އާންމު އުނދަގުލަކަށް ވެގެން ހައްޔަރުކުރި ފައިރިޝް އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި

ބިރުދެއްކުމާއި މާރާމާރީގެ ތުހުމަތުގައި ހައްޔަރުކޮށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކޮށްފައި ހުރި ފައިރިޝް މިއަދު މެންދުރުފަހު އެ ތަނުން ފިލައިފިއެވެ.

31 Oct 2026 | 13:51
އާންމު އުނދަގުލަކަށް ވެގެން ހައްޔަރުކުރި ފައިރިޝް އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި

ބިރުދެއްކުމާއި މާރާމާރީ ހިންގުން ހިމެނޭ ތުހުމަތުތަކެއްގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުން ހިންމަފުށީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ މަރުކަޒަށް ބަދަލުކޮށްފައި ހުރި އަހުމަދު ފައިރިޝް މިއަދު މެންދުރުފަހު އެ ތަނުން ފިލައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު ހއ. ހޯރަފުށީ ފައިރިޝް ހައްޔަރުކުރީ، ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ ރައްޔިތުންނަށް ތަކުރާރުކޮށް އުނދަގޫކުރި މައްސަލައިގައި އާންމުން ހުށަހެޅި ޝަކުވާތަކާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާ އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. ބަންދު އަމުރުން އެނގޭ ގޮތުގައި ފައިރިޝްގެ މައްޗަށް ކުރެވެނީ ބިރުދެއްކުމާއި، މުދަލަށް ގެއްލުންދިނުމާއި، މާރާމާރީ ހިންގުމާއި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތެވެ. ހުރިހާ ތުހުމަތަކަށް ވެސް ފައިރިޝް ވަނީ އިންކާރުކޮށްފައެވެ.

ފައިރިޝް ހައްޔަރުކުރީ ބީއެމްއެލްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ މުހައްމަދު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވައި، އެ މައްސަލައަށް ސަމާލުކަން ގެނައުމާ ގުޅިގެންނެވެ. ހުރިހާ މުއައްސަސާއަކަށް ޝަކުވާ ހުށަހެޅުމުން ވެސް ހައްލެއް ނުލިބި، އެ ނޫން ގޮތެއް ނެތިގެން ހަޅުތާލަށް ނިކުންނަވަން ޖެހިވަޑައިގެންނެވީ ކަމަށް ސައީދު ވިދާޅުވިއެވެ.

"ފައިރިޝްގެ ފުރައްސާރައިގެ ޝަކުވާ އެ ސަރަހައްދުގެ ގިނަ ބަޔަކު ކުރަމުން ގެންދާ ކަމަށާއި، ފާއިތުވި ދެ އަހަރު ތެރޭ އޭނާގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓުކުރި" ކަމަށް ވެސް ސައީދު ވިދާޅުވެފައިވެއެވެ.

ފައިރިޝް މީގެ ކުރިން ވެސް ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލައެއް ހިމެނޭ ގޮތަށް ތަފާތު މައްސަލަތަކުގައި ހައްޔަރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް