ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން މޫސާ މަނިކު ވަކިކުރަން، މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވާނެ ކަމުގައި ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމުގެ ބިލު މަޖިލީހަށް ބަލައިގަތުމާއިމެދު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައެވެ.
ފަލާހް ވިދާޅުވީ މިހާރު ޖަލްސާތައް ކުރިއަށްދަނީ މަޖިލީހުގެ މެމްބަރުންނަށް އެންގުމެއްނެތި ބަންދު ދުވަސްތަކާއި ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައިވެސް އެކުގައި ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރިއަށްދާއިރު މިއަދު އެ ވާހަކަ ދައްކާނެ މެމްބަރަކު ނެތަތީ ކަންބޮޑުވާކަމުގައި ފަލާހް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާއިރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ނައިބު ރައީސް މޫސަ އެވެ.
ފަލާހްގެ އެ ވާހަކަފުޅަށް ޖަލްސާގައި މޫސަ ރައްދު ދެއްވިއެވެ. މޫސަ ވިދާޅުވީ އޭނާ އަމަލު ކުރައްވަމުން ގެންދަވަނީ ޕީޕީއެމް އަދި އެމްޑީޕީންވެސް ބޭނުންވާ ގޮތަށް ނޫން ކަމަށެވެ. އަދި ޖަލްސާ އޮންނަ ގަޑިތައް އަދިވެސް ކަނޑައަޅުއްވަނީ މަޖިލީހުގެ ރައީސސް މަސީހް ކަމުގައި މޫސަ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް