"އެމީހާ ޖިންނި ގެނެސްގެން ސުވާލުކުރީ..... ގެއަށްގޮސް ދެން އެވާހަކަ ދައްކާނީ....." ހުމޭދާ ގެއަށްދާން ބޭނުންވެފައިވާތީ ބުނެލިއެވެ.
"އާން... އިރުއޮއްސުމުގެ ކުރިން ގެއަށް ދެވޭތޯ ބަލަންވާނެ.... " އަޒާން ޓެކްސީ ޑްރައިވަރަށް ފޯނުކުރަމުން ބުނެލިއެވެ.
މާގިނައިރުތަކެއްނުވެ ޓެކްސީ އަތުވެއްޖެއެވެ. އިރުއޮއްސުމުގެ ކުރިން ގެއަށްދެވޭތޯ ޓެކްސީ ދުއްވަމުންދިޔައީ ވަރަށް ބާރަށެވެ. އެއީ ފަޅު ހިސާބެކެވެ. އެއްވެސް މީހަކު މަގުމަތިންވެސް ފެންނާކަށް ނެތެވެ. ކާރު ދުއްވަމުންދިޔައީ ހަނިމަގަކުންނެވެ. މަގުގެ ދެފަރާތުގައި ހެދިފައިވަނީ ބިޔަ ބޮޑެތި ގަސްތަކެވެ. ގަސްތަކުގެ އެތެރެ ފެންނަނީ ވަރަށް އަނދިރިކޮށެވެ. ހުމޭދާ އިނީ އަރިމަތިން ފެންނަ ގަސްތަކާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އަނދިރިކަމުންނާއި، ކާރު ދުއްވާލެއް ބާރުކަމުން ތަނެއް ދޮރެއް ނޭގުނު ކަމުގައި ވިޔަސް ހުމޭދާ އެ ގަސްތަކަށް ބަލަހައްޓައިގެން އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ކާރުގެ ކުރީ ސީޓުގައި ޑްރައިވަރާއި ޖެހިގެން އިނީ ނާޞިރެވެ. ފަހަތު ސީޓްގައި އިނީ ހުމޭދާގެ އިތުރުން ހަސީނާ އާއި އަޒާން އެވެ. ފަހަތު ޝީޓްގައި 3 މީހުން ތިބުމާއެކު ތިބެން ޖެހިފައިވަނީ ފިތިގެންނެވެ. ހުމޭދާ އާއި ޖެހިގެން އިނީ އަޒާން އެވެ. ހުމޭދާ ހިތްހަމަ ނުޖެހިފައި އިނީ ހުމޭދާގެ ކޮނޑުމަތީގައި އަޒާން އަތް ބާއްވާލައިގެން އިނީމައެވެ. ނާޝިދު ނޫން އެއްވެސް މީހަކު ހުމޭދާގެ ގައިގައި ބީހިލަންވެސް ހުމޭދާ ނޭނދެއެވެ. ނަމަވެސް ފިތިގެން ތިބެން ޖެހުމުން އިތުރު ޙަރަކާތެއްވެސް ކުރެވެން ނެތުމާއެކު ހުމޭދާ މަޑުމަޑުން އިނީއެވެ. ހުމޭދާ ގަސްތަކާއި ދިމާއަށް ބަލަން އިންދާ ކުއްލިއަކަށް ފެނުނީ ދުރުން ގަސްތަކުގެ ތެރެއަށް އަލިގުޅައެއް ވެއްޓުނުތަނެވެ. ހުމޭދާ މޭގައި އަތް އަޅާލުމަށްފަހު ބިރުން ދެލޯމަރާލިއެވެ. އެވަގުތު ކުއްލިއަކަށް ކާރު ހުއްޓުނެވެ. ހުމޭދާ އިނީ ދެލޯ މަރައިގެންނެވެ. ޑްރައިވަރާއެކު ނާޞިރު ވެސް ކާރުން ފޭބިއެވެ.
"ފުރޮޅު ފަލައިގެން ދިޔައީ..... ކިހިނެތް ހަދާނީ...." ނާޞިރު ކާރުގެ ފުރޮޅަށް ބަލާލުމަށްފަހު ބުނެލިއެވެ.
އެންމެން ކާރުން ފޭބިއެވެ. އިރުއޮއްސެނީއެވެ. ވަށައިގެންވާ ގަސްތަކުގެ ތެރެއިން ފަނިފަކުސަ ގޮވާ އަޑު ނޫން އިތުރު އެއްވެސް އަޑެއް ނީވެއެވެ.
"ނައުޝާދު އާއި ގުޅައިގެން ވޭން ގެންނަންވީނު.... " ހަސީނާ ޚާލިދުއަށް ޚިޔާލެއް ދިނެވެ.
އެވަގުތު ޚާލިދު، ނައުޝާދަށް ގުޅުމަށްފަހު ވެގެން އުޅޭގޮތް ކިޔާދިނުމުން ނައުޝާދު ވޭންގައި އެ ހިސާބަށް އަތުވެއްޖެއެވެ. ނައުޝާދު އަންނަންދެން އެމީހުން ތިބީ ކާރުގެ އެތެރޭގައެވެ. މި ފަހަރު ހުމޭދާ އެރީ ކާރުގެ ކުރިއަށެވެ.
އެމީހުންނަށް ގެއަށް ދެވުނުއިރު ހަތެއް ޖަހަނީއެވެ. ހަސީނާ ކޮޓަރިއަށްގޮސް ކުޑަކޮށް ގައި ދޮވެލައިގެން ނަމާދުކޮށްލައިގެން ނިކުމެ ރޭގަނޑަށް ކާއެއްޗެއް ތައްޔާރު ކުރުމަށްޓަކައި ބަދިގެއަށް ވަނެވެ. ނާޞިރު، ޒާހިރާ ގެއަށް ފޮނުވަން ހޮސްޕިޓަލަށް ދިޔުމުގެ ކުރިން ކާއެއްޗެއް ކާލަން ކާމޭޒު ދޮށުގައި އިނެވެ. އެވަގުތު އަޒާންވެސް ސިޓިން ރޫމަށް ނުކުމެއްޖެއެވެ.
"ކީކޭތަ އެމީހާ ބުނީ... " އަޒާން ފެނުމުގެ ހަސީނާ ސުވާލުކޮށްލިއެވެ.
އޭރު ހުމޭދާވެސް އައިސް ކާމޭޒު ދޮށުގައި އިށީނދެއްޖެއެވެ.
"އެމީހާ ޖިންނި ގެނެސްގެން ޖިންނިއާއި ވާހަކަ ދެއްކީ.... އެ ހުރިހާ މަންޒަރެއް ހުމޭދާއަށް ފެންނާނެޔޯ އެމީހާ ބުނީ... " އަޒާން ހުމޭދާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.
"ކިޔާދީބަލަ އޭނަ ދެއްކި ވާހަކަ...." ހަސީނާވެސް ހުމޭދާއަށް ބަލާލަމުން ބުނެލިއެވެ.
"އެމީހާ ބުނީ، އެއީ ހުމޭދާ ވަރަށް ކުޑައިރު ދިމާވެފައިވާ ކަމެއް ކަމަށް.... ކުޑައިރުން ފެށިގެން އެޖިންނި ހުރީ ހުމޭދާ އާއި އަވަލާފަ ކަމަށް އޭނަ ބުނީ.... ހުމޭދާއަށް ނޭގުނަސް ކުޑައިރުން ފެށިގެން އެޖިންނި ދުވަސް ދުވަސްކޮޅުން ހުމޭދާ ކައިރިއަށް އަންނަ ކަމަށްވަނީ... ހަސީނާ ދައްތަ މެންނަށް އެއްވެސް ކަމެއް މީގެ ކުރިން ފާހަގަ ކުރެވިފައެއްނެތްތަ...؟" ހަސީނާއާއި ދިމާއަށް ބަލާލަމުން އަޒާން ސުވާލު ކޮށްލިއެވެ.
ހަސީނާ ވިސްނާލިއެވެ. އެއީ މީގެ އެތައް އަހަރެއް ކުރިއެވެ. އޭރު ހުމެދާ އުމުރުންވާނީ އެންމެ 11 އަހަރެވެ. ހަސީނާމެން އޭރު ދިރިއުޅެމުން ގެންދިޔައީ އެމީހުންގެ ރަށުގައެވެ. އިރުއޮއްސެމުންދިޔަ ވަގުތެވެ. ގޭގައި ހުމޭދާ ނެތުމުން ހަސީނާ ނިކުތީ ހުމޭދާ ހޯދާށެވެ. ގޭގައި ނެތިއްޔާ ހުމޭދާ ޢާންމުކޮށްދާނީ ޖެހިގެން ހުންނަ ހަސީނާގެ ދައްތަމެންގެ ގެއަށެވެ. އެގޭގައި ހުމޭދާ އާއި އެއްފުރައިގެ ކުދިން އުޅޭތީ އެކުދިންނާއެކު ކުޅޭށެވެ. އެއްފުޅަށްވެފައިވާ އެގެއަށް ގޭތެރެއިން ދެވެން އޮވެއެވެ. ހަސީނާ ހުމޭދާ ހޯދަމުން އެގެއަށްގޮސް ވަތްއިރު އެގޭ ކުދިންނާއެކު ހުމޭދާ ކުޅެން އިނެވެ.
"ދަރިފުޅު ހޯދާތާ ކޮންއިރެއް..... ހިނގާ ގެއަށްދާން... ފެންވަރައިގެން ކާން ދާން ހިނގާ....." ހަސީނާ ގޮސް ހުމޭދާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
"ނޫން މަންމާ.... އަދި މަޑުކޮށްލަބަލަ.... އިރުކޮޅަކުން ދާނީ..... " ހުމޭދާ ބޮޑާހާކާލަމުން ބުނެލިއެވެ.
"ނޫނޭ.... ދެން ހިނގާ ގެއަށްދާން.... މާލަސްވެއްޖެ... މީދެން މިހާރު ކުޅޭގަޑިއެއްނޫނޭ... މިހާރު އިރު އޮއްސެން އެހެރަ ކައިރިވަނީ..... ގެއަށްގޮސް ފެންވަރައިގެން، ކައިގެން، ޤުރުއާން ކިޔަވާލާފައި، ނިދަންވީދެން...." ހުމޭދާ ކުޅެންއިންދާ ބިންމަތިން ނަގަމުން ހަސީނާ ބުނެލިއެވެ.
ހުމޭދާ ތެދުވެގެން ގެއަށް ދިޔުމަށްޓަކައި މަންމައާއެކު ހިނގާގަތެވެ.
"މަންމާ.... ވަރަށް ބޮޑަށް ބަނޑުހައިވެއްޖެ... ސައިބޯން...." ދަމުން ދަމުން ހަސީނާއާއި ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.
"ދެން މިގަޑީގައި ސައިބޯނެކަމެއްނެތް... އޭރުން ދެން ނުއެއް ކެވޭނެ.... މާބޮޑަށް އަނދިރި ނުވަނީސް ގޮސް ފެންވަރައިލައިގެން އާދޭ... ފެންވަރައިގެން އަންނަންވާއިރަށް މަންމަ ކާންހަދާނަން..... "
ކުޅުމާއި ސަކަރާތުގައި އުޅުމުގެ ސަބަބުން ހުމޭދާ ހުރީ ވަރުބަލިވެ ދާހިތްލާފޯވެފައެވެ. މުޅި ގައިގައި އޮތީ ހުސް ހިރަފުހެވެ. ހަސީނާ ތުވާލި ނަގާފައި ހުމެދާއާއި ދިމާއަށް ދިއްކޮއްލުމުން ހުމޭދާ ދިޔައީ ތުވާލި ހިފައިގެން ގިފިއްޔަށެވެ. އެއީ ވަރަށް ބޮޑު ގިފިއްޔެކެވެ ގިފިލީގެ ވަޅު ހުންނަ ހިސާބު ފިޔަވައ، ހުސްކޮށް އޮންނާނީ ކުޑަ ތަންކޮޅެކެވެ. ބާކީ އޮންނަ ބޮޑު ބައިގައި އޮންނާނީ ގަސް ހައްދާފައެވެ. ބޮޑު ބަނބުކެޔޮ ގަހަކާއި ވަރަށް ގިނަ ކެޔޮގަސް ހައްދާފައި ހުރެއެވެ. ހުމޭދާ ގިފިއްޔަށް ވަންއިރު އިރުއޮއްސެން ގާތްވެފައިވާތީ އާއި ގިފިލި ތެރޭގައި ހުރި ގަސްތަކުގެ ސަބަބުން ގިފިލިތެރެ ވަރަށް ބޮޑަށް އަނދިރިވެފައިވާތީ ގިފިލީގައި ހުންނަ ކުޑަކުޑަ ބޮކި ދިއްލާލިއެވެ. ނަމަވެސް އެއީ ފަސްވޯޓުގެ ބޮއްކެއް ކަމުގައިވާތީ އެ ބޮކިން އަލިވެފައި އޮންނާނީ ހަމައެކަނި ވަޅު ކައިރިއަށެވެ. ގަސްތަކުގެ އެތެރެ އޮތީ އަނދިރިކޮށެވެ. ގަސްތަކުގެ އެތެރެ އަނދިރިކަމުން ހުމޭދާގެ ހިތަށް ބިރުވެރިކަމެއް ވެރިވިއެވެ. ހެދުން ބޭލުމަށްފަހު ވަޅުދޮށުގައި ހުއްޓި ދާނީގައި ހިފިތަކާއި، ކުއްލިއަކަށް ހުމޭދާގެ ގަޔަށް ފިނި ރޯޅިއެއް ޖެހެލިކަމުގެ އިޙްސާސްވެގެން ސިއްސައިގެން ގޮސްފައި ހުމޭދާ ފަހަތް ބަލައިލިއިރު އެއްވެސް އާދަޔާޚިލާފު ކަމެއް ފެންނާކަށް ނެތެވެ. އެކަމަކު އެރެއަކީ ވައިމަޑު ރެއެކެވެ. ގަސްތައްވެސް ހީވަނީ ހުއްޓިފައިވާހެނެވެ. ކުޑަމިހުން ގަހުގެ ފަތެއްވެސް ހިރިނުލައެވެ. ހުމެދާ ދާނި ނަގައިގެން ފެންވަރަން ފެށިއެވެ. އެއާއެކު ގިފިލީގައި އެހެން މީހަކު އުޅޭހެން ހުމޭދާއަށް މާ ބޮޑަށް ޝައްކުވާން ފެށިއެވެ. މީހެއް ނުވަތަ އެއްޗެއްވެސް ފެނިގެނެއް ނޫނެވެ. ހިތް އެހެން ބުނަނީއެވެ. ހުމޭދާ ތަންކޮޅެއް އަވަސް ކޮށްލިއެވެ. އަވަހަށް ފެންވަރައިގެން ގިފިލިން ނުކުންނަން ބޭނުންވިއެވެ. ނެގި ފެންދާނި ބޮލަށް އަޅާލާފައި ދާނި ކޮނޑުމަތިން މައްޗަށް ނެގިވަގުތު ކޮންމެވެސް އެއްޗެއްގައި ދާނިދަނޑި ޖެހިއްޖެ އެވެ. އެހެން ނަމަވެސް އެ ހިސާބުގައ، ޖެހޭނެ އެއްވެސް އެއްޗެއް ނުހުންނާނެކަން ހުމެދާއަށް އެނގެއެވެ. ހުމޭދާ ހީކުރީ މަންމަ ގިފިއްޔަށް ވަދެގެން އުޅެނީ ކަމަށެވެ. އަނެއްކާވެސް އަނެއް ފެންދާނި ނެގުމަށް ވަޅުތެރެއަށް ދާނި ލީވަގުތު ގަޔަށް ފިނި ވައިރޯޅިއެއް އެޅުނުކަމުގެ އިޙްސާސްވިއެވެ. ހުމޭދާގެ މުޅިގައިން ހީބިހި ނަގައިގެންދިޔަ އެވެ. އެ ފަހަރު ގަޔަށް އެޅުނީ ނޭވައެއްހެން ހުމޭދާއަށް އިޙްސާސްވިއެވެ. އެހެންކަމުން މަޑުމަޑުން ހުމޭދާ ފަހަތަށް އެނބުރުނެވެ. ކުއްލިއަކަށް ހުމޭދާގެ އަތުން ދާނިދޫވެގެން ވަޅުތެރެއަށް ދާނި ވެއްޓުނެވެ. ގައިގައި ޖެހޭނުޖެހޭ ހިސާބުގައި ހުރީ ކަޅު، ކުޑަ ފިރިހެން ކުއްޖެކެވެ. ހެވިފައިހުރި އެކުއްޖާހުރީ ހުމޭދާއަށް ފާޑަކަށް ބަލަހައްޓައިގެންނެވެ. ހުމޭދާ ވަރަށް ބާރަށް މަންމައަށް ގޮވާލިއެވެ. އެވަގުތު އެ ފިރިހެން ކުއްޖާ ދުވެފައިގޮސްވަނީ ކެޔޮ ގަސްތަކުގެ ތެރެއަށެވެ. ހުމޭދާ އަޑުގެ ކޮޅަށް ރޮމުން ރޮމުން ދުވެފައިގޮސް ރޯނުގައި އޮތް ތުވާލި ނަގައިގެން ގިފިލިން ބޭރަށް ނިކުތްވަގުތަކީ ހަސީނާ ދުވެފައި އައިސް ގިފިލީދޮރާއި އަރާ ހަމަވި ވަގުތެވެ.
"ދަރިފުޅާ.... ދަރިފުޅާ... ކިހިތްވީ.... ކީއްވެ ތިރޮނީ....." ހުމޭދާގައިގައި ހިފަހައްޓާލަމުން ހަސީނާ ބުނެލިއެވެ.
"މަންމާ... ގިފިލިތެރޭގައި .... ގިފިލިތެރޭގައި..... " ގިފިއްޔާ ދިމާއަށް އަތްދިއްކޮލަމުން ހުމޭދާ ބުނެލިއެވެ.
"ދަރިފުޅާ... ކިހިނެއްތަވީ....؟ ވީގޮތެއް ސާފުކުރުމަށް ހަސީނާ އަނެއްކާވެސް ސުވާލު ކުރިއެވެ.
އޭރު ހުމާދާ ޚަބަރުހުސްވެގެން ހަސީނާގެ އަތުތެރެއަށް ވެއްޓިއްޖެއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 02 ނޮވެމްބަރު، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް