ޕާކިސްތާނުގައި ދުއްވާފައިދިޔަ ރޭލެއްގެ ތެރޭގައި ގޭސްފުޅިއެއް ގޮވާ، ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގީ ރޭލުން ދަތުރުކުރި ފަސިންޖަރުން ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށް ބޭނުންކުރި ޕޯޓަބަލް އުނދުންތަކުގެ ތެރެއިން އުނދުނެއްގެ ގޭސްފުޅިއެއް ގޮވައިގެން ކަމަށާއި މި ހާދިސާގައި އެ ރޭލުން ދަތުރުކުރި މީހުންގެ ތެރެއިން 65 މީހުން ފިހިގެން މަރުވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުގައި ބުނެފައިވެއެވެ.
މިހާދިސާގައި 45 މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށާއި މިހާދިސާގައި އަލިފާން ރޯވުމުގެ ސަބަބުން ރޭލުގެ ތިންބައި އެއްކޮށްވަނީ ހުޅުހިފާ އަނދާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ކަރާޗީން ފުރައިގެން ރާވަލްޕިންޑީއަށް ދިއުމަށް ދަތުރުކުރި މި ރޭލަކީ ޕާކިސްތާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މުލްޓާންގެ ލިއާގަތުޕޫރުގެ ތެރެއިންލާފައި ދަތުރުކޮށްފައި ދިޔަ ރޭލެއް ކަމަށްވެސް ބުނެފައިވެއެވެ.
މިހާދިސާގައި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުން އަލިފާން ރޯވެ އެނދި ރޭލުގެ ތިންބައިގެ ތެރެއިން ދެބައިގައި ފަސިންޖަރުން ތިބީ ހުއްދަ އޮންނަ ވަރަށްވުރެ ގިނައިން މީހުން އެރވުމުގެ ސަބަބުން އޮތީ ތޮއްޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް