ޗައިނާ ފަތުރުވެރިން ރައްކާތެރިކުރުމާއިބެހޭ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއިބެހޭ ގޮތުން ކަމާއިގުޅުން ހުރި އިދާރާތަކުގެ މެދުގައި ބާއްވާ 3 ވަނަ ބައްދަލުވުމެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު ޒަންގް ލިޒޮންގް ފައްޓަވާދެއްވި މި ބައްދަލުވުން އޮތީ ޝެރަޓަން ފުލްމޫން ރިޒޯޓްގައެވެ.
މި ބައްދަލުވުމަކީ 2014 ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެޤައުމުގެ މެދުގައި ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގގެ ދަށުން ބާއްވަމުން އަންނަ ބައްދަލުވުންތަކެކެވެ.
ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ބެހޭގޮތުން ކަމާއިގުޅުން ހުރި އިދާރާތަކުގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މިފަދަ ބައްދަލުވުމެއްގެ ސަބަބުން ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރަން ހުރި ގޮންޖެހުންތައް އެނގި، އެކަންތައް ހައްލުކުރާނެ ގޮތާއިމެދު މަޝްވަރާކުރެވި، ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާއިބެހޭ އިދާރާތަކުގެ މެދުގައި މުއާމަލާތްކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީއާއި ޗައިނާ އެމްބަސީގެ އޮފިޝަލުންނާއި ޓޫރިޒަމް މިނިސްޓްރީ، ހެލްތު މިނިސްޓްރީ، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، މަޓީ އަދި ކަމާއިގުޅުން ހުރި އެހެން އިދާރާތަކުގެ އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުވެސް ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް