެ ކަމަށް ހުށަހަޅާފައިވެއެވެ.

މި މިސައިލްތަކުގެ އަގު ދައްކާނީ ކެނެޑާ، ޖަރުމަނު އަދި ނޯވޭ އިން ޖަމްޕްސްޓާޓް ނަމުގައި ހިންގާ ޕްރޮގްރާމެއް މެދުވެރިކޮށް ދޭ ފައިސާގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ ޔޫކްރެއިން ސަޕޯޓް ލޯނުން ހޯދާ ގައުމީ ފައިސާ ބޭނުންކޮށްގެން ކަމަށް ސްޓޭޓް ޑިޕާޓްމެންޓުގެ ބަޔާނުގައި ބުނެފައިވެއެވެ. ރަޝިޔާ ޔޫކްރެއިނަށް އެރުމާ ގުޅިގެން އެ ގައުމުގެ ދިފާއީ ބޭނުންތަކަށް ބައިވެރި ގައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ހަތިޔާރާއި ތަމްރީން ގަތުމުގެ ފުރުސަތު ޖަމްޕްސްޓާޓް ޕްރޮގްރާމުން ހޮވައިދެއެވެ. މީގެ ކުރިން އޮގަސްޓް މަހު ޒޯން 5 ޓެކްނޮލޮޖީސް އާއި ކޮއެސްޕަޔާ ކުންފުނިން އުފައްދާ ވައިގެ މަގުން ފޮނުވައިލެވޭ 3,350 ކްރޫޒް މިސައިލް 825 މިލިއަން ޑޮލަރަށް ގަތުމަށް މި ޕްރޮގްރާމް ބޭނުންކޮށްފައިވެއެވެ.

ޕެޓްރިއޮޓް އިންޓަސެޕްޓަރުގެ މައި ކޮންޓްރެކްޓަރަކީ ލޮކްހީޑް މާޓިން ކުންފުންޏެވެ. ޖުލައި މަހު އެމެރިކާ ސިފައިން އެ ކުންފުންޏާ 58.6 ބިލިއަން ޑޮލަރާ ހަމައަށް ބޮޑު ކޮންޓްރެކްޓެއް ހަވާލުކޮށް، ޕެޓްރިއޮޓް މިސައިލް އުފެއްދުމުގެ މަސައްކަތް ފުޅާކޮށްފައިވެއެވެ. އެ ކޮންޓްރެކްޓާ އެކު 2030 ގެ ނިޔަލަށް ޕީއޭސީ 3 އެމްއެސްއީ މިސައިލް އުފެއްދުމުގެ ގާބިލުކަން ތިން ގުނައަށް އިތުރުކޮށް، އާކެންސޯގެ ކެމްޑެން ފެކްޓަރީގައި ވަޒީފާގެ އަދަދު 1,200 އިން ގާތްގަނޑަކަށް 1,850 އަށް - 50 އިންސައްތަ - އިތުރުކުރެވޭނެ ކަމަށް ލޮކްހީޑުން ބުނެފައިވެއެވެ. އެ ކުންފުނިން ވަނީ އަހަރަކު 2,000 ޕެޓްރިއޮޓް ޕީއޭސީ 3 މިސައިލް އުފެއްދުމުގެ ލަނޑުދަނޑި ކުރިން ހާމަކޮށްފައެވެ.

މިސައިލް އުފެއްދުމުގެ މިންވަރު އަވަސްކުރުމަށް ކޮންޓްރެކްޓަރުންނަށް ބާރު އެޅުމުގެ މަޝްވަރާތައް ޕެންޓަގަންގެ މަންދޫބުން ކުރިއަށް ގެންދާއިރު، މި އަހަރުގެ ކުރީކޮޅު ވަގުތީ އެއްބަސްވުންތަކެއް ވެސް ހެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް