"ލައްބަ... ގެއަށްދާން ޓެކްސީއެއް ނުލިބިގެން މިތިބީ.... މިމަގު ހުރިގޮތަށް ހިންގަވާ.... " ޚާލިދު ކުރިއަށް ބަލަން އިނދެ ބުނެލިއެވެ.
"ބޭސްފަރުވާއަކަށްދޯ އައިސްތިއުޅެނީ.... އެތާ ހޮސްޕިޓަލް ކައިރިން ފެނުނީމަ.... " ކާރުގެ ދުވެލި ކުޑަކޮށް ބާރުކޮށްލަމުން ކާރުދުއްވަން އިން ޒުވާނާ ބުނެލިއެވެ.
"ލައްބަ... ތިއީ ކޮންބޭފުޅެއްތޯ..... ކޮންމެވެސް ތާކުން ދިމާވެފައިހުރި، ދަންނަ މޫނެއްހެން ހީވަނީ.... މިކޮޅުގައި ކީއްތޯ ކުރައްވަނީ.... " ޚާލިދުވެސް ސުވާލުކޮށްލިއެވެ.
"ޗުއްޓީއަކަށް އައިސް މިއުޅެނީ..... ލައްބަ... ފަހަރެއްގައި ދިމާވެފައި ހުރެދާނެ.... މިއޮތީ އަޅުގަނޑުގެ ކާޑު.... މިކޮޅުގައި އުޅުއްވާއިރި ކަމެއް ބޭނުންވެއްޖިއްޔާ އަޅުގަނޑާ ގުޅާލާ... މިކޮޅުން ކޮންމެ ކަމެއް ބޭނުންވިޔަސް އަޅުގަނޑު އެކަމެއް ކޮށްދޭނަން...." އެޒުވާނާ އޭނާގެ ބިޒްނަސް ކާޑު ދިއްކޮށްލަމުން ބުނެލިއެވެ.
"މިގޯޅިން އަޅައިގެން ގޮސް ކަނާތް ފަރާތުން ފުރަތަމަ ޖެހޭ މަގުން ކުރިއަށްދާއިރު ފެންނާނެ ގެއެއް.... އެއީ، އަޅުގަނޑުމެން މިއުޅޭގެ... އެހީސާބަށް މަޑުކޮށްލީމަ ރަނގަޅުވާނެ... " ކައިރީގައި އޮތް ގޯޅިއާއި ދިމާއަށް އަތްދިއްކޮލަމުން ޚާލިދު ބުނެލިއެވެ.
"އެހެންތަ...؟ ޢާންމުކޮށް މީހުން ދިރިއުޅޭ ހިސާބާ ތަންކޮޅެއް ދުރުގަދޯ ތިއުޅެނީ..... އެ ހިސާބު ރޭގަނޑު ވަރަށް އަނދިރިވާނެ.... " ޚާލިދާ ދިމާއަށް ބަލާލުމަށްފަހު އެ ޒުވާނާ ބުނެލިއެވެ.
ބާރުދުވެލީގައި ކާރުގޮސް މަޑުކޮށްލީ ޚާލިދުމެންތިބޭ ގޭ ކައިރިއަށެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުންދިޔައެވެ.
"ކަމެއް ބޭނުންވެއްޖިއްޔާ އަޅުގަނޑާއި ގުޅާލާތި..... "ހިނިތުންވެ އިނދެ އެ ޒުވާނާ ބުނެލިއެވެ.
"ލައްބަ.... ތިޔަ ކޮށްދެއްވީ ވަރަށްބޮޑު ހެޔޮކަމެއް.... ވަރަށް ބޮޑަށް ޝުކުރިއްޔާ.... މިކާރު ނުލިބުނުނަމަ ނޭނގެ ގެއަށް އާދެވޭނެ އިރެއްވެސް.... ކޮފީއެއް ބޯލަން އެތެއަށް ދުރުވަންވީނު.... " ޚާލިދު ކާރުގެ ދޮރުހުޅުވާލަމުން ބުނެލިއެވެ.
"ނޫނޭ.... ދެން އެހެން ފަހަރަކުން އަންނާނީ.... މިތާ ވަރަށް ކައިރީގައޭ މިއުޅެނީވެސް..... އެހެން ވީމާ ބޭނުންކޮންމެ އިރަކު އާދެވިދާނެ.... " އެ ޒުވާނާ ޚާލިދާ ދިމާއަށް ބަލާލުމަށްފަހު ހީނލަމުން ބުނެލިއެވެ.
ޚާލިދާއި، ނާޞިރު ކާރުން ފައިބައިގެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެތެރެއަށް ވަނެވެ. ޚާލިދުމެން އެތެރެއަށް ވަތްއިރު އެމީހުން ލަސްވެގެން ހަސީނާއާއި ޒާހިރާ ތިއްބެވެ.
"ދުއްވާއެއްޗެއް ނުލިބިގެންދޯ ލަސްވީ.... ވަރަށް ހާސްވެފައި މިތިބީ.... އަޒާން އަށްވެސް ދެ ފަހަރު ގުޅައިފިން.... ވާރޭގެ ކުރިން ހޮސްޕިޓަލުން ނުކުމެއްޖެޔޯ ބުނީ.... " ޒާހިރާ ބުނެލިއެވެ.
"އާން... އޮޓޯއެއްވެސް ޓެކްސީއެއްވެސް ނުލިބިގެން އުޅެނިކޮށް ވާރޭ ވެހިގަތީ... ދެން ފިހާރައެއް ދޮށުގައި ހިޔާވާން ވަދެ ތިއްބަ އެތަނަށް އައި ދިވެއްސެއް ގެއަށް ގެނެސްދިނީ.... އެއީ ވަރަށް ހިތްހެޔޮ، ރަނގަޅު މީހެއް .... މިކޮޅުން އެއްވެސް ކަމެއް ބޭނުން ވެއްޖިޔާ ގުޅާލާށޯވެސް ބުނި.... " ޚާލިދު އުނދޯލީގައި އިށީނދެ އުނދޯލި ހެއްލާލަމުން ބުނެލިއެވެ.
"ނަޞީބެއްނު ތިމީހަކާ ދިމާވިކަން..... ވާރޭ ހުއްޓާނެ އިރެއްވެސް ނޭގެ.... ހިނގާ ދެން ސައިބޯން އުޅެމާ... " ޒާހިރާ މޭޒުމަތީގައި ތަށިތައް އަތުރަމުން ބުނެލިއެވެ.
"ކޮބާ ހުމޭދާ.... އަޒާންބުނި މެންދުރުފަހު އެމީހާއަށް ދައްކަންދާން ތައްޔާރު ވެގެން ހުންނާށޯ.... " ޚާލިދު ހަސީނާއަށް ބަލާލަމުން ބުނެލިއެވެ.
"ދެންމެ އެހޭލީ.... މިތާ އުޅެލާފައި އެދިޔައީ ފެންވަރަން.... ޢައިޝާ މިހާރު ކިހިނެތް؟ " ޢާއިޝާގެ ޙާލު އޮޅުން ފިލުވުމަށް ހަސީނާ ސުވާލުކޮށްލިއެވެ.
"ކުރިއާ އަޅާބަލާއިރު އިރާދަކުރެއްވިއްޔާ މިހާރު ވަރަށްބޮޑުތަން ރަނގަޅު..... ނަޞީބެއް މިކޮޅަށް ގެނެވުނު ކަން...." ނާޞިރު ކާމޭޒު ދޮށުގައި އިށީންނަމުން ބުނެލިއެވެ.
މެންދުރުފަހުގެ ވަގުތެވެ. ހަސީނާމެން ތައްޔާރުވަމުންދިޔައީ ހުމޭދާ ގޮވައިގެން ރުޤްޔާ ކުރާ މީހާއަށް ދެއްކުމަށްޓަކައި ދިޔުމަށެވެ.
"ޓެކްސީ އަތުވެއްޖެ.... އަވަސް ކޮށްގެން އާދޭ.... !" ޓެކްސީ އައިސް ގޭގެ ދޮރުމައްޗަށް ހުއްޓާލުމާއެކު އަޒާން ގޮވާލިއެވެ.
ޚާލިދުއާއި ހަސީނާވެސް ތައްޔާރުވެލައިގެން ސިޓީން ރޫމަށް ނިކުމެއްޖެއެވެ. ހުމޭދާ ކޮޓަރިން ނުކުމެގެން ސިޑިން ފައިބަމުން ދިޔައިރު އަޒާންގެ ނަޒަރު ހުއްޓިފައިހުރީ ހުމޭދާއަށެވެ. މަޑުފިޔާތޮށި ކުލައިގެ ޓޮޕަކާއި، ކަޅު ޖިންސެއްގައި ހުމޭދާހުރި އިރު އިސްތަށިގަނޑުވަނީ މައްޗަށްނަގާ އައްސާލާފައެވެ. ހުމޭދާގެ އެރީތިކަން ފެނިފައި ފުރަތަމަ ފަހަރަށް އަޒާންއަށް އަސަރުތަކެއް ކުރިއެވެ. އަޒާން މާލޭގައި ހުރިއިރު އަޒާންގެ މަންމަވަނީ ހުމޭދާގެ ވާހަކަ ފޯނުކޮށްގެން ދައްކާފައެވެ. ނަމަވެސް މީގެ ކުރިން އަޒާންއަށް އެކަހަލަ އެއްވެސް އަސަރެއްކޮށްފައެވެ. މިއަދު ކުއްލިއަކަށް ހުމޭދާ ފެނުމުން އަޒާން އަށް އެވީ ކިހިނެތް ހެއްޔެވެ. ހިނިތުންވެފައި ހުރެގެން ހުމޭދާ ސިޑިން ފައިގެން އައިސް، އެންމެން އެކީ ގޮސް ކާރަށް އަރައިފިއެވެ. ގާތްގަޑަކަށް ގަޑިއެއްހާއިރު ކާރު ދުއްވުމަށްފަހު ވީރާނާވެފައިވާ ގެއެއްގެ ކައިރިއަށް ކާރު މަޑުކޮށްލައިފިއެވެ.
"މިއީ، އެ ގެޔަކީ.... ހިނގާ އެތެރެއަށް.... " ކާރުން ފައިބަމުން އަޒާން ބުނެލިއެވެ.
ހުރިހާ މީހުން ކާރުން ފައިބައިގެންގޮސް ގޭތެރެއަށް ވަނެވެ. ގޭގެ ބޭރުން ފެންނަގޮތާއި ޚިލާފަށް ގޭގެ އެތެރެ ރީއްޗެވެ. ދެބުރިއަށް ހަދާފައިހުރި އެގޭގެ ތިރީބުރީގައި ބޮޑު ސޯފާއެއް ބަހައްޓާފައި ހުއްޓެވެ. ގޭގެ ވަށައިގެން މަތީގައި ހަރުކޮށްފައިވަނީ އާސާރީ ފޮޓޯތަކެވެ. ކޮންމެ ފޮޓޯއަކީވެސް އެތައް މާނައެއް ދޭހަވާ ފޮޓޯއެކެވެ. އެބޮޑު ގޭގެ އެތެރޭގައި މީހަކު އުޅޭކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އެންމެންގެ ލޯތައްވެސް ހުއްޓިފައިހުރީ ގޭގެ ވަށައިގެން ހަރުކޮށްފައިވާ ފޮޓޯ ލޯގަނޑުތަކާ ދިމާއަށެވެ. ކުއްލިއަށް މީހެއްގެ ފިޔަވަޅުގެ އަޑު އިވުމާއެކު އެންމެނަށްވެސް ބަލާލެވުނީ ފިޔަވަޅުގެ އަޑު އިވޭ ދިމާއަށެވެ. އޭރު ތިރީގައި ހުރި ކޮޓަރިއެއްގެ ދޮރުގައި ދަމާފައިހުރި ފޮތިގަނޑެއް ހިއްލާލުމަށްފަހު، ދެބައި އުމުރަށްވުރެ ދުވަސްވެފައިހުރި އަންހެނަކު ނިކުމެގެން އާދެއެވެ. އެއީ ރުޤުޔާ ކުރާ މީހާއެވެ. އެމީހާގެ އިޝާރާތަކަށް ހުރިހާ އެންމެން ސޯފާގައި އިށީނުމަށްފަހު، ހުމޭދާއަށް ކަންތައް ވަމުންދިޔަގޮތް ވަރަށް ތަފްޞީކޮށް ކިޔައިދިނެވެ. މިވާހަކަތައް އަޑުއެހުމަށްފަހު އެމީހާ އަލުން ކޮޓަރިއަށްވަދެފައި ނުކުތީ ބޮޑު ތެއްޔެއް ކަހަލަ އެއްޗެއް ހިފައިގެންނެވެ. އޭރު އޭގެ ތެރެއަށް އަޅާފައިހުރި އެއްޗެއްގެ ސަބަބުން އޭގެތެރެއިން ދުންތަކެއް އަރަމުންދިޔައެވެ. އެ ދުމުގައި ކޮންމެވެސް ވަރެއްގެ މީރުވަހެއް އެކުލެވިފައި ހުއްޓެވެ. އެމީހާއައިސް އެތަނުގައި ހުރި ދިގު ގޮނޑިއެއްގައި ހުމޭދާ ބޭންދުމަށްފަހު ދުން އަރަމުންދާ ތެލި ކައިރީގައި ބެހެއްޓުމަށްފަހު އެއްޗެއް ކިޔަވަން ފެށިއެވެ. ކިޔަވަން ފެށުމާއެކު ހުމޭދާގެ ބޮލުގައި ރިއްސަން ފެށިއެވެ. އަދި އެވާހަކަ ބުމުން އޭނާގެ ކިޔެވި ބާރުކޮށްލުމަށްފަހު، ކިޔަވަމުން ގޭތެރޭގެ އެކިއެކި ދިމާދިމާއަށް ބަލަމުން ގެންދިޔައެވެ. ކުއްލިއަކަށް އޭނާގެ ބެލުން ވަކި ދިމާއަކަށް ހުއްޓުނެވެ. އަދި ދެލޯ ބޮޑުކޮށްލާފައި ކިޔެވެލި އިތުރަށް ބާރުކުރަމުން ގެންދިޔައެވެ. އިރުކޮޅަކު ކިޔެވުމަށްފަހު، ދުން އަރަމުންދިޔަ ތެލި ނަގައިގެން އޭނާ ބަލުންދާ ދިމާއަށް ހިނގައިގަތެވެ. އެދިމާގައި ކޮންމެވެސް އެއްޗެއްހުރި ކަހަލައެވެ. އެންމެވެސް ތިބީ އެދިމާއަށް ބަލާށެވެ. ނަމަވެސް އެކަކަށް އެކައްޗެއްވެސް ނުފެނެއެވެ. ހުމޭދާވެސް އިނީ އެދިމާއަށް ބަލަހައްޓައިގެންނެވެ. އޭނާގެ މޫނުމަތިން ބިރުވެރިކަމުގެ އަސަރު ފެންނަން ހުއްޓެވެ. އެމީހާ ދުންއަޅާފައިހުރި ތެލި ހިފައިގެން ކުރިއަށްގޮސް މައްޗަށް ދިއްކޮށްގެންހުރެ އަނެއްކާވެސް ކިޔެވެލި ކިޔަވަން ފެށިއެވެ. އެއަށްފަހު ކޮންމެވެސް ބަހަކުން ވަރަށް އަޑުގަދަކޮށް ވާހަކަތަކެއް ދެއްކުމަށްފަހު އައިސް ގޮނޑީގައި އިށީނދެ ކިވެލި ހުއްޓާލުމަށްފަހު، އަޒާންއާއި ވާހަކަ ދައްކަން ފެށިއެވެ. ގާތްގަޑަކަށް ބައިގަޑިއިރެއްހާއިރު ވާހަކަ ދެއްކުމަށްފަހު އަތުގެ އިޝާރާތުން ނިމުނީ ކަމަށްބުނެ އެންމެނާ ސަލާމް ކޮށްލިއެވެ. އަޒާން ތެދުވެގެން ހިނގައިގަތުމާއެކު އެންމެންވެސް ތެދުވެ ހިނގައި ގަތެވެ. ވީގޮތެއް ނޭނގޭތީ އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ.
"ދަރިފުޅާ.... ކިހިނެތްވީ.... ކީކޭ އޭނަބުނީ... ކޮން ކަންތައްގަނޑެއް އެފެނުނީ...." ގެއިން ބޭރަށް ނުކުމެވުމާއެކު ނާޞިރު އަޒާން ކުރެން އަހާލިއެވެ.
"އޭނަ، އެ ޖިންނި ގެނައީ.... ޖިންނިއާއި ވާހަކަ ދެއްކީ... ހުމޭދާއަށްވެސް ފެންނަގޮތަށް އޭނަ އެކަންތައް ހުރީ" އަޒާން، ހުމޭދާ އާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.
"ދެން.... ކިހެނެތްވީ.....؟ " ކަންބޮޑުވެފައި ހުރި ހަސީނާ ސުވާލު ކުރިއެވެ.
"ހުމޭއަށް އިނގޭނެ މިހާރު.... ހުމޭ، މަންމަ މެންނަށް ހުރިހާ ވާހަކައެއް ކިޔާދީބަލަ....." ހުމޭދާއާއި ދިމާއަށް ބަލައިލަމުން އަޒާން ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 31 އޮކްޓޯބަރު، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް