އެލްޖީއޭ ބޯޑަށް ދެ މެންބަރުން ހޮވުމުގެ ވޯޓުލުން މިއަދު ފަށައިފި

އެލްޖީއޭ ބޯޑަށް ރަށު ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީ ރައީސުންގެ ތެރެއިން ދެ މެންބަރުން ހޮވުމުގެ ވޯޓުލުން މިއަދު ފެށިއިރު، ވޯޓުލުމުގެ ހައްގު 807 ފަރާތަކަށް ލިބެއެވެ.

31 Oct 2026 | 06:54
އެލްޖީއޭ ބޯޑަށް ދެ މެންބަރުން ހޮވުމުގެ ވޯޓުލުން މިއަދު ފަށައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ރަށު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން ދެ މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން މިއަދު ހެނދުނު 10:00 ގައި ފަށައިފިއެވެ.

ލާމަރުކަޒީ ގާނޫނު ލާޒިމުކުރަނީ އެލްޖީއޭގެ ބޯޑަށް ޖުމްލަ ތިން މެންބަރުން އިންތިހާބުކުރުމަށެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އެއް މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއް، އަދި އަންހެނުންގެ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރެކެވެ. ސިޓީ ކައުންސިލްގެ ގޮނޑިއަށް ކުރިމަތިލީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަނި ކަމުން، އެ މަގާމަށް އާތިފް ވަނީ އިދިކޮޅެއް ނެތި ހޮވިފައެވެ. އެހެންކަމުން މިއަދުގެ ވޯޓުގައި ނިންމާނީ ބާކީ އޮތް ދެ ގޮނޑީގެ ކަންކަމެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 807 ފަރާތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ 625 ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ 182 ރައީސުންނެވެ. ވޯޓުލުން ކުރިއަށްގެންދަނީ އެލްޖީއޭ އާއި އަތޮޅުތެރޭ ހިދުމަތު މަރުކަޒުތަކާއި ހުޅުދޫ އިޖުތިމާއީ މަރުކަޒުގައި ބެހެއްޓި 19 ފޮށީގައެވެ. މާލޭގައި ވޯޓު ފޮށި ހުރީ އެލްޖީއޭގެ އޮފީހުގައެވެ. ދެ ގޮނޑިއަށް ވެސް ވޯޓު ކަރުދާސް ލާނީ އެއް ފޮއްޓަކަށް ކަމަށާއި، ދެ ގޮނޑީގެ ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ހަވީރު 4:00 ގައި ވޯޓުލުން ނިމުނު ނަމަވެސް، އެ ވަގުތު ކިޔޫގައި މީހުން ތިބިނަމަ ފުރުސަތު ދެވޭނެ ކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ. ވޯޓު ފޮށިތައް ބަންދުކޮށް 30 މިނެޓު ފަހުން ގުނަން ފެށުމަށް ހަމަޖެހިފައިވާއިރު، ވަގުތީ ނަތީޖާ މިރޭ އިއުލާނުކުރާނެ ކަމަށާއި ދާއިމީ ނަތީޖާ 3 ނޮވެމްބަރުގައި ނެރޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ވޯޓު ފޮށިތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވަނީ ހިދުމަތު މަރުކަޒުތަކާއި އެލްޖީއޭގެ މުވައްޒަފުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް